ޚަބަރު

ސަރުކާރުން އެދުނު ގޮތަށް ޢީދު ފާހަގަކުރަން ރައްޔިތުންގެ އެއްބާރުލުން ލިބުނު: ޞިއްދީގު


  • މިފަހަރުގެ ޢީދު ބަންދުގައި ރައްޔިތުން އެއްބައިވަންތަކަން ދެއްކި

  • ޢީދު ހަރަކާތްތަކުގެ ތެރެއިން ޤައުމިއްޔަތު ދިރުވުން މުހިންމު

  • އެހެން ޢީދު ބަންދުތަކާ އަޅާބަލާއިރު މިފަހަރު ކުށް މަދު

ސަރުކާރުން އެދުނު ގޮތަށް އިސްލާމީ ހުދޫދުގެ ތެރެއިން ޢީދު ފާހަގަކުރަން މިފަހަރު ރަށްރަށުން ވަރަށް ފުރިހަމަ އެއްބާރުލުމެއް ލިބުނުކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ޞިއްދީޤު ވިދާޅުވެއްޖެއެވެ.

މިއަހަރުގެ އަޟްޙާ ޢީދު ކުލަގަދަކޮށް ފާހަގަކުރުމަށް އަތޮޅުތަކާ މާލޭގައި ގިނަ ހަރަކާތްތަކެއް ވަނީ ބާއްވާފައެވެ. އެގޮތުން މާލެއާއި ހުޅުމާލޭގައި، އިދާރާތަކާއި ޖަމިއްޔާތައް ގުޅިގެން ގިނަ ހަރަކާތްތަކެއް ބާއްވާފައިވާއިރު، ޤައުމީ ފެންވަރުގައި 3 ރަށެއްގައި ވަނީ ޢީދު ފާހަގަކޮށްފައެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގުރާމުގައި ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު އަޙްމަދު ޞިއްދީޤު ވިދާޅުވީ މިއަހަރުގެ ޢީދު ފާހަގަކުރުމާ ގުޅޭގޮތުން ސަރުކާރުން ރައްޔިތުންގެ ކިބައިން ވަރަށް ގިނަ ކަންކަމަށް އެދުނު ކަމަށެވެ. އެގޮތުން އިސްލާމީ ސަގާފަތާއި ދިވެހިންގެ ސަގާފަތާ އެއްގޮތަށް ޢީދު ފާހަގަކުރުމަށް ސަރުކާރުން އެދުނު ކަމަށް ޞިއްދީޤު ވިދާޅުވިއެވެ. އަދި ބޭރުގެ ސަގާފަތްތަކަށް ޢީދު ފާހަގަނުކުރުމަށް ސަރުކާރުން އެދުނުކަމަށްވެސް ޞިއްދީޤު ވިދާޅުވިއެވެ. ޞިއްދީޤު ވިދާޅުވީ ސަރުކާރުން އެދުނު މިފަދަ ހުރިހާ ކަމަކަށް ރައްޔިތުން އިޖާބަދެއްވާ، އެއްބައިވަންތަކަން ދެއްކި ކަމަށެވެ.

"ޢީދު ފާހަގަކުރަން ވާނީ ވަކި ހުދޫދެއްގެ ތެރޭގައި ކަމަށް ރައީސް ވިދާޅުވެފައިވޭ. ޢީދު ފާހަގަކުރާއިރު ދިވެހިންގެ އާދަކާދައަށާއި އިސްލާމީ ރިވެތި ސިފަތަކަށް ތަބާވާންޖެހޭ. އަޅުގަނޑުމެންނަށް ފާހަގަކުރެވުނު މިކަންކަމަށް ރައްޔިތުން އިޖާބަދިންކަން. ރައްޔިތުންގެ އާދަޔާޚިލާފު އެއްބާރުލުމެއް މިފަހަރު ސަރުކާރަށް ލިބުނު" ޞިއްދީޤު ވިދާޅުވިއެވެ.

މި ޕްރޮގުރާމުގައި ވާހަކަދައްކަވަމުން ޞިއްދީޤު ވަނީ ޢީދު ފާހަގަކުރުމަށް ބާއްވާ ހަރަކާތްތަކުގެ ތެރެއިން ދިވެހި ޤައުމިއްޔަތު ދިރުވުމުގެ މުހިންމު ކަމުގައި މައްޗަށްވެސް އަލިއަޅުވާލައްވާފައެވެ. އެގޮތުން ޢީދުގެ ކުޅިވަރުތަކުގައި ދިވެހިންގެ އިހުގެ ސަގާފަތްތަކާއި އިހު ކުޅެ އުޅުނު ކުޅިވަރުތައް ހިމެނުމަކީ މުހިންމު ކަމެއްކަމަށް ވިދާޅުވިއެވެ. އަދި ދިވެހިންގެ ސަގާފަތާއި އާދަކާދަ އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދެވޭނީވެސް އޭރުންކަން ޞިއްދީޤު ވަނީ ފާހަގަކުރައްވާފައެވެ.

ދާޚިލީ ސަލާމަތާބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ޞިއްދީޤު ވިދާޅުވީ ޢީދު ބަންދާ ދިމާކޮށް ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި ފުލުހުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އަދި މިފަހަރުގެ ޢީދު ބަންދުގައި މީހުން ކުށްތަކަށް އަރައިގަންނަ މިންވަރުވެސް އެހެން ޢީދު ބަންދުތަކާ އަޅާބަލާއިރު މަދުވެފައިވާކަން ޞިއްދީޤު ފާހަގަކުރެއްވިއެވެ.