ޚަބަރު

މަގުމައްޗަށް ފެން ފައިބާގޮތަށްހުރި 303 ތަނެއް ވަނީ ފާހަގަކުރެވިފައި: ޢާޒިމް


  • އެންމެ ގިނައިން މަގުތަކަށް ފެން ފައިބަނީ ދިޔަދޮވި ހަލާކުވެގެންނާއި އެސީތަކުން

  • އެ ގޭގެއަށް ގުޅައިގެން މައްސަލަ ޙައްލުކުރަން މަސައްކަތްކުރޭ

މާލޭގައި މަގުމައްޗަށް ފެން ފައިބައިގޮތަށްހުރި 300 އަށްވުރެ ގިނަ ތަން ފާހަގަވެފައިވާ ކަމަށާއި، ފެން ފައިބާ މައްސަލަ ހައްލުކުރަން މަސައްކަތްކުރަމުންދާކަމަށް މާލެ ސިޓީގެ މޭޔަރު އާދަމް ޢާޒިމް ވިދާޅުވެއްޖެއެވެ.

ދިޔަދޮވިތަކުންނާއި އުސް ޢިމާރާތްތަކުން މަގުމައްޗަށް ފެން ފޭބުން ނުވަތަ ފެން ތިކި ޖެހުމުގެ މައްސަލައަކީ މާލޭގައި ދިރިއުޅޭ ރައްޔިތުންގެ އޮތް ކަންބޮޑުވުމުކެވެ. މިކަން ޢާންމުގޮތެއްގައި ދިމާވަނީ މަގުމައްޗަށްވާގޮތަށް ގަސް ބަހައްޓާފައި ހުންނައިރު ގަހަށް ފެން ދިނުމާއި ދިޔަދޮވި ހަލާކުވެފައި ހުރުމުންނެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގުރާމުގައި ވާހަކަދައްކަވަމުން މާލެ ސިޓީގެ މޭޔަރު އާދަމް ޢާޒިމް ވިދާޅުވީ މާލޭގެ މަގުމައްޗަށް ފެން ފައިބާގޮތަށް ހުރި ޖުމްލަ 303 ތަނެއް ފާހަގަވެފައިވާ ކަމަށެވެ. އެ ތަންތަނަށް ގުޅައިގެން ފެން ފޭބުން ހައްލުކުރުމަށް މަސައްކަތްކަތްކުރަމުންދާކަމަށް މޭޔަރު ވިދާޅުވިއެވެ.

މޭޔަރ ވިދާޅުވީ ޖޫރިމަނާކޮށްގެން ކޮންމެ ކަމެއް ހައްލު ނުކުރެވޭނެ ކަމަށެވެ. އެހެންކަމުން ޖޫރިމަނާކުރުމުގެ ބަދަލުގައި އެންމެފުރަތަމަ ކުރާ ކަމަކީ ފެން ފައިބާގޮތަށް ހުރި ތަންތަނުގެ ވެރިންނަށް ގުޅާ ވާހަކަދައްކައިގެން މައްސަލަ ހައްލުކުރުމަށް މަސައްކަތްކުރުންކަމަށެވެ.

"ކޮންމެ ދުވަހަކު ހެނދުނު ކުދިން ސްކޫލަށް ދާ މަގުމަތީގައި އެކުދިންގެ ބޮލަށް އެބަ ފެން ތިއްކެއް ވެއްޓޭ. އަދި ބައެއް ގޭގައި މަގުމައްޗަށްވާގޮތަށް ބެލްކަނީގައި ހަރުކޮށްގެން ގަސް ބަހައްޓާފައި އެބަހުރޭ. ގަހަށް ފެން ދޭއިރު މަގުމައްޗަށް ފެން މި ފައިބަނީ. އެކަމަކު އަޅުގަނޑުމެން އެކަކުވެސް ހިނގާފައި ދާ މީހުންނަށް އުނދަގޫވާގޮތަށް މި ހުރި ކަންކަން ކޮށްގެން ނުވާނެ. ގޭ އެތެރޭގައި ގަސް ބަހައްޓަންޖެހޭނީ. ހަމަނިއާއެކު މުޖުތަމަޢުގައި އުޅޭ އެންމެންނަށް ވެސް ވިސްނަންޖެހޭ." މާލެ ސިޓީގެ މޭޔަރު އާދަމް ޢާޒިމް ވިދާޅުވިއެވެ.

މޭޔަރު ވިދާޅުވީ މަގުމައްޗަށް ފެން ފައިބާ މައިގަނޑު ސަބަބުތަކުގެ ތެރޭގައި މަގަށްވާގޮތަށް ބަހައްޓާފައި ހުންނަ ގަސްތަކަށް ފެން ދިނުމާއި، ދިޔަދޮވި ހަލާކުވެފައި ހުރުމާއި، ދިޔަދޮވި ނުލައި ހުރުމާއި، އޭސީގެ އައުޓްޑޯ ޔުނިޓުން ފެން ފޭބުން ހިމެނޭކަމަށެވެ. އަދި ޢިމާރާތްކުރަމުންދާ ތަންތަނުގައި އަޅާފައި ހުންނަ ޝީޓު މަތިން ފެން ފޭބުމުގެ މައްސަލަތައްވެސް ފާހަގަކުރެވިފައިވާކަމަށް މޭޔަރު ވިދާޅުވިއެވެ.

މިކަންކަން ހައްލުކުރުމަށް އެންމެން ގުޅިގެން މަސައްކަތް ކުރުމަށް މޭޔަރު އެދިވަޑައިގެންނެވިއެވެ. ޚާއްޞަކޮށް ހިނގާބިގާވެ އުޅޭ މީހުންނަށް އުނދަގޫވާގޮތަށް ހުންނަ މިފަދަ ކަންކަން ކަމާބެހޭ އިދާރާތަކަށް ރިޕޯޓުކުރުމަށްވެސް މޭޔަރު ވަނީ އިލްތިމާސްކުރައްވާފައެވެ.