ޚަބަރު

ނޫސްވެރިކަމުގެ އިނާމުތަކަށް ނަން ހުށައަޅަން ހުޅުވާލައިފި


  • 18 ދާއިރާއަކުން އިނާމު ދޭނެ

  • ނަން ހުށެއެޅޭނީ މިމަހު 9 އިން 30 އަށް

މޯލްޑިވްސް މީޑިއާ ކައުންސިލުންދޭ ނޫސްވެރިކަމުގެ އިނާމުތަކަށް ނަން ހުށައެޅުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

އެމްއެމްސީން ވިދާޅުވީ އިނާމު ދޭން ހަމަޖެހިފައިވަނީ ނޫސް މަޖައްލާ ގެޓަގަރީއާއި އޯޑިއޯ އަދި ވީޑިއޯ ޖާނަލިޒަމް ކެޓެގަރީ ހިމެނޭހެން 18 ދާއިރާއަކުން ކަމަށެވެ. އަދި މި ހުރިހާ ދާއިރާއަކުންދޭ އިނާމަށް ނަން ހުށައެޅުމުގެ ފުރުޞަތު މިހާރު ހުޅުވާލާފައިވާކަމަށް އެ ކައުންސިލުން ވިދާޅުވިއެވެ. އެގޮތުން މިމަހުގެ 9 ވަނަ ދުވަހުން ފެށިގެން މިމަހުގެ 30 ވަނަ ދުވަހާ ހަމައަށް އިނާމުތަކަށް ނަން ހުށައެޅޭނެ ކަމަށް ކައުންސިލުން މަޢުލޫމާތު ދެއްވައެވެ.

އިނާމުދޭ ދާއިރާތައް:

• ތަޙުޤީޤީ ނޫސްވެރިކަމުގެ ދާއިރާ
• އިޖުތިމާޢީ ދާއިރާ
• ސިޔާސީ ދާއިރާ
• ޝަރުޢީ އަދި ޤާނޫނީ ދާއިރާ
• ވިޔަފާރިއާއި އިޤުތިޞާދުގެ ދާއިރާ
• ކުޅިވަރުގެ ދާއިރާ
• ފޮޓޯ ޖަރނަލިޒަމްގެ ދާއިރާ
• ވީޑިއޯ ޑޮކިއުމެންޓަރީގެ ދާއިރާ
• ގްރެފިކްސްއާއި އިލެސްޓްރޭޝަންސްގެ ދާއިރާ
• ފީޒަރ ރިޕޯޓުގެ ދާއިރާ
• ތާރީޚާއި ސަގާފަތުގެ ދާއިރާ
• މުނިފޫހިފިލުވުމާއި ފަންނުވެރިކަމުގެ ދާއިރާ
• ތިމާވެށްޓާއި ދެމެހެއްތެނިވި ތަރައްޤީގެ ދާއިރާ
• އޯޑިއޯ ޖަރނަލިޒަމްގެ ދާއިރާ
• އުންމީދީ ނޫސްވެރިޔާގެ އިނާމު
• އަހަރުގެ އެންމެ މޮޅު ނޫސްވެރިޔާގެ އިނާމު
• އަހަރުގެ އެންމެ މޮޅު ކަވަރޭޖުގެ އިނާމު
• އަތޮޅުތެރޭގެ އެންމެ މޮޅު އުފެއްދުމުގެ އިނާމު

މީޑިއާ ކައުންސިލުން ވިދާޅުވީ ނޫސްވެރިކަމުގެ ދާއިރާއިން އިނާމު ދިނުމުގެ މަޤުޞަދުތަކުގެ ތެރޭގައި ދިވެހި ނޫސްވެރިންނަށް ހިތްވަރުދިނުމާއި ނޫސްވެރިންގެ މަސައްކަތް ފާހަގަކުރުމާއި ނޫސްވެރިކަމުގެ ފަންނުގައި ނޫސްވެރިކަމުގެ އަޚުލާޤީ މިންގަނޑު ހިފަހެއްޓުމަށާއި އުފެއްދުންތަކުގެ ފެންވަރު ރަނގަޅުކުރުމަށް ބާރުއެޅުން ހިމެނޭ ކަމަށެވެ.

މީޑިއާ ކައުންސިލުން ވިދާޅުވީ އިނާމު ދިނުމަށް ހަމަޖެހިފައިވާ ދާއިރާތަކުގެ ޝަރުތުތަކުގެ ތަފްސީލު "މޯލްޑިވްސް މީޑިއާ ކައުންސިލުންދޭ ނޫސްވެރިކަމުގެ އިނާމު ދިނުމުގެ އުޞޫލު" ގައި ބަޔާންކޮށްފައިވާނެ ކަމަށެވެ. އަދި އިނާމަށް ނަން ހުށަހަޅާ ފޯމާއި މާކްސް ދިނުމުގައި ބަލާނެ މިންގަނޑުތައް ދިވެހި ސަރުކާރުގެ ގެޒެޓުގައި ޢާންމުކޮށްފައިވާނެކަމަށްވެސް މީޑިއާ ކައުންސިލުން މަޢުލޫމާތު ދެއްވައެވެ.

ނޫސްވެރިކަމުގެ އެކި ދާއިރާތަކުން ހޮވޭ ފަރާތްތަކަށް ކޮންމެ އަހަރަކުވެސް މީޑިއާ ކައުންސިލުން އިނާމުދެއެވެ. އެގޮތުން ކުރީ އަހަރުތަކެކޭވެސް އެއްގޮތަށް މިއަހަރު އިނާމު ދޭނީ މިދިޔަ އަހަރު ކޮށްފައިވާ މަސައްކަތްތަކަށެވެ.

މިއަހަރުގެ ނޫސްވެރިކަމުގެ އިނާމު ދިނުމުގެ ރަސްމިއްޔާތު ބާއްވަން މީޑިއާ ކައުންސިލުން ނިންމާފައިވަނީ އަންނަ އޮގަސްޓު މަހުއެވެ.