"މާބޮޑަށް އުފާ ފާޅުކުރުމުގެ ސަބަބުން، މެޗަށް ދޭންޖެހޭ ސަމާލުކަން ނުދެވިދާނެ.ތުރުކީގެ ކޯޗު، ވިންޗެންޒޯ މޮންޓެލާ
ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އެފްގައި މިރޭ ޕޯޗުގަލްއާ ދެކޮޅަށް ކުޅުމުގެ ކުރިން، ދެއްކި ވާހަކައިގައި ތުރުކީގެ ކޯޗު ވިންޗެންޒޯ މޮންޓެލާ ވަނީ މެޗުތެރޭގައި މާބޮޑަށް އުފާފާޅުކުރުން އެހާ ރަނގަޅު ނޫންކަމަށް ބުނެފައެވެ.
ތުރުކީގެ ކޯޗު މޮންޓެލާ މިހެން ބުނީ މެޗުގެ ކުރިން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
މެޗު ތެރޭގައި އުފާ ފާޅުކުރުމުގެ ބައި ބޮޑަށް ދޫކޮށްލަންވާނީ ސަޕޯޓަރުންނަށް ކަމަށާއި، ކުޅުންތެރިން އެކަން ކުރުމުގައި ވިސްނުންތެރިކަން އިސްކޮށް، ހިތްވަރާއެކު މެޗަށް ސަމާލުކަންދިނުމަށް މޮންޓެލާ ވަނީ އެދިފައެވެ. އަދި އެކަމުގައި ކުޅުންތެރިން މާބޮޑަށް މަސްއޫލުވެ އުޅެންޖެހުމުގެ ސަބަބުން މެޗަށްދޭންވާ ސަމާލުކަން ނުދެވިދާނެ ކަމަށް މޮންޓެލާ ބުންޏެވެ.
މޮންޓެލާ ވަނީ ޕޯޗުގަލްއާ ދެކޮޅަށް އޭނާގެ ޓީމުން އެންމެ ބޮޑަށް ބަލަންވާނީ ބޯޅަ ހިފެހެއްޓުމަށް ކަމަށާއި، އެ ޓީމަކީ ވަރަށް ހަލުވި ގޭމެއް ކުޅޭ ޓީމަކަށްވުމުން މާބޮޑު ހުސްޖާގަދީގެން ނުވާނެކަމަށް ބުނެފައެވެ. އަދި މޮންޓެލާ ބުނީ، ޕޯޗުގަލް ޓީމުގެ ޑިފެންޑަރުންނަކީ ވެސް ބޯޅައާއެކު ނުރައްކާ ކުރެވިދާނެ ފަދަ ހުނަރުވެރި ކުޅުންތެރިން ކަމަށްވުމުން އެކަމަށް ވަރަށް ބޮޑު ސަމާލުވާންޖެހޭނެ ކަމަށެވެ.
އޭނާގެ ޓީމުން ޑިފެންސްކުރުމުގައި ރަނގަޅު ކުރަންޖެހޭ ކަންތައްތަކެއް އެބަހުރި ކަމަށާއި، އެގޮތުން މި މަސައްކަތް އެންމެ ފުރަތަމަ ފެށިގެންދާން ޖެހެނީ އެޓޭކުގައި ކުޅޭ ކުޅުންތެރިންގެ ފަރާތުން ކަމަށް ވެސް މޮންޓެލާ ފާހަގަކުރިއެވެ.
މޮންޓެލާގެ ވާހަކައިގައި ވަނީ، ޕޯޗުގަލްގެ ފޯވަޑްލައިންގައި ތިބި ވަރަށް ނުރައްކާތެރި ކުޅުންތެރިން ކަމަށާއި، އޭނާގެ ޓީމުން ޔުނިޓެއްގެ ގޮތުގައި ވަރަށް ރަނގަޅަށް ކުޅެން ޖެހޭނެ ކަމަށް ވެސް ބުނެފައިވެއެވެ. އަދި ނަތީޖާ ރަނގަޅު ކުރުމަށްޓަކައި ކޮންމެހެން ޑިފެންސްލައިންގައި ކުޅޭ ކުޅުންތެރިން ބަދަލުކުރުމުގެ ބޭނުމެއް ނެތް ކަމަށާއި، މުހިއްމީ ޓީމެއްގެ ގޮތުގައި ރަނގަޅަށް ޑިފެންސްކުރުން ކަމަށް ވެސް މޮންޓެލާ ބުންޏެވެ.
ނިންމާލުމުގެ ކުރީން މޮންޓެލާ ވަނީ، ޖޯޖިއާ މެޗުގައި މޮޅު ކުޅުމެއް ދެއްކި އެ ޓީމުގެ ޒުވާން މިޑްފީލްޑަރު، އާރްދާ ގުލާ، މިރޭގެ މެޗުގައި ނުފެނިދާނެ ކަމަށް ބުނެފައެވެ. އެ މެޗަށްފަހު ގުލާގެ ފަރާތުން ވަރަށް ބޮޑަށް ވަރުބަލިކަން ފެނިގެންގޮސްފައިވާ ކަމަށާއި، ކުރިއަށް އޮތް މެޗުތަކަށް ބަލާއިރު އޭނާ 100 ޕަސެންޓް ފިޓްކޮށް ހުރުން އެ ޓީމަށް މުހިއްމުވާ ކަމަށްވެސް މޮންޓެލާ ބުނެފައިވެއެވެ.
މި މުބާރާތުގައި ޕޯޗުގަލްއާ ދެކޮޅަށް ތުރްކިޔޭ ކުޅޭ މެޗު ފެށުމަށް ހަމަޖެހިފައިވަނީ ރާއްޖެގަޑިން މިރޭ 9 ޖަހާއިރު އެވެ.