މެއިމަހު 1.66 ބިލިއަން ރުފިޔާ ބަލައިގަނެފައިވާކަމަށް މޯލްޑިވްސް އިންލެންޑު ރެވެނިއު އޮތޯރިޓީ، މީރާއިން ހާމަކޮށްފިއެވެ.
މިއަދަދަކީ ވޭތުވެދިޔަ އަހަރުގެ މިމުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ %4.8 ދަށް އަދަދެކެވެ. އަދި މިއަހަރުގެ މެއިގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ %0.8 އިތުރު އަދަދެކެވެ.
މީރާއިން މައުލޫމާތު ދޭ ގޮތުގައި، މެއިމަހު ލިބުނު އާމްދަނީ ދަށްވުމުގެ މައިގަނޑު ސަބަބަކީ، ކޯޕަރޭޓް އިންކަމް ޓެކްސްއާއި، ޖީ.ޖީ.އެސް.ޓީ، އަދި އެއަރޕޯޓް ޓެކްސް ފީ ގެ ގޮތުގައި ލިބިފައިވާ އާމްދަނީ ދަށް ވުމެވެ.
މީގެ އިތުރުން، 2023 ވަނަ އަހަރުގެ ޖޫން މަހު އައިސްފައިވާ އާމްދަނީން ނަގާ ޓެކުސްގެ ސުންގަޑީގެ ފައިސާ، ސުންގަޑީގެ ކުރިން، އެ އަހަރުގެ މޭ މަހު ގިނަ ފަރާތްތަކުން ދައްކާފައިވުމަކީވެސް މޭ 2023 ގައި ލިބުނު އާމްދަނީ އާ އަޅާބަލާއިރު މިއަހަރުގެ މޭމަހު ލިބިފައިވާ އާމްދަނީ ދަށްވި ސަބަބެކެވެ.
މިއަހަރުގެ މެއި މަހު ލިބިފައިވަނީ، އާމްދަނީން ނަގާ ޓެކުސްގެ ކުރީގެ ސުންގަޑިތަކުގައި ދައްކާފައިނުވާ ފައިސާއެވެ. މޭ މަހުގެ އާމްދަނީ ދަށްވުމުގެ އިތުރު ސަބަބަކީ، ޖީ.އެސް.ޓީގެ ސުންގަޑިއަށް ބައެއް ފަރާތްތަކުން ޖީ.އެސް.ޓީ ދައްކާފައިނުވާތީކަމަށް މީރާއިން މައުލޫމާތުދެއެވެ.
މިއަހަރުގެ މެއިމަހު ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ އާމްދަނީ އިތުރުވެފައިވަނީ، ނޮން ރެޒިޑެންޓް ވިތުހޯލްޑިން ޓެކްސްއާއި ޓޫރިޒަމް ލޭންޑް ރެންޓުން ލިބިފައިވާ އާމްދަނީ އިތުރުވުމުން ކަމަށް މީރާއިން މައުލޫމާތުދެއެވެ.
މޭ 2024 ގައި މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ހިއްސާއަކީ ޖީ.އެސް.ޓީއެވެ. އެއީ 1.10 ބިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އާމްދަނީން ނަގާ ޓެކްސްއިންނެވެ. އެއީ 149.35މިލިއަން ރުފިޔާއެވެ.
މީގެ އިތުރުން އެއަރޕޯޓް ޑިވެލޮޕްމެންޓް ފީގެ ގޮތުގައި 96.55 މިލިއަން ރުފިޔާ، ޑިޕާޗަރ ޓެކުސްގެ ގޮތުގައި 93.68 މިލިއަން ރުފިޔާ، ގްރީން ޓެކްސްގެ ގޮތުގައި 25.85 މިލިއަން ރުފިޔާ، އަދި އެހެނިހެން ޓެކްސްއާއި ފީގެ ގޮތުގައި 135.30 މިލިއަން ރުފިޔާ ލިބިފައިވެއެވެ.
މެއިމަހު ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 66.57 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.