"މެޗުގެ ފުރަތަމަ ވިއްސަކަށް މިނެޓު އަހަރެމެން ރަނގަޅަށް ކުޅުނިން،ތުރުކީގެ ކޯޗު، ވިންޗެންޒޯ މޮންޓެލާ
ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އެފް ގައި ރޭ ޕޯޗުގަލް އަތުން 3-0 އިން ބަލިވި މެޗަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތުރުކީގެ ކޯޗު، ވިންޗެންޒޯ މޮންޓެލާ ބުނީ، އޭނާގެ ޓީމަށް އުނދަގޫތައް ކުރިމަތިވީ ބައެއް ކުޅުންތެރިންނަށް ބޮޑެތި މުބާރާތްތައް ކުޅުމުގެ ތަޖުރިބާ މަދުވުމުން ކަމަށެވެ.
މޮންޓެލާގެ ވާހަކައިގައި ވަނީ، ފެށިގެން ފުރަތަމަ 20 މިނެޓު އޭނާގެ ޓީމުން ވަރަށް ރަނގަޅަށް ކުޅެ، ގިނަ ފުރުޞަތުތަކެއް ތަނަވަސްކުރިކަމަށާއި މައްސަލައަކަށް ދިމާވީ އަމިއްލަ އަށް ގޯހެއް ހެދުން ކަމަށް ބުނެފައެވެ.
އަދި އޭނާގެ ޓީމުން ރޭގެ މެޗަށް ނިކުތްއިރު ހުރިހާ ސަމާލުކަމެއްދިނީ އެ މެޗަށް ކަމަށާއި، ގްރޫޕް ސްޓޭޖުގެ ފަހު މެޗާ މެދު ނޫން ކަމަށް ވެސް މޮންޓެލާ ބުންޏެވެ. އޭނާގެ ވާހަކައިގައި ޕޯޗުގަލް އަށް ތައުރީފުކުރުމަށްފަހު ބުނީ، ޕޯޗުގަލް އަކީ ޔޫރަޕްގެ އެންމެ މޮޅު ޓީމުތަކުގެ ތެރެއިން ޓީމެއް ކަމަށާއި، އެކަން އެ ޓީމުން ސާބިތުކޮށްދީފައިވާ ކަމަށެވެ.
މެޗަށް ގެނައި ބަދަލުތަކާ ބެހޭގޮތުން މޮންޓެލާ ބުނީ، 30 ވަރަކަށް މިނެޓަށް ކުޅެވޭ ވަރަށް އާރްދާ ގުލާ ފިޓްނޫން ކަމަށާއި، ފަހު ހާފުގައި ކުޅެން ނެރުނީ އިތުރު އިންޖަރީއެއް ކުރިމަތިވެދާނެތީވެ ކަމަށެވެ.
ކުރިއަށް އޮތް މެޗާ ބެހޭގޮތުން މޮންޓެލާ ވަނީ، ޕޯޗުގަލް މެޗުގައި ހެދުނު ގޯހެއްގެ ސަބަބުން އެކަމުގެ އަދަބު ލިބުނު ކަމަށާއި، މިހާރު ހުރިހާ ފޯކަސްއެއް އޮތީ ގްރޫޕުގެ ފަހު މެޗުގައި ޗެކް ރިޕަބްލިކާ ދެކޮޅަށް ނިކުންނަ މެޗަށް ކަމަށެވެ. އެ މެޗަށް ވަރަށް ފުރިހަމައަށް ތައްޔާރުވާނެ ކަމަށް މޮންޓެލާ ވަނީ ބުނެފައެވެ.
މުބާރާތުގައި ތުރުކީ އަށް ދެން އޮތީ މި މަހުގެ 26 ވާ ބުދަ ދުވަހުގެ ރޭ ޗެކް ރިޕަބްލިކާ ދެކޮޅަށް ކުޅުމަށް ހަމަޖެހިފައިވާ މެޗެވެ.