ރައްޔިތުންނަށް ފޯރުކޮށްދޭ ޞިއްޙީ ޚިދުމަތްތަކުގެ ފެންވަރު މަތިކޮށް، ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމަށް ކުރާ މަސައްކަތްތަކުގެ ތެރެއިން، ހޮސްޕިޓަލްތަކުގެ ސީއީއޯއިންނާއެކު ކުރިއަށް ގެންދިޔަ ސިލްސިލާ ބައްދަލުވުންތައް ނިންމާލައިފިއެވެ.
މި ބައްދަލުވުންތަކުގެ މައިގަނޑު މަޤްޞަދަކީ ޞިއްޙީ ޚިދުމަތްތައް ލާމަރުކަޒީކޮށް، ރައްޔިތުންނާ ވީހާވެސް ގާތުން ފޯރުކޮށްދިނުމަށްޓަކައި އައުޓްރީޗް ޕްރޮގްރާމްތައް އިތުރަށް ފުޅާކުރުމެވެ. މިގޮތުން، ޚިދުމަތްތައް ފުޅާކުރުމަށް ކުރާ މަސައްކަތްތަކުގައި މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްއިން ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ދެއްވާނެކަމުގެ ފުރިހަމަ ޔަޤީންކަން މި ބައްދަލުވުންތަކުގައި ދެއްވާފައިވާކަމަށް ޞިއްޙަތާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.
މި ސިލްސިލާ ބައްދަލުވުންތަކުގައި، ހޮސްޕިޓަލްތައް އިދާރީގޮތުން ހިންގުމުގައި ދިމާވާ އެކިއެކި ގޮންޖެހުންތަކާއި ދަތިތައް ދެނެގަނެވިފައިވެއެވެ. އަދި މި ކަންކަމުގައި ޝާމިލުވާ އެންމެހައި މުއައްސަސާތަކާއި ވަކިވަކިން ބައްދަލުކޮށް، އެ މައްސަލަތަކަށް ދާއިމީ އަދި ހަރުދަނާ ޙައްލުތަކެއް ގެނެވޭނެ ގޮތްތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ވަނީ މަޝްވަރާކުރެވިފައެވެ.
ޤައުމުގެ ޞިއްޙީ ނިޒާމަކީ ވަށާޖެހޭ އަދި އެކަކު އަނެކަކަށް ބަރޯސާވެވޭފަދަ ހަރުދަނާ ނިޒާމަކަށް ހެދުމަށްޓަކައި، ހުރިހާ މުއައްސަސާތަކެއް ގުޅިގެން އެއް ޓީމެއްގެ ގޮތުގައި މަސައްކަތްކުރުމުގެ މުހިންމުކަން މި ބައްދަލުވުންތަކުގައި ވަނީ ފާހަގަކޮށްފައެވެ. ވަކިވަކި ޚިދުމަތްތަކުގެ ބަދަލުގައި އެންމެން ގުޅިގެން އެއް އަމާޒަކަށް މަސައްކަތްކުރުމަކީ ޚިދުމަތުގެ ފެންވަރު ރަނގަޅުވެ، ރައްޔިތުންގެ އިތުބާރު އިތުރުވެގެންދާނެ ކަމެއް ކަމުގައި ވަޒީރު ޤީލާ އަލީ ވަނީ ފާހަގަކުރައްވާފައެވެ.
މި ބައްދަލުވުންތަކުގެ ނަތީޖާއެއްގެ ގޮތުން، ކުރިއަށް އޮތް ތަނުގައި އިދާރީ ހިންގުން އިތުރަށް ހަރުދަނާވެ، ރައްޔިތުންނަށް ދެވޭ ޞިއްޙީ ޚިދުމަތްތަކަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް އުންމީދު ކުރާކަމަށް ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.