ޚަބަރު

"ތިނަދޫ އެއަރޕޯޓު މަޝްރޫޢާއެކު ހުވަދު އަތޮޅުގެ އިޤުތިޞާދަށް ބޮޑު ބަދަލެއް އަންނާނެ"


  • ތިނަދޫގެ އިންޓަނޭޝަނަލް އެއަރޕޯޓާއެކު ގިނަ އަދަދެއްގެ ފަތުރުވެރިން އަތޮޅަށް ޒިޔާރަތްކުރާނެ

  • އެއަރޕޯޓާއެކު ލޯކަލް ޓުއަރިޒަމް ކުރިއަރައި އާމްދަނީ ހޯދޭނެ ގޮތްތައް ފަހިވާނެ

ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ ފަޅުރަށްތައް ގިނަ އެއް އަތޮޅަކީވެސް ހުވަދު އަތޮޅެވެ. އެހެންނަމަވެސް އިޤުތިޞާދީ ގޮތުން ރާއްޖޭގެ އެންމެ މުހިންމު ސިނާޢަތްކަމަށްވާ ފަތުރުވެރިކަމުގެ ދާއިރާ ހުވަދު އަތޮޅުގައި ކުރިއަރާފައިވާ މިންވަރު ދަށެވެ. އެ އަތޮޅުގައި މިހާރު ރިސޯޓް ހިންގަމުން އައި ނަމަވެސް، ފަތުރުވެރިކަމުގެ ވިޔަފާރިން އަތޮޅުގެ ރަށްތަކަށް ލިބެންއޮތް މަންފާ މިހާތަނަށް ލިބިފައިނުވާ މައިގަނޑު ސަބަބަކީ ބައިނަލްއަޤުވާމީ ވައިގެ ބަނދަރެއް ނެތުންކަން ރައްޔިތުން ފާހަގަކުރެއެވެ.

ހުވަދޫ އަތޮޅު ދެކުނުބުރީގެ ވެރިކަންކުރާ ރަށް، ތިނަދޫ ސިޓީގައި ބައިނަލްއަޤުވާމީ ވައިގެ ބަނދަރެއް އަޅައި ތިނަދޫއާއި އަތޮޅުގެ ރައްޔިތުންގެ އުންމީދުތަކުގައި ކުލަ ޖައްސަވައިދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވަޢުދުވެވަޑައިގެންފައެވެ. އެމަނިކުފާނުގެ ވަޢުދާ އެއްގޮތަށް މިދިޔަ ފެބްރުއަރީ މަހުގެ 20 ވަނަ ދުވަހު ތިނަދޫ ސިޓީއަށް ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ޒިޔާރަތުގެ ތެރެއިން ތިނަދޫގައި ބައިނަލްއަޤުވާމީ ވައިގެ ބަނދަރެއް ތަރައްޤީކުރުމުގެ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ ޕޭން ޕެސިފިކް ތައިލެންޑް ކޮމްޕެނީއާއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގުރާމުގައި ތިނަދޫ ސިޓީގެ މޭޔަރ ސަޢުދު ޢަލީ ވިދާޅުވީ ފަތުރުވެރިން ހުޅުލޭ އެއަރޕޯޓަށް އައުމަށްފަހު، ހުވަދޫ އަތޮޅަށް ދާން ބޮޑު ޚަރަދެއް ކުރަންޖެހޭތީ އަތޮޅަށް ފަތުރުވެރިން ޒިޔާރަތްކުރާ މިންވަރު މަދު ކަމަށެވެ. ނަމަވެސް އެއަތޮޅުގައި ބައިނަލްއަޤުވާމީ އެއަރޕޯޓެއް ތަރައްޤީކުރެވުމުން ފަތުރުވެރިން ސީދާ އެއަތޮޅަށް ދެވެން ފެށުމުން އަތޮޅުގައި ފަތުރުވެރިކަމުގެ ސިނާއަތުގެ ވިޔަފާރި ފުޅާވެގެންދާނެކަމަށް މޭޔަރ ވިދާޅުވިއެވެ.

"ތިނަދޫގައި އެއަރޕޯޓެއް އެޅުމާއެކީގައި ފަތުރުވެރިކަމަށް ތިނަދޫއިން ބިންތައް ހުޅުވާލެވިގެންދާނެ. އަދި ސިޓީ ހޮޓަލެއް އެޅުމުގެ މަސައްކަތްވެސް ފައިނެންސިން ހޯދައިގެން އަޅުގަނޑުމެން މިދަނީ ކުރަމުން." ސަޢުދު ވިދާޅުވިއެވެ.

ސަޢުދު ޢަލީ ވިދާޅުވީ ތިނަދޫގައި އަޅާ އެއަރޕޯޓާއެކު އިޤުތިޞާދީ ގޮތުން އަތޮޅަށް ބޮޑު ބަދަލެއް އަންނާނެ ކަމަށެވެ. އެގޮތުން އަތޮޅުގެ ރަށްރަށުގައި ލޯކަލް ޓުވަރިޒަމް ފުޅާވެ އާމްދަނީ ހޯދޭނެ އެކި ގޮތްތައް ފަހިވާނެކަން ސަޢުދު ފާހަގަކުރެއްވިއެވެ. އަދި ފަތުރުވެރިންނަށް އަމާޒުކޮށްގެން ތިނަދޫގައިވެސް އެކިކަހަލަ ހަރަކާތްތައް ކުރިއަށްގެންދެވޭނެ މަގު ތަނަވަސްކުރުމުގެ މަސައްކަތްވެސް ކުރައްވާނެކަމަށް މޭޔަރ ވިދާޅުވިއެވެ.

ތިނަދޫ އެއަރޕޯޓުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ އެންމެ ބޮޑެތި މަތިންދާބޯޓުތަކަށްވެސް ޖެއްސޭނެ ރަންވޭއަކާއެކުކަމަށް ސަރުކާރުން ވިދާޅުވެއެވެ. މީގެއިތުރުން ފްލައިން ސްކޫލަކާއި ފްލައިޓުތަކަށް ޚިދުމަތްދޭނެ ޚާއްޞަ ވަސީލަތްތަކާއި ކާގޯ ޓަމިނަލަކާއި ފިއުލްފާމެއްވެސް އެމަޝްރޫއުގެ ދަށުން ތަރައްޤީކުރެވޭނެކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ. ސީޕްލޭން ޓަމިނަލާއެކު ސީޕްލޭން ހަބެއް ޤާއިމްކުރެވޭނެކަމަށާއި އެއަރ އެމްބިއުލާންސާއި ޑިކޮމްޕްރެޝަން ޗެމްބަރެއްވެސް އެއަރޕޯޓުގައި ޤާއިމްކުރެވޭނެކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ.

ތިނަދޫ ސިޓީއާއި ހުވަދޫ އަތޮޅުގެ ތަރައްޤީއަށް ސަރުކާރުން ޚާއްސަ ތަޞައްވުރެއް ގެންގުޅުއްވައެވެ. އެގޮތުން ހުވަދުއަތޮޅުގައި މަދުވެގެން 10 ހާސް ޓޫރިސްޓު އެނދު ތަރައްޤީކުރައްވާނެކަމަށް ރައީސް މުޢިއްޒު ވިދާޅުވެފައިވެއެވެ. އަދި ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދެއްވުމަށް މިދިޔަ ސަރުކާރުން ނިންމެވި ނަމަވެސް، ތިނަދޫ ކައުންސިލަށް ސިޓީއެއްގެ ދަރަޖަ ދެއްވާ ރަސްމީ ގޮތުން އެކަން އިޢުލާނުކުރެއްވީވެސް މި ސަރުކާރުންނެވެ.