ޚަބަރު

ޕޮލަންޑަށް ފުރުސަތު ހަނިކޮށް، އޮސްޓްރިއާއިން ފުރުސަތު ތަނަވަސްކޮށްފި


ޕޮލެންޑަށް ފުރުޞަތު ހަނިކޮށް، އޮސްޓްރިއާ އިން ޔޫރޯ 2024 ގެ ގަދަ 16 އިން ޖާގަ ހޯދުމުގެ ފުރުޞަތު ތަނަވަސްކޮށްފި އެވެ. ފުރަތަމަ މެޗުން ބަލިވި ދެޓީމް ވާދަކުރި މެޗު 3-1 ން ކާމިޔާބުކޮށް އޮސްޓްރިޔާ އިން ވަނީ ނޮކްއައުޓް ބުރަށް ދިއުމުގެ އަމިއްލަ ބާރު ދަމަހައްޓާފައެވެ.

މެޗުން ބަލިވުމުން ނޮކްއައުޓް ބުރަށް ދާން ޕޮލެންޑަށް އަމިއްލަ ބާރެއް ނެތެވެ. ދެ މެޗުން ބަލިވުމުން ގިނަވެގެންވެސް ދެން ޕޮލެންޑަށް ހޯދޭނީ ތިން ޕޮއިންޓެވެ. އޮސްޓްރިއާ އިން ވަނީ މެޗުގައި ގޯލަށް ފޮނުވާލި ފުރަތަމަ ބޯޅައިން ލަނޑު ޖަހާ ލީޑް ނަގާފައެވެ. އަރިމަތިން ފިލިޕް އެމްވީނާ ނަގައިދިން ބޯޅަ ބޮލުން ގޯލްގެ މަތީ ކަނަށް ފޮނުވާލައިގެން ލީޑް ނަގައިދިނީ ޑިފެންޑަރ ގާނޮޓް ޓުރައުނާ އެވެ.

އެކަމަކު 29 ވަނަ މިނިޓްގައި ޕޮލެންޑުން ވަނީ ނަތީޖާ ހަމަހަމަކޮށް އުއްމީދު ހޯދާފައެވެ. ނަތީޖާ ހަމަހަމަ ކޮށްދިނީ ގޯލްއޭރިޔާ ބޭރުން ޕަޔަޓެކް ގޯލްގެ އަރިމަތިން ތިރީ ކަނަށް ބޯޅަ ފޮނުވާލައިގެންނެވެ. ޕަޔަޓެކް އަށް ފުރުޞަތު ލިބުނީ ފުރަތަމަ ޖޭން ބެޑްނާރެކް ފޮނުވާލުމުން އޮސްޓްރިއާ ކުޅުންތެރިއަކު ގައިގަ ޖެހިފަ ބޯޅަ ކުޅުމުގެ ތެރެއަށް އައި ވަގުތު އެވެ.

އޮސްޓްރިއާއަށް ދެވަނަ ފަހަރަށް ލީޑް ނަގައިދިނީ ކްރިސްޓޮފް ބައުމްގާޓްނަރ އެވެ. ބޯޅައާއެކު ކުރިއަށް ޖެހިލާ މާކީ އާނައުޓޮވިޗް ޖައްސާލި ރީތި ބޯޅަ ޕެނަލްޓީ އޭރިޔާ ރޮނގު މަތިން ބައުމްގާޓްނަރ ނިންމާލީވެސް އެހާ ހިތްގައިމުކޮށެވެ. ބޯޅަ އަށް ކީޕަރު ޑައިވްކުރީ ވެސް ނުބައި ފަޅިއަށެވެ. އޮސްޓްރިއާ އިން ލީޑް ފުޅާކުރީ 76 ވަނަ މިނިޓްގައި ލިބުނު ޕެނަލްޓީ އަކުންނެވެ. މިއީ ހާފްގެ މެދަކާ ހިސާބުން ޕޮލެންޑް ކުޅުންތެރިޔާ އަތުން ބޯޅަ އަތުލައިގެން ކުރިއަށް އަރާ، ބޯޅަ އާއެކު އޭރިޔާ ތެރެއަށް ވަދެ ކީޕަރުވެސް ނައްޓާލިފަހުން ކީޕަރު ކުރި ފައުލަށް ރެފްރީ ދިން ޕެނަލްޓީ އެކެވެ. ޕެނަލްޓީ ކާމިޔާބުކުރީ ކެޕްޓަން މާކޯ އަރނޯޓޮވިކް އެވެ. ކީޕަރު ގޯސް ފަޅިއަށް ޑައިވް ކުރުވުމަށްފަހު އޭނާ ޕެނަލްޓީ ފޮނުވާލީ ގޯލްގެ އަރިމަތިން ތިރީ ކަނަށެވެ.

ލީޑް އިތުރަށް ފުޅާކުރާނެ ފުރުޞަތުތައްވެސް އޮސްޓްރިއާއިން ހޯދިއެވެ. ޕޮލެންޑުންވެސް މަދު ފުރުޞަތުތަކެއް ހޯދިއެވެ. ޕޮލެންޑްގެ ނިކޯލާ ޒެލެވްސްކީ އަށް 17 ވަނަ މިނިޓްގައި މުޅިން ހުހަށް އޭރިޔާ ތެރެއިން ބޯޅަ ލިބުމުން ފޮނުވާލެވުނީ މާމަތިން ބޭރަށެވެ. އޮސްޓްރިއާ ކެޕްޓަން މާކޯ އަރނޯޓޮވިކް 23 ވަނަ މިނިޓްގައި ޕެނެލްޓީ ސްޕޮޓާ ހިސާބުން ފޮނުވާލި ބޯޅަ ދިފާއުކުރީ ކުރިމަތީ ހުރީ ކީޕަރެވެ. ހާފް ނިމެން ހަތަރު މިނިޓަށް ވެފައި ވަނިކޮށް އޮސްޓްރިއާގެ މާސެލް ސަބިޓްޒަރ 30 ޔާޑުން ތިރިން ފޮނުވާލި ބާރުބޯޅަ ދިޔައީ އަރިމަތިން ބޭރަށެވެ.

ފުރަތަމަ ހާފްގެ އިތުރު ވަގުތުގައި ޑީއޭރިޔާ ބޭރުން ލިބުނު ހިލޭޖެހުން ޕޮލެންޑް ކެޕްޓަން ޕިއޯ ޒިއެލިންސްކީ ފޮނުވާލުމުން ކީޕަރު އަތުން ޖައްސާ ކޯނަރަކަށް ބޭރުކޮށްލިއެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި ޕޮލެންޑް ކުޅުނީ ކެޕްޓަން ލޮވަންޑޯސްކީ ނުލައެވެ. މިމެޗުގެ 60 ވަނަ މިނިޓާ ހަމައަށްވެސް އެންމެ މޮޅު އެއް ފޯވާޑް ނުފެނެއެވެ. މުޅިން ފިޓް ނުވާތީ ބެންޗްގައި ބޭންދި ނަމަވެސް މޮޅުވާން މަޖުބޫރުވި މެޗުގެ 60 ވަނަ މިނިޓްގައި ކޯޗު ލެވަންޑޯސްކީ ކުޅެން ނެރުނެވެ. ކުޅެން ނިކުއިންތާ ހަތަރު ވަނަ މިނިޓްގައި ކުރި ފައުލަކަށް ރެފްރީ ވަނީ އޭނާއަށް ރީނދޫ ކާޑެއްވެސް ދައްކާފައެވެ.

ދެވަނަ ހާފް ފަށައިގެން ފަހު ފަނަ މިނިޓްގައި ޑީއޭރިޔާ ތެރެއިން އޮސްޓްރިއާގެ ޕެޓްރިކް ވިމާ ފޮނުވާލި ބާރުބޯޅައިގެ ހުރަހަކަށްވީ ކީޕަރެވެ. މުޅި މެޗުގައިވެސް ރަނގަޅު ބޯޅަތަކެއް މަތަކުރި ޝެޒްނީ ވަނީ އެބޯޅަ ކީޕަރު އަތުން ޖައްސާ ކުޅުމުގެ ތެރެއަށް ފޮނުވާލާފަ އެވެ. މެޗު ނިމެން ފަސް މިނިޓަށް ވެފައި ވަނިކޮށް އޮސްޓްރިއާގެ 5 ނަމްބަރު ސްޓެފަން ޕޮޝް ޑީއޭރިޔާ ބޭރުން ފޮނުވާލި ބާރު ބޯޅަ ވެސް ދިފާއުކުރީ ކީޕަރެވެ. އެބޯޅަ ވެސް ކީޕަރު އަތުން ޖައްސާ ކޯނަރަކަށް ބޭރުކޮށްލި އެވެ. އޭގެ މިނިޓެއް ފަހުން ކޮންރާޑް ލައިމާ ކީޕަރު ކައިރިންވެސް ނައްޓާފަ ގޯލްގެ ކަނަށް ފޮނުވާލިބޯޅަ ދިޔައީ އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ.

މިމެޗުގެ ނަތީޖާއާއެކު ފްރާންސާއި އޮސްޓްރިއާއާއި ނެދަލެންޑްސް ވެސް އޮތީ ތިން ޕޮއިންޓާ އެކުއެވެ. ޕޮއިންޓެއް ނުލިބި އޮތީ ޕޮލެންޑެވެ. ޕޮލެންޑަށް ކިރިޔާވެސް ފުރުޞަތެއް އޮތީ ފްރާންސް ބަލިކޮށް، އަދި އެހެން މެޗުތަކުގެ ނަތީޖާ ނިކުންނަ ގޮތަކުންނެވެ.