ޚަބަރު

މެޗަށް ނުކުންނާނީ މޮޅަކާއެކު ދެވަނަ ބުރަށް ދަތުރުކުރުމަށް: ޑެޝޯމްޕްސް


ޔޫރޯ 2024 ގެ ގްރޫޕް ޑީ ގައި މިރޭ ނެދަލެންޑްސްއާ ދެކޮޅަށް ކުޅުމަށް ހަމަޖެހިފައިވާ މެޗުގެ ކުރީން، އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފްރާންސްގެ ކޯޗު، ޑިޑިއޭ ޑެޝޯމްޕްސް ވަނީ، އޭނާގެ ޓީމުން ނިކުންނާނީ ނެދަލެންޑްސް ބަލިކޮށް، ދެވަނަ ބުރަށް ދަތުރުކުރުމުގެ އަމާޒުގައި ކަމަށް ބުނެފައެވެ.

އެގޮތުން، ޑެޝޯމްޕްސް ބުނީ، ކޮންމެ މެޗަކީ ތަފާތު މެޗެއް ކަމަށާއި، އޭނާގެ ޓީމުން އެންމެ ފުރަތަމަ ކަނޑައެޅި އަމާޒުކަމަށްވާ، އޮސްޓްރިއާ މެޗުން މޮޅުވުމުގެ ޓާގެޓް ހާސިލްކޮށްފައިވާ ކަމަށެވެ. ދެން އޮތީ ދެވަނަ މެޗު ކާމިޔާބުކޮށް، އަނެއް ބުރަށް ކޮލިފައިވުން ކަމަށް ޑެޝޯމްޕްސް ބުންޏެވެ.

އަދި ކޮންމެ ކޯޗެއްވެސް ބޭނުންވާނީ އިދިކޮޅު ޓީމަށް ނުރައްކާކޮށް، ވީ އެންމެ ރަނގަޅަކަށް އެ މެޗެއްގައި ކުޅުމަށް ކަމަށް ވެސް ޑެޝޯމްޕްސް ވަނީ ބުނެފައެވެ.

ފްރާންސްގެ ފޯވާޑް، އެންޓޮއިން ގްރީޒްމަން ބުނީ، ދެން އޮތް މެޗަށް ނިކުންނާނީ ފުރަތަމަ މެޗަށްވުރެ ހުރިހާ ކަމެއް ވެސް ރަނގަޅުކޮށްގެން ކަމަށެވެ.

ގްރީޒްމަން ވަނީ، ފްރާންސުން ފުރަތަމަ މެޗުގައި ރަނގަޅަށް ޑިފެންސްކުރި ކަމަށާއި، އެކަމަކު އެޓޭކްތަކުގައި އެންމެ ރަނގަޅަށް ފުރުޞަތުތައް ނިންމާނުލެވުނުކަން ފާހަގަކޮށް، އެކަންތައް ރަނގަޅުކުރަން ޖެހޭނެ ކަމަށް ބުނެފައެވެ.

މުބާރާތުގައި ފްރާންސުން ނެދަލެންޑްސްއާ ދެކޮޅަށް ކުޅުމަށް ހަމަޖެހިފައިވާ މި މެޗު ފަށާނީ ރާއްޖޭގަޑިން މިރޭ 12 ޖަހާއިރު އެވެ.