ކުޅިވަރު

ފަހު ވަގުތު ކްރޮއޭޝިއާ ރޮއްވާލައި އިޓަލީ ދެވަނަ ބުރަށް


  • ގިނައީ ކްރޮއޭޝިއާ ދެވަނަ ބުރަށް ދަތުރުކުރާނެ ކަމަށް ހީކުރެވުނު ވަގުތުތައް

ގްރޫޕުގެ ފަހު މެޗުގައި މިރޭ އިޓަލީ އަތުން ކްރޮއޭޝިއާ މޮޅުވަމުން ދަނިކޮށް، އިތުރު ވަގުތުގެ އަށް މިނެޓު ތެރޭގައި މަޓިއާ ޒަގާނީ ޖެހި ލަނޑުން ނަތީޖާ އެއްވަރުކޮށް އިޓަލީ މުބާރާތުގެ ދެވަނަ ބުރަށް ދަތުރުކޮށްފިއެވެ.

އެންމެ ފަހުގެ ޗެމްޕިއަން އިޓަލީ ޔޫރޯ ފުޓްބޯޅަ މުބާރާތުން ކަޓަކަޓައި އޮއްވައި، ކްރޮއޭޝިޔާ މުބާރާތުގެ ދެ ވަނަ ބުރަށް ދިއުމުގެ އުއްމީދު ފަނުފުލުން ދުއްވާލުމާއެކު ރެފްރީގެ ފަހު ކަށިގަނޑާއެކު ދެ ގައުމުގެ ކުޅުންތެރިން ވެސް ފެށީ ރޯށެވެ.

މި ނަތީޖާއާއެކު މުބާރާތުގެ ދެ ވަނަ ބުރުގައި އިޓަލީ ވާދަކުރަން ޖެހޭނީ ގްރޫޕް އޭގެ ދެވަނަ ހޯދި ސްވިޒަލޭންޑާ އެވެ.

ގްރޫޕުގެ ދެ ވަނަ ޓީމުގެ ގޮތުގައި އިޓަލީ ދެ ވަނަ ބުރަށް ދަތުރުކުރީ ހަތަރު ޕޮއިންޓާއެކުގަ އެވެ. ކްރޮއޭޝިޔާ އަށް ތިން މެޗުން ލިބުނީ ދެ ޕޮއިންޓެވެ. އިޓަލީ އަށް ހަތަރު ޕޮއިންޓް ހަމަކުރެވުނީ މުބާރާތުގެ ފުރަތަމަ މެޗުގައި އަލްބޭނިއާ އަތުން 2-1އިން މޮޅުވެގެން ލިބުނު ތިން ޕޮއިންޓާއެކުގަ އެވެ. ކްރޮއޭޝިޔާ ފުރަތަމަ މެޗުގައި ސްޕޭން އަތުން ބަލިވިއިރު އަލްބޭނިއާއާ އެއްވަރުކޮށް ޕޮއިންޓެއް ލިބުނވެ. މި ގްރޫޕުގެ އެއްވަނަ ލިބުނީ ކުޅުނު ތިން މެޗުން ވެސް މޮޅުވި ސްޕޭނަށެވެ.

މި މެޗުގައި ކްރޮއޭޝިޔާގެ ހަމައެކަނި ލަނޑު ޖެހީ ކެޕްޓަން ލޫކާ މޮޑްރިޗެވެ. އޭނާ ލަނޑު ޖެހީ އިޓަލީގެ ޑިފެންޑަރެއްގެ އަތުގައި ޖެހުނު ބޯޅަ ވީއޭއާރުން ބަލައި ރެފްރީން ދިން ޕެނަލްޓީ ނަގާލިތާ މިނިޓެއް ފަހުން ޕެނަލްޓީ އޭރިޔާ ތެރެއިން ހުސްކޮށް ލިބުނު ބޯޅައަކުންނެވެ. މޮޑްރިޗް ޖެހި ޕެނަލްޓީ އިޓަލީގެ ކީޕަރު އަދި ކެޕްޓަން ޖިއާން ލުއިޖީ ޑޯނަރޫމާ ވަނީ ދިފާއުކޮށްފަ އެވެ. މޮޑްރިޗް ޖެހި ލަނޑާއެކު އޭނާ ވެފައިވަނީ ޔޫރޯގެ ތާރީހުގައި ގޯލެއް ޖެހި އެންމެ ދުވަސްވީ ކުޅުންތެރިޔާ އަށެވެ.
2018 ވަނަ އަހަރުގެ ވޯލްޑްކަޕުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ރެއާލް މެޑްރިޑުގެ މިޑްފީލްޑަރުގެ މިހާރުގެ އުމުރަކީ 38 އަހަރެވެ. ގައުމީ ޓީމަށް 178 ވަނަ މެޗު މި މެޗުގައި ހަމަކުރި މިޑްފީލްޑަރު 81 ވަނަ މިނިޓްގައި ބަދަލުކުރުމުން ސަޕޯޓަރުން ވަނީ ކޮޅަށް ތެދުވެ އޭނާ އަށް ހާއްސަ ތަރުހީބުގެ އަތްތިލަބަޑިއެއް ޖަހައިފަ އެވެ. އަދި ބެންޗުގައި ހުރެ އޭނާ ޓީމަށް ވަރަށް ބޮޑަށް އިރުޝާދުދިނެވެ.

މެޗު ނިމިނިމި އޮއްވައި އިޓަލީގެ ގޯލު ޖަހާނެ ރަނގަޅު ފުރުސަތެއް ހޯދި އެވެ. އަރިމަތިން ކުރިއަރައި ފްރެޑްރިކޯ ކިއޭޒާ ނަގައިދިން ހުރަހަށް ޖިއާން ލޫކާ ސްކަމާކާ ކުރިއަށް އެރި ނަމަވެސް އޭނާ އަށް އެ ބޯޅަ އަތުނުވީ އެވެ. އަދި ޒަނާނީ ލަނޑު ޖެހީ މެޗު ނިމެން ދެ މިނިޓަށްވީ ފަހުންނެވެ.