ޚަބަރު

މިއަހަރުގެ ސްޓޫޑެންޓް ލޯނު 1000 އަށްވުރެ ގިނަ ދަރިވަރުންނަށް


  • 1015 ދަރިވަރުން ލޯނަށް ޝަރުތުހަމަވޭ

  • ޕައިލެޓުކަން ކިޔަވަން ފުރުޞަތު ދީފައިވަނީ 10 ދަރިވަރުންނަށް

ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތަޢުލީމާއި ތަމްރީނު ހޯދަން ސަރުކާރުންދޭ ލޯނު ލިބުނު ކުދިންގެ ލިސްޓު ޢާންމުކޮށްފިއެވެ.

މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން ވިދާޅުވީ މަތީ ތަޢުލީމު ޙާސިލްކުރަން ސަރުކާރުންދޭ ލޯނަށް އެދި 1709 އެޕްލިކޭޝަން ލިބުނު ކަމަށާއި މީގެ ތެރެއިން ލޯނަށް ޝަރުޠު ހަމަވަނީ 1153 ދަރިވަރުން ކަމަށެވެ. އަދި މިހާތަނަށް ލޯނު ސްކީމަށް ހޮވިފައިވާ ދަރިވަރުންގެ އަދަދަކީ 1015 ކަމަށްވެސް މަތީ ތަޢުލީމާބެހޭ ވުޒާރާއިން ވިދާޅުވިއެވެ.

މަތީ ތަޢުލީމާބެހޭ ވުޒާރާއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މަތީ ތަޢުލީމާބެހޭ ވަޒީރު ޑރ. މަރްޔަމް މާރިޔާ ވިދާޅުވީ ލޯނަށް އެދި ހުށައެޅި ދަރިވަރުންގެ ތެރެއިން ޕައިލެޓުކަން ކިޔެވުމަށް 148 ދަރިވަރުން ހުށައެޅި ކަމަށެވެ. ނަމަވެސް ރާއްޖޭގެ ފްލައިން ސްކޫލުގެ ކެޕޭސިޓީއަށް ބެލުމަށްފަހު ޕައިލެޓްކަން ކިޔެވުމުގެ ފުރުޞަތު ދީފައިވާނީ މެރިޓް އުޞޫލުން ބަލާ އެންމެ މަތިން މާކްސް ލިބުނު 10 ދަރިވަރުންނަށް ކަމަށް ޑރ. މާރިޔާ ވިދާޅުވިއެވެ.

"މިހެންވެ ބާކީ ތިބި 138 ދަރިވަރުންނަށް ޕައިލެޓުކަން ނޫން އެހެން ދާއިރާއަކުން ކިޔެވުމަށް އެދި ލޯނަށް ހުށައަޅަން މިހާރު ހުޅުވާލާފައި ވަނީ. އެ ދަރިވަރުންގެ ހުށައެޅުންތަކަށްފަހު ޝަރުތު ހަމަވާ ހުރިހާ ދަރިވަރުންނަށްވެސް ލޯނު ދޫކުރެވޭނެ." ޑރ. މާރިޔާ ވިދާޅުވިއެވެ.

މަތީ ތަޢުލީމާ ބެހޭ ވުޒާރާއިން ވިދާޅުވީ ލޯނު ސްކީމަށް ހޮވިފައިވާ ދަރިވަރުންނަށް މިމަހުގެ 13 ވަނަ ދުވަހުގެ ކުރިން ލޯނަށް ހޮވިފައިވާ ކަމުގެ ސްޕޮންސަރ ލެޓަރ ލިބޭނެ ކަމަށެވެ.

މިއަހަރު ސްޓޫޑެންޓް ލޯނަށް ކުރިމަތިލުމަށް މަތީ ތަޢުލީމާ ބެހޭ ވުޒާރާއިން ހުޅުވާލީ މިދިޔަ ފެބްރުއަރީމަހުގެ 29 ވަނަ ދުވަހުއެވެ. އަދި ސްޓޫޑެންޓް ލޯނަށް އެދުމުގެ މުއްދަތު މޭމަހުގެ 2 ވަނަ ދުވަހު ވަނީ ހަމަވެފައެވެ.

ޑިޕްލޮމާއިން ފެށިގެން ޕީއެޗްޑީއާ ހަމައަށް ކިޔެވުމަށް ލޯން ސްކީމަށް ކުރިމަތިލުމަށް ހުޅުވާލީ 500 ފުރުޞަތަށެވެ. މަތީ ތަޢުލީމާ ބެހޭ ވުޒާރާއިން ވަނީ އަލަށް ކިޔަވަން ފަށަން ބޭނުންވާ ދާއިރާތަކުން 370 ފުރުޞަތު ޚާއްސަކޮށްފައެވެ. އަދި ކިޔަވަމުންދާ ކެޓަގަރީއަށް ޚާއްސަކޮށްފައިވަނީ 130 ފުރުޞަތެވެ. އެހެންނަމަވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ސްޓޫޑެންޓް ލޯނަށް ކުރިމަތިލާ ދަރިވަރުންގެ ތެރެއިން ޝަރުތު ހަމަވާ ހުރިހާ ދަރިވަރުންނަށް ލޯނުދޫކުރުމަށް ނިންމަވާފައެވެ.

ތަޢުލީމީ ވުޒާރާއިން ވިދާޅުވީ ލޯނަށް ކުރިމަތިލި ދަރިވަރުންގެ ތެރެއިން ނުހޮވޭ ދަރިވަރުން ނުހޮވުނު ސަބަބު ވުޒާރާގެ ވެބްސައިޓުން ބެލޭނެ އިންތިޒާމް ހަމަޖެހިގެންދާނެކަމަށެވެ. އަދި މިކަމާ ގުޅިގެން އިތުރު ސުވާލެއް އުފެދޭނަމަ އެކަން ބަޔާންކޮށް ޝަކުވާ ހުށައެޅުމުގެ ފުރުޞަތު މިހާރު ހުޅުވާލާފައިވާކަމަށްވެސް އެ ވުޒާރާއިން ވިދާޅުވިއެވެ. ޝަކުވާ ހުށަހެޅޭނީ ވުޒާރާގެ މެއިލް [email protected] އަށެވެ.

ސްޓޫޑެންޓް ލޯނު ސްކީމްގެ ދަށުން އެދަރިވަރަކު ބޭނުން ޤައުމަކަށް ކިޔަވަންދެވޭނެއެވެ. އަދި އެ ލޯނު ނަގައިގެން ކިޔެވުމުގެ ފުރުޞަތު ދެނީ ރާއްޖެއަށް އެންމެ ބޭނުންވާ ދާއިރާތަކަށް ޚާއްސަކޮށްގެންނެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާގެ މެނިފެސްޓޯގައި ހިމެނޭގޮތަށް އިމާރާތް ކުރުމުގެ ދާއިރާއާއި އޭވިއޭޝަންގެ ދާއިރާއާއި ދަނޑުވެރިކަމުގެ ދާއިރާގެ އިތުރުން ޤައުމަށް ކޮންމެހެން ބޭނުންވާ ދާއިރާތަކަށް ޚާއްސަކޮށްފައިވާކަން ވަޒީރު މީގެ ކުރިން ވަނީ ފާހަގަކުރައްވާފައެވެ.