ހަރުދަނާ ސިޔާސީ ލީޑަރުން އުފައްދަން ޚާއްސަ މަގުޗާޓެއް އެކުލަވާލުމުގެ މަސައްކަތް ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ، އެމްޑީޕީން ފަށާފައިވާކަމަށް އެ ޕާޓީގެ ޗެއަރޕާސަން ފައްޔާޟް އިސްމާޢިލް ވިދާޅުވެއްޖެއެވެ.
ފައްޔާޟް މިހެން ވިދާޅުވީ ރޭ ބޭއްވި އެމްޑީޕީގެ ޤައުމީ މަޖިލީހުގެ 4 ވަނަ ދައުރުގެ 10 ވަނަ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.
ޤައުމީ މަޖިލީހުގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ފައްޔާޟް ވިދާޅުވީ ރާއްޖޭގެ ސިޔާސީ މަސްރަހަށް ބޮޑު ބަދަލުތަކެއް އަންނަމުންދާ މި ދަނޑިވަޅުގައި އަންނަ ބަދަލުތަކާ އެއްވަރަށް ޕާޓީގެ ހިންގުން ބަދަލުކުރަންޖެހޭ ކަމަށެވެ. އަދި މި ބަދަލުތައް ގެނައުމަށް ހަރުދަނާ މަގުޗާޓެއް އެކުލަވާލުމުގެ މަސައްކަތް މިހާރު ކުރަމުންދާކަން ފައްޔާޟް ފާހަގަކުރެއްވިއެވެ.
ފައްޔާޟް ވިދާޅުވީ އެމްޑީޕީގެ ވިސްނުމާއި ފިކުރާއި ތަސައްވުރު ދިރުވާނެ ސިޔާސީ ލީޑަރުން މަގުޗާޓުގެ ދަށުން އުފައްދަންޖެހޭ ކަމަށެވެ. އަދި އިންތިޚާބުތަކުގައި ޕާޓީއަށް ވޯޓު ލިބޭ މިންވަރު އިތުރުކުރަން ކުރެވޭނެ ކަންކަންވެސް މަގުޗާޓުގައި ހިމެނުން މުހިންމުކަމަށް ފައްޔާޟް ވިދާޅުވިއެވެ. އަދި މަގުޗާޓުގެ އެކުލަވާލާއިރު ޕާޓީގެ ޤައުމީ މަޖިލީހުގެ މެންބަރުންނާ މަޝްވަރާކުރާނެ ކަމަށާއި މި މަސައްކަތުގެ މަޢުލޫމާތު ޕާޓީގެ މެންބަރުންނާއި ޢާންމު ރައްޔިތުންނަށް ކުރިއަށް އޮތްތަނުގައި ހިއްސާކުރައްވާނެކަމަށްވެސް ފައްޔާޟް ވިދާޅުވިއެވެ.
މަގުޗާޓެއް އެކުލަވާލުމުގެ މަސައްކަތުގެ އިތުރުން ނިމިދިޔަ އިންތިޚާބުތަކުގައި އެމްޑީޕީއަށް ނާކާމިޔާބިއާ ކުރިމަތިލާންޖެހުނު ސަބަބުތައް ދިރާސާކުރުމަށް އެ ޕާޓީން ޓެކްނިކަލް ކޮމިޓީއެއް އެކުލަވާލައިގެން ދިރާސާކުރުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ. މިކަމާ ގުޅޭގޮތުން ރޭ އެމްޑީޕީން ބޭއްވި ޤައުމީ މަޖިލީހުގެ ބައްދަލުވުމުގައި މެންބަރުންނަށް ވަނީ މަޢުލޫމާތު ހިއްސާކޮށްފައެވެ.
އެމްޑީޕީން ބުނާ ގޮތުގައި ދިރާސާކުރާ ކޮމިޓީގެ ފަރާތުން ޕާޓީގެ އެކިއެކި ފަރާތްތަކާ އިންޓަވިއުކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. އަދި ކުރިއަށް އޮތްތަނުގައި ރާއްޖޭގެ އެކި ރަށްރަށަށް ޒިޔާރަތްކޮށް މެންބަރުންގެ ޚިޔާލު ހޯދަން ކޮމިޓީން ނިންމާފައިވާކަމަށްވެސް އެ ޕާޓީން ބުނެއެވެ.