ޚަބަރު

ދޮޅު މިލިޔަން ޙައްޖާޖީންނާ އެކު ޙައްޖުގެ މަތިވެރި އަޅުކަން ފަށައިފި


ދޮޅު މިލިޔަން ޙައްޖާޖީންނާ އެކު މި އަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަން ފަށައިފިއެވެ. ކުޅަދާނަވެގެންވާ ކޮންމެ މުސްލިމެއްގެ މައްޗަށް ފަރުޟު ކުރައްވާފައިވާ ޙައްޖުގެ މަތިވެރި އަޅުކަން އަދާ ކުރުމަށް ސަޢޫދީ ޢަރަބިއްޔާގައިވާ މުސްލިމުންގެ އެންމެ މަތިވެރި ބިން, މައްކާއަށް ޖަމާވެފައިވާ ޙައްޖާޖީން މިއަދު ވަނީ މިނާއަށް ދަތުރު ފަށާފައެވެ.

މިނާގެ ވާދީއަކީ, މުސްލިމުންގެ ޤިބުލަ ކަމުގައިވާ ކަޢުބަތުاللهގެފުޅުގެ 6 ކިލޯމީޓަރު އިރުން އޮންނަ ވާދީއެކެވެ. ޙައްޖުވެރިންގެ ގިނަ ޢަދަދެއްގެ ބަޔަކު މިނާއަށް ދަތުރު ކޮށްފައި ވަނީ ފައިމަގުގައެވެ. އަދި, އެތަކެއް ސަތޭކަ ހާސް ބަޔަކު ބަސްތަކުގެ ވެސް މިނާއަށް ދަތުރު ފަށާފައިވެއެވެ. ޙައްޖު މަހުގެ 8ވަނަ ދުވަހު އިރުއޮއްސުމުގެ ކުރިން, މައްކާގައި ތިބި ޙައްޖާޖީންގެ ތެރެއިން ގިނަ ބަޔަކު މިނާއަށް ދަތުރު ފަށާނެއެވެ.

މިނާ ވާދީއަށް ދަތުރުކޮށް ޙައްޖުގެ އަޅުކަމުގައި ހިމެނޭ އެންމެ މުހިންމު އަދި އެންމެ ބަރަކާތްތެރި އެއް ދުވަސް ކަމުގައިވާ ޢަރަފާތު ދުވަހަށް ޙައްޖުވެރިން ތައްޔާރުވާނެއެވެ. 250 އެއްހާ ހެކްޓަރުގެ ބޮޑު މިނާ ވާދީގައި ޙައްޖާޖީންނަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން 100,000އަށްވުރެ ގިނަ އެއަރ ކޮންޑިޝަން ކޮށްފައިވާ ފޭލިގެ ޖަހާފައިވެއެވެ. 2.6 މިލިޔަން ޙައްޖާޖީންނަށް އެއް ފަހަރާ, ފަސޭހަކަމާ އެކު ތިބެވޭނެ އިންތިޒާމުތައް ހަމަޖައްސާފައިވާ އެ ވާދީއަށް ޓެންޓު ސިޓީއޭ ވެސް ކިޔެއެވެ.

ސޫރަތުލް-ބަޤަރާގެ 203ވަނަ އާޔަތުގައި މާާތްالله މިނާގެ މަތިވެރިކަމުގެ ވާހަކަ ވަޙީ ކުރައްވާފައިވެއެވެ. އަދި, އެއީ އިބްރާޙީމް (عليه السلام)ގެ މައްޗަށް މާތްالله ކުރިމަތި ކުރެއްވި އެންމެ ބޮޑު އެއް އިމްތިހާން ކަމުގައިވާ, ދަރިކަލުން އިސްމާޢީލް (عليه السلام) ޤުރުބާން ކުރެއްވުމަށް ވަޙީ ކުރެއްވުމުން, އެ އަމުރު ތަންފީޒު ކުރެއްވުމަށް އިސްމާޢީލް (عليه السلام) ގެންދެވި ބިމެވެ.

މިނާގައި ރޭ ކުރުމަށް ފަހު ޙައްޖުވެރިން ދެން ދަތުރު ފަށާނީ މާތްވެގެންވާ ޢަރަފާތު ބިމަށެވެ. ޢަރަފާތު ދުވަހަކީ ޙައްޖުގެ މަތިވެރި އަޅުކަމުގެ ތެރެއިން އެންމެ މަތިވެރިވެގެންވާ ދުވަހެވެ. އެ ދުވަހުގެ މެންދުރު ވަގުތުގެ ކުރިން ހުރިހާ ޙައްޖާޖީން ޢަރަފާތު ބިމަށް ޖަމާވާނެއެވެ. އެއީ, ރަޙުމަތުގެ ފަރުބަދަ ކަމުގައިވާ ޢަރަފާތު ފަރުބަދަ ލައްވާފައިވާ ބިމެވެ. އެ ދުވަހުގެ އިރުއޮއްސެންދެން ޙައްޖުވެރިން ޢަރަފާތު ބިމުގައި ހޭދަ ކުރާނީ މާތްاللهގެ މަތިވެރިކަން ހަނދުމަ ކުރުމުގެ ގޮތުން މުނާޖާ ދަންނަވައި, ޛިކުރު ކުރުމާއި ދުޢާ ދެންނެވުމުގައެވެ.

ޢަރަފާތު ދުވަހުގެ އިރުއޮއްސުމާ އެކު ޙައްޖާޖީން ދެން ދަތުރު ފަށާނީ މުޛްދަލިފާއަށެވެ. އެ ބިމުގައި ރޭކުރުމަކީ ޙައްޖުގެ އަޅުކަމުގެ ތެރެއިން ވާޖިބުވެގެންވާ މަތިވެރި ރުކުނެކެވެ. މުޛްދަލިފާއަކީ މިނާގެ އިރުދެކުނުން މުޙައްސަރު ވާދީއާއި އަލް-މަޛާމީން ފަރުބަދައާ ދެމެދުގައި އޮންނަ 12 އަކަކިލޯމީޓަރުގެ ބޮޑު ސަރަޙައްދެކެވެ. މުޛްދަލިފާގައި ޙައްޖާޖީން މާތްاللهގެ މަތިވެރިކަން ހަނދުކޮށް މުނާޖާ ދަންނަވާނެއެވެ. ޙައްޖާޖީން މުޛްދަލިފާއިން ފައިބަން ފަށާނީ ފަތިސް ނަމާދު އަދާ ކުރުމަށް ފަހުއެވެ.

މުޛްދަލިފާއަށް ފަހު ޙައްޖުވެރިން ދެން ދަތުރު ކުރާނީ މިނާއަށެވެ. ޙައްޖުގެ އަޅުކަމުގައި ހިމެނޭ ރުކުނެއް ކަމުގައިވާ އަލް-ޖަމަރާތަށް ނުވަތަ ޖަމްރާއަށް ހިލަ އުކުމުގެ ރުކުން ފުރިހަމަ ކުރާށެވެ. އެއީ, އިބްރާޙީމް (عليه السلام) އެ ކަލޭގެފާނުގެ ދަރިކަލުން އިސްމާޢީލް (عليه السلام) ޤުރުބާން ކުރައްވަން މާތްالله ވަޙީ ކުރެއްވުމުން, އެ ވަޙީއާ އެއްގޮތަށް އަމަލު ކުރައްވަން މަސައްކަތްޕުޅު ފެއްޓެވުމުން, ލަޢަނަތްލެއްވި ޝައިޠާނު އެ ކަލޭގެފާނަށް ވަސްވާސް ދޭން މަސައްކުރި ބިމެވެ. އަދި, އޭނާގެ ނުބައިކަމުން ސަލާމަތް ކުރެއްވުމަށް އެދި އިބްރާޙީމް (عليه السلام) ރާމިޔަލް-ޖަމަރާތު ފުރިހަަމަ ކުރެއްވި ތަނެވެ. ޙައްޖާޖީން ރާމިޔަލް-ޖަމަރާތު އަދާ ކުރުމަށް ފަހު ދެން އެނބުރި ދާނީ މިނާގައިވާ ފޭލިގެތަކަށެވެ.

2019ވަނަ އަހަރު ޙައްޖުގެ މަތިވެރި އަޅުކަން އަދާ ކުރުމަށް 2.4 މިލިޔަން މުސްލިމުން ސަޢޫދީ ޢަރަބިއްޔާއަށް ޖަމާވިއެވެ. ނަމަވެސް, ޖެހިގެން އައި އަހަރު ކުރިމަތިވި ކޮވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން އެ ޢަދަދު އެތަކެއް ގުނައަކަށް ދަށް ކުރިއެވެ. 2020 އަދި 2021ވަނަ އަހަރު ސަޢޫދީ ޢަރަބިއްޔާގެ ސަރުކާރުން ޙައްޖުގެ އަޅުކަން އަދާ ކުރުމަށް ފުރުޞަތު ދީފައި ވަނީ 60,000އެއްހާ ޙައްޖާޖީންނަށެވެ.

ޙައްޖަކީ, އެންމެ ގިނަ ބަޔަކު އެއްތަނަކަށް ޖަމާވެ ބައިވެރިވާ ދުނިޔޭގެ އެންމެ ބޮޑު އެއް ދީނީ އަޅުކަމެވެ. އެއީ, ކުޅަދާނަވެގެންވާ ކޮންމެ މުސްލިމެއްގެ މައްޗަށް ފަރުޟު ކުރައްވާފައިވާ މަތިވެރި އަޅުކަމެކެވެ.