ލަނޑު ޖަހަން ފްރާންސަށް ލިބުނު ގިނަ ފުރުޞަތުތައް ނަގާލާ، ނެދަލެންޑްސްއާ އެއްވަރު ވެއްޖެއެވެ. ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ގްރޫޕްގެ ގަދަ ދެބާރު ލަނޑެއް ނުޖެހި އެއްވަރުވުމުން ދެޓީމަށްވެސް ނޮކުއައުޓް ބުރުން ޖާގަ ހޯދަން އިތުރު އިންތިޒާރެއް ކުރަން ވަނީ ޖެހިފައެވެ.
މުބާރާތުގައި ކުޅުނު ފުރަތަމަ މެޗު ކާމިޔާބުކޮށްފައިވާ ދެޓީމް ވާދަކުރި މެޗުގައި ލަނޑު ޖަހަން ގިނަ ފުރުޞަތުތަކެއް ހޯދާ އެޓޭކް ކުރީ ފްރާންސުންނެވެ. ޚާއްޞަކޮށް ދެވަނަ ހާފްގައި ގިނަ ފުރުޞަތުތަކެއް ހޯދިއެވެ. ނަމަވެސް ނަތީޖާއެއް ނެރުމާ އެންމެ ގާތަށް ދިޔައީ ނެދަލެންޑްސް އިންނެވެ. ފްރާންސަށް ފުލްފުލްގައި ލިބުނު ފުރުޞަތުތަކެއް ބޭނުން ނުކުރެވި، ކައުންޓަރ އެޓޭކެއްގައި އަރާ ނެދަލެންޑްސްއިން ގޯލެއް ޖެހިއެވެ. ނަމަވެސް ޒަވީ ސިމޯންސް ލަނޑު ޖަހާ ޓީމްގެ އެހެން ކުޅުންތެރިންނާއެކު އުފާފާޅުކުރި ފަހުން ލައިސްމަނާ ވާހަކަ ދެއްކުމަށްފަހު ނިންމީ އޮފްސައިޑް ކަމަށެވެ. ޒަވީ ސިމޯންސް ލަނޑު ޖެހިއިރު ޓީމްގެ އެހެން ކުޅުންތެރިއަކު ކީޕަރާ އެއް ހަމައެއްގައި އޮފްސައިޑްގައި ހުރި ކަމަށް ރެފްރީ ނިންމުމަށްފަހު، އަލުން ވީއޭއާރުން ޗެކް ކުރިއެވެ. ގިނަ އިރުތަކަކަށް ފަހުނ ނިންމީ ލަނޑެއް ނޫން ކަމަށެވެ. މި ނިންމުމާމެދު ފުޓްބޯޅައިގެ ތަޖުރިބާކާރުންގެ މެދުގައި ހިޔާލު ތަފާތެވެ. އިނގިރޭސި ކުރީގެ ފޯވާޑް ވޭން ރޫނީ ބުނީ އެއީ ގޯލެއް ކަމަށެވެ. އަދި ނިންމުމެއް ނިންމަން އެހާ ގިނައިރު ވުން ބަލައި ނުގަނެވޭނެ ކަމަށެވެ.
މެޗުގައި ލަނޑު ޖަހަން އެންމެ ގިނަ ރަނގަޅު ފުރުޞަތު ލިބުނީ ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނު ފްރާންސް ފޯވާޑް ގްރިޒް މަނަށެވެ. އެމްބާޕޭ ނޭފަތަށް ލިބުނު އަނިޔާގެ ސަބަބުން މެޗުގައި ނުކުޅެވޭތީ ބޭންޑް އަޅައިގެން ކުޅުނު ގްރިޒްމަން އަށް ނަތީޖާ ބަދަލުކުރާނެ ފުރުޞަތުތައް ލިބުނެވެ. އެގޮތުން 14 ވަނަ މިނިޓްގައި ގޯލް އޭރިޔާ ތެރެއިން ކީޕަރުވެސް ނައްޓާފަ އެޑްރިއެން ރެބިއޮޓް ގްރިޒްމަން އަށް ޖައްސާލި ބޯޅައިގަ ރަނގަޅަށް ފައި ޖައްސާ ނުލެވުނެވެ. ރެބިއޮޓްއަށް ވެސް ޖެހުމުގެ ފުރުޞަތު އޮތް ބޯޅަ ގްރިޒްމަންއަށް ދިންއިރު އޭނާ ހުރީ އެބޯޅަ ދޭނެ ކަމަށް ވިސްނައިގެނެއް ނޫނެވެ. އޭގެ ސިކުންތު ކޮޅެއް ފަހުން ޕެނަލްޓީ ސްޕޮޓާ ހަމައިން ގްރިޒްމަން ފޮނުވާލި ބޯޅަ ވެސް ގޯލަށް އަމާޒެއް ނުވިއެވެ.
ދެވަނަ ހާފްގެ ކުރީކޮޅު ގޯލްއޭރިޔާ ރޮނގުމަތިން ކާންޓޭ ގްރިޒަމަން އަށް ޖައްސާލި ރީތި ބޯޅަވެސް ބޭނުން ނުކުރެވުނެވެ. ކޮންޓްރޯލް ކޮށްފަ ގްރިޒްމަންއަށް ބޯޅަ ރަނގަޅަށް ފޮނުވާ ނުލެވުނެވެ. މަޑުމަޑުން ޖައްސާލެވުނު ބޯޅަ ކޯޕަރު އަތުގައ ޖެހިފަ ކޯނަރަކަށް ބޭރުވީ އެވެ.
މެޗު ފަށައިގެން ފުރަތަމަ ފުރުޞަތު ތަނަވަސް ކުރީ ނެދަލެންޑްސް އިންނެވެ. ދެވަނަ މިނިޓްގައި ކްރެމީ ފްރިމްޕޮންގ އަރިމަތިން ފޮނުވާލިބޯޅަ ދިފާއުކުރީ ކީޕަރެވެ. 16 ވަނަ މިނިޓްގައި ވެސް ނެދަލެންޑްސް އިން ރަނގަޅު އެޓޭކެއް އުފެއްދި އެވެ. ކޯޑީ ގަކްޕޯ އޭރިޔާ ބޭރުން ފޮނުވާލި ބާރު ބޯޅަ ވެސް ދިފާއުކޮށް ކޯނަރަކަށް ބޭރުކޮށްލީ ކީޕަރެވެ.
ފުރަތަމަ ހާފްގައި ފްރާންސްގެ ޑިފެންންސުން ދިން ދިގު ބޯޅަ އޭރިޔާ ތެރެއިން ތުރާމް އަށް ފޮނުވާލެވުނީ މަތިން ބޭރަށެވެ. ދެވަނަ ހާފްގައި ޑީއޭރިޔާ ތެރޭން ތުރާމް ފޮނުވާލި ބޯޅަ ދިޔައީ ގޯލްގެ އަރިމަތިން ބޭރަށެވެ. 62 ވަނަ މިނިޓްގައި އޭރިޔާ ތެރެއިން ޗުއަމެނީ ފުންމައިގެން އަރާ ބޮލުން ފޮނުވާލި ބޯޅަ ދިޔައީ ހުރަސް ދަނޑި މަތިން ބޭރަށެވެ. ދެވަނަ ހާފްގައި ޑެމްބެލޭ އަށް ވެސް ރަނގަޅު ފުރުޞަތެއް ލިބުނެވެ. އޭރިޔާ ރޮނގުމަތިން އޭނާ ފޮނުވާލި ބޯޅަވެސް ގޯލާ އަމާޒު ނުވެ ހުރަސް ދަނޑި މަތިން ދިޔައީ ބޭރަށެވެ.
މިއީ މުބާރާތުގައި ލަނޑެއް ނުޖެހި އެއްވަރުވި ފުރަތަމަ މެޗެވެ. މިގްރޫޕްގައި ކޮންމެ ޓީމެއް ދެ މެޗު ކުޅުނުއިރު ފްރާންސާއި ނެދަލެންޑްސް ވެސް އޮތީ 4 ޕޮއިންޓާ އެކުއެވެ. އޮސްޓްރިއާއަށް ތިން ޕޮއިންޓެވެ. ޕޮލެންޑަށް ޕޮއިންޓެއް ނުލިބެއެވެ. ގްރޫޕް ތަރުތީބުވެފައިވާ ގޮތުން ގަދަ ދެޓީމްގެ ތެރޭގައި ހިމެނުމުގެ އެއްވެސް ފުރުޞަތެއް ޕޮލެންޑަކަށް ނެތެވެ.