ފަތުރުވެރިކަން ތަރައްޤީކުރުމަށް ދޫކޮށްފައިވާ ރަށްތަކުގެ ތެރެއިން އެއްވެސް ވަރަކަށް މަސައްކަތް ނުފަށާ ހުރި ރަށްތަކުގެ މިލްކުވެރިކަން ދޫކޮށްލުމުން އެފަރާތްތަކުން ދައުލަތަށް ދައްކަން ޖެހޭ ފައިސާއަށް ލުއިގޮތްތަކެއް ހަމަޖައްސައިދިނުމަށް ނިންމާފައިވާކަމަށް ފަތުރުވެރިކަމާއި ބެހޭ ވަޒީރު އިބްރާހީމް ފައިޞަލް ވިދާޅުވެއްޖެއެވެ.
ފަތުރުވެރިކަމާބެހޭ ވަޒީރު މިހެން ވިދާޅުވީ ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްޞަ އިންޓަރވިއުއެއްގައެވެ.
ފަތުރުވެރިކަމާއި ބެހޭ ވަޒީރު އިބްރާހީމް ފައިޞަލް ވިދާޅުވީ، އެމަނިކުފާނު ވަޒީރުކަމުގެ މަޤާމާއި ހަވާލުވެވަޑައިގެންނެވުމަށްފަހު، ނުހެދި ހުރި ރަށްތަކުގެ މައުލޫމާތު އެއްކުރެއްވިކަމަށެވެ. އެގޮތުން އެވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން 63 ރިސޯޓެއް އެވޯޑް ކުރެވި މިހާތަނަށްވެސް ފަތުރުވެރިކަމަށް ނުނެރެވިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ފައިޞަލް ވިދާޅުވީ، ފަތުރުވެރިކަން ތަރައްޤީކުރުމަށް ދޫކޮށްފައިވާ ރަށްތަކުގެ ތެރޭގައި، 30 އަހަރުވެފައިވާ ރަށްތަށްވެސް އެބަހުރިކަމަށެވެ.
މިރަށްތައް ފަތުރުވެރިކަމަށް އަވަހަށް ނެރުމަށްޓަކައި އިކޮނޮމިކް ކައުންސިލަށް ކަރުދާހެއް ހުށަހަޅައިގެން 2 ގޮތެއް ފާސްކޮށްފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި އޭގެ ތެރެއިން އެއްގޮތަކީ އެއްވެސް ވަރަކަށް މަސައްކަތް ފަށާފައިނުވާ ރަށްތައް އެއްވެސް ޝަރުތަކާއި ނުލާ ދައުލަތަށް އެރަށް ދޫކޮށްލުން ކަމަށް ވަޒީރު ވިދާޅުވިއެވެ.
"އޭރުން އެބޭފުޅުން ދައުލަތަށް ދައްކަންޖެހޭ ވަރަށް ގިނަ އަދަދެއްގެ ފައިސާ، ފިނޭންސް އާއި މީރާ އާއި މަޝްވަރާކޮށްގެން ލުއިގޮތްތަކެއް ހަމަޖައްސާދޭނަން." ވަޒީރު ފައިޞަލް ވިދާޅުވިއެވެ.
ވަޒީރު ފައިޞަލް ވިދާޅުވީ މަސައްކަތް ކޮންމެވެސް ވަރަކަށް ފަށާފައި އަދި އެކި ސަބަބުތަކާއި ހެދި މަސައްކަތް ހުއްޓިފައި ހުރި ރަށްތަކާއި މެދުވެސް އަމަލުކުރާނެ ގޮތެއް ކައުންސިލުން ފާސްކޮށްފައިވާ ކަމަށެވެ.
އެގޮތުން އިންވެސްޓަރުންނަށް ބޭނުންވާ ފައިސާ ހަމަޖައްސައިދިނުމުގައި އެހީތެރިވުމާއި، އެހެން ފަރާތަކަށް އެ އިންވެސްޓުމަންޓު ވިއްކުމަށްވެސް އެހީތެރިވެދޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
"މިސާލަކަށް %50 ނޫނީ %60 މަސައްކަތް ހެދިފައި، ފަންޑްސް ދަތިވެގެން އެކަން ނުކުރެވި ހުރި ފަރާތްތަކާއި އެކު މި ދަނީ މަޝްވަރާކުރަމުން، ފަންޑްސް ހޯދޭނެ ގޮތްތަކެއް، ނުވަތަ ފޮރިން އިންވެސްޓަރަކު ބޭނުންވަނީ އެރަށް ގަންނަން، ހެޑް ލީސް ބަދަލުކުރުމުގެ މަސައްކަތްކޮށްދޭނަން." ވަޒީރު ފައިޞަލް ވިދާޅުވިއެވެ.
ފަތުރުވެރިކަމާ ބެހޭ ވަޒީރު ވިދާޅުވީ މި މަސައްކަތް ޤާނޫނަށް އިސްލާޙު ގެނެސްގެން ކުރިއަށްގެންދާނެ ކަމަށެވެ. އަދި މިގޮތަށް ފަތުރުވެރިކަމަށް ދޫކުރާ ރަށްރަށް ނުހުޅުވި ގިނަ ދުވަސްވުމަކީ އޭގެ ސަބަބުން ފަތުރުވެރިކަމުން ދައުލަތަށް ލިބެން ޖެހޭ ގިނަ އަދަދެއްގެ ފައިސާ ނުލިބި ހުންނަ ކަމެއްކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ މިކަމަށް ހައްލެއް ހޯދުމަށް އެވުޒާރާއިން ޚާއްޞަ އިސްކަމެއް ދެއްވާ ކަމަށެވެ. މި 5 އަހަރުތެރޭ މީގެތެރެއިން ގިނަ އަދަދެއްގެ ރަށްތައް ފަތުރުވެރިކަމަށް ހުޅުވިގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
މިއަހަރުތެރޭ އަލަށް 15 ނޫނީ 12 ރިސޯޓު ހުޅުވޭނެ ކަމަށާއި، މިއާއެކު ރާާއްޖޭގެ ފަތުރުވެރިކަމަށް އިތުރު 2600 އެނދު ނެރެވޭނެކަމަށް ލަފާކުރެވޭކަމަށް ފަތުރުވެރިކަމާ ބެހޭ ވަޒީރު އިބްރާހީމް ފައިޞަލް ވިދާޅުވިއެވެ.