ޚަބަރު

ސަރުކާރުގެ ޚަރަދުގައި 50 މީހުން ޙައްޖަށް ގެންދިޔައީ ޚާއްސަ ކޯޓާއެއްގެ ދަށުން: ޑރ.ޝަހީމް


  • ސަރުކާރުގެ ޚަރަދުގައި ޙައްޖަށް މީހުން ފޮނުވީ ޚާއްސަ ކޯޓާތަކެއްގެ ދަށުން

  • ރާއްޖެއިން 1150 މީހުން ޙައްޖުގެ އަޅުކަން އަދާކުރަން މައްކާއަށް ދާނެ

ސަރުކާރުގެ ޚަރަދުގައި މިއަހަރު 50 މީހުން ޙައްޖަށް ގެންދިޔައީ ޚާއްސަ ކޯޓާއެއްގެ ދަށުންކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން މިހެން ވިދާޅުވީ ސަރުކާރުގެ ޚަރަދުގައި މީހުން ޙައްޖަށް ގެންދަނީ މީގެކުރިން ޙައްޖަށް ދިއުމަށް މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނަށް ފައިސާ ދައްކާފައިވާ މީހުން އެ ކޯޕަރޭޝަންގެ ކިޔުއިން ފަހަތަށް ޖައްސާލުމަށްފަހުކަމަށް ބުނެ ބައެއް ފަރާތްތަކުން ދައްކާ ވާހަކަތަކަކާ ގުޅިގެންނެވެ.

ޙައްޖަށް ފުރާވަޑައިގަތުމުގެ ކުރިން ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގައި ނޫސްވެރިންނާ ބައްދަލުކުރައްވާ ވާހަކަދައްކަވަމުން ޑރ. ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ ސަރުކާރުގެ ޚަރަދުގައި 50 މީހުން ޙައްޖަށް ގެންދިޔައީ މާލީ ވުޒާރާގެ ބަޖެޓުން ކަމަށެވެ. އަދި އެމީހުން ޙައްޖަށް ފޮނުވީ ރާއްޖެއަށް ލިބުނު ރަސްމީ ކޯޓާތަކެއްގެ ދަށުން ނޫންކަމަށާއި އެ ފަރާތްތައް ޙައްޖަށް ފޮނުވީ ރާއްޖެއަށް ލިބުނު ޚާއްސަ ކޯޓާތަކެއްގެ ދަށުން ކަމަށެވެ. އެގޮތުން ކޮންމެ ޤައުމަކަށްވެސް ޚާއްސަ 50 ނުވަތަ 70 ކޯޓާ ސަޢުދީ ޢަރަބިއްޔާގެ ސަރުކާރުން ދޭ ކަމަށް ވަޒީރު ވިދާޅުވިއެވެ.

"މިހާތަނަށް އަޅުގަނޑުމެން ބެލިބެލުމުގައި ސަރުކާރުގެ ޚަރަދުގައި ޙައްޖަށް ގެންދަން މީހުން އިޚްތިޔާރު ކުރުމުގައި އެއްވެސް މައްސަލައެއް ނެތް. އަދި ސަރުކާރުން މި ކަންކަން ވަރަށް ގާތުން ބަލާނެ." ވަޒީރު ވިދާޅުވިއެވެ.

ސަރުކާރު ޚަރަދުގައި ޙައްޖަށް ފޮނުވުމުގައި އުޞޫލުން ބޭރުން ޢަމަލުކޮށްފައިވާކަމަށް ބައެއް ފަރާތްތަކުން ތުހުމަތުކުރި ނަމަވެސް ޑރ. ޝަހީމް ވަނީ ޙައްޖަށް މީހުން ފޮނުވުމުގައި އެއްވެސް ގޯހެއް ނޯންނާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ.

ރާއްޖޭން މިއަހަރު 1150 މީހުން ޙައްޖުގެ އަޅުކަން އަދާކުރަން މައްކާއަށް ދާނެކަމަށާއި އެގޮތުން ރާއްޖެއިން ޙައްޖަށްދާ މީހުންގެ ފަހު ފްލައިޓު މިއަދު ސަޢުދީ ޢަރަބިއްޔާއަށް ފުރާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ. އަދި ދިވެހިރާއްޖެއިން މިފަހަރުގެ އަމީރުލް ޙައްޖުގެ ގޮތުގައި ވަޑައިގަންނަވާނީ ތަޢުލީމީ ވަޒީރު ޑރ. އިސްމާޢިލް ޝަފީޢުކަމަށްވެސް އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ވިދާޅުވެއެވެ.