ޚަބަރު

ޖަރުމަނާއެކު ސްވިޓްޒަލަންޑް ދެވަނަ ބުރަށް


ޖަރުމަނާ އެކު ސްވިޓްޒަލަންޑް ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގަދަ 16 އަށް ދަތުރުކޮށްފި އެވެ. ސްވިޒަރލެންޑް ގަދަ 16 އަށް ދަތުރުކުރީ 1-1 ން ޖަރުމަނާ އެއްވަރުވެ، ގްރޫޕްގެ ދެވަނަ ޓީމްގެ ގޮތުގައެވެ. މެޗުގެ އިތުރު ވަގުތުދެ ގޮތުގައި ދެއްކި ހަތަރު މިނިޓްގެ ތެރެއިން ދެވަނަ މިނިޓާ ހަމައަށް ގްރޫޕްގެ އެއްވަނައިގައި އޮތީ ސްވިޒަރލެންޑެވެ.

މެޗުގެ އިތުރު ވަގުތާ ހަމައަށް 1-0 ން ކްރޫގައި އޮތް ސްވިޒަރލެންޑާ އެއްވަރުކޮށް، ޖަރުމަނު ގްރޫޕްގެ އެއްވަނަ ކަށަވަރުކުރީ އިތުރުވަގުތުގައި ޖެހި ލަނޑުންނެވެ. މެޗުގައި ފުރަތަމަ ލަނޑު ޖަހާ ސްވިޒަރލެންޑަށް ލީޑް ނަގައިދިނީ ޑަން އެންޑޯޔޭ އެވެ. 28 ވަނަ މިނިޓްގައި ރެމޯ ފްރެއުލާ ހުރަސްކޮށްލި ބޯޅަ، ގޯލް އޭރިޔާ ރޮނގުމަތިން ޑޭން އެންޑޯއި އެއްފަހަރުން ޖަހާ ގޯލްގެ ތެރެއަށް ފޮނުވާލާފައެވެ.

ނަތީޖާ ހަމަހަމަ ކުރަން ލިބުނު ގިނަ ފުރުޞަތުތަކެއް ނާކާމިޔާބު ވުމަށްފަހު ޖަރުމަނަށް ގްރޫޕްގެ އެއްވަނަ ކަށަވަރުކޮށްދިން ލަނޑު ޖެހީ 76 ވަނަ މިނިޓްގައި ކުޅެން ނިކުއިން ފުލްކްރޫގް އެވެ.

މިގްރޫޕްގައި ހަންގޭރީން މެޗުގެ އިތުރު ވަގުތުގައި ލަނޑު ޖަހާ 1-0 ން ސްކޮޓްލެންޑް ބަލިކުރި ނަމަވެސް 3 ޕޮއިންޓާއެކު ލިބެނީ ގްރޫޕްގެ ތިންވަނަ އެވެ. ތިންވަނަ ހޯދާ ޓީމްތަކުގެ ތެރެއިން ގަދަ 16 އަށް ދިއުމުގެ އުއްމީދެއް ހަންގޭރީ އަށް އެބައޮތެވެވެ. ސްކޮޓްލެންޑް ވަނީ ޕޮއިންޓަކާއެކު ކަޓާފައެވެ. މިމެޗުގެ އިތުރު ވަގުތުގެ ގޮތުގައި ރެފްރީ 12 މިނިޓް ދެއްކި އެވެ.

ޖަރުމަނާއި ސްވިޒަރލެންޑް ވާދަކުރި މެޗުގެ ނަތީޖާ ހަމަހަމަވިޔަސް ޖަރުމަނުން ލަނޑު ޖަހަން ގިނަ ފުރުސަތު ތަކެއް ހޯދިއެވެ. އަދި ސްވިޒަރލެންޑުންވެސް މަދު ރަނގަޅު އެޓޭކްތަކެއް ކުރިއެވެ. ދެވަނަ މިނިޓްގައި ފުރަތަމަ ހަމަލާ ފޮނުވާލީ ކްރޫޒް ނަގައިދިން ކޯނަރަކުން ކައި ހާވާޓްޒް އެވެ. އެކަމަކު އޭނާ އަށް ބޮލުން ފޮނުވާލެވުނީ ކީޕަރު އަތަށެވެ.

17 ވަނަ މިނިޓްގައި ޖަރުމަނުން ލީޑްވެސް ނެގިއެވެ. ޑީއޭރިޔާގެވެސް ބޭރުން ރޮބާޓް އެންޑްރިކް ފޮނުވާލި ބޯޅަ ކީޕަރު އަތުގައި ޖެހިފަ ގޯލްގެ އަރިމަތިން ތިރީ ކަނަށް ވަން ނަމަވެސް އޭގެކުރިން އޭރިޔާ ތެރެއިން މުސިއާލާ ފައުލްކޮށްފައިވާތީ ރެފްރީ ނިންމީ ގޯލް ބަލައިނުގަނެ ފައުލް ކުރި ހިސާބުން ޖެހުން ދޭށެވެ. ފުރަތަމަ ހާފް ނިމެން ފަސް މިނިޓަށް ވެފައި ވަނިކޮށް ގޯލްއޭރިޔާ ތެރެއިން ޖަރުމަނުގެ ޖޮނަތަން ބޮލުން ފޮނުވާލިބޯޅަ ފެނު ޖެހިފަ ދިޔައީ ބޭރަށެވެ.

ދެވަނަ ހާފް ފަށައިގެން ފުރަތަމަ ފަސް މިނިޓްގެ ތެރޭގައި އޭރިޔާ ރޮނގުމަތިން މުސިއާލާ ފޮނުވާލި ބާރުބޯޅަ ކީޕަރު އަތުން ޖައްސާ ކުޅުމުގެ ތެރެއަށް ފޮނުވާލި އެވެ. އޭގެ ހަތަރު މިނިޓް ފަހުން އޭރިޔާ ބޭރުން ކްރޫޒް ފޮނުވާލި ބޯޅަ ދިޔައީ އަރިމަތިން ބޭރަށެވެ. ފަހު ވިހި މިނިޓްގެ ތެރޭގައި އޭރިޔާ ތެރެއިން ޖަރުމަނު ކުޅުންތެރިން ދެ ފަހަރު މަތިން ފޮނުވާލި ބޯޅަ ވެސް ކާމިޔާބެއް ނުވި އެވެ. ފުރަތަމަ ފޮނުވާލުމުން ޑިފެންޑަރު، އަދި ދެވަނަ ފަހަރު ފޮނުވާލުމުން ކީޕަރު ދިފާއުކުރި އެވެ.

80 ވަނަ މިނިޓްގައި ކްރޫޒް ފޮނުވާލި މޮޅު ހިލޭޖެހުންވެސް ސްވިޒަރލެންޑް ކީޕަރު ވަނީ އިތުބާރާއެކު އަތުން ޖައްސާ ދިފާއުކޮށްފައެވެ. އޭގެ ތިން މިނިޓް ފަހުން ރުބެން ވާގަން ސްވިޒަރލެންޑަށް ދެވަނަ ލަނޑެއް ޖަހައިދިނެވެ. ނަމަވެސް ރެފްރީގެ ނިންމުމަކީ އޮފްސައިޑް ކަމަށެވެ. މެޗުގެ ފަހު ފަސް މިނިޓްގެ ތެރޭގައި ކޯނަރުން އޭރިޔާ ތެރެއަށް ހުރަސްކުރި ބޯޅަ ކައި ހާވާޓްޒް އަށް ބޮލުން ފޮނުވާލެވުނީ ހުރަސް ދަނޑި މަތިން ބޭރަށެވެ.

ޑީއޭރިޔާ ބޭރުން ސްވިޒަރލެންދްގެ ކެޕްޓަން ޒަހާ ފޮނުވާލި ބާރުބޯޅަ ގޯލަށް ވަންނަން ދަނިކޮށް ކީޕަރު ނޯޔާ ހުށިޔާރުކަމާއެކު އަތުން ޖައްސާ ބޭރުކޮށްލި އެވެ.