ކުޅިވަރު

އޮސްޓްރިއާ ކުޅެނީ ރަގްނިކް ބޯލް، ނެދަލަންޑްސް ކުޅެނީ ކޫމަން ބޯލް


ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިރޭ ނެދަލޭންޑްސް އާއި އޮސްޓްރިއާ ބައްދަލުކުރާ މެޗަކީ ހުރިހާ ގޮތަކުން ވެސް ވާދަވެރިވާނެ މެޗެކެވެ. ދެ ޓީމަށް ވެސް މޮޅުވެގެން މުބާރާތުގެ ދެ ވަނަ ބުރު ޔަގީން ކުރެވޭނެ އެވެ. އެކަމަކު ބަލިވާ ޓީމަކަށް މުބާރާތުގެ ދެވަނަ ބުރަށް ދިއުމަށް އިންތިޒާރުކުރަންޖެހޭނެ އެވެ.

އޮސްޓްރިއާގެ ކޯޗު ރަލްފް ރަގްނިކާއި ނެދަލޭންޑްސްގެ ކޯޗު ރޮނަލްޑް ކޫމަންގެ ވެސް ވިސްނުމަކީ މިއީ ރައްކާތެރި ގޮތެއްނޫން ކަމަށެވެ. ކޯޗު ރަގްނިކް ބުނީ 1954 ވަނަ އަހަރުގެ ފަހުން ފުރަތަމަ ފަހަރަށް ބޮޑު މުބާރާތެއްގެ ދެ ވަނަ ބުރު އެންމެ ފަހުގެ ޔޫރޯގައި ކުޅުނު އޮސްޓްރިއާ އަކީ މި ފަހަރު ވެސް ގަދަ16ގައި ކުޅެންޖެހޭ ޓީމެއް ކަމަށެވެ. ސަބަބަކީ ފާއިތުވެދިޔަ ދެ އަހަރު އޭނާގެ ކޯޗުކަމުގައި އޮސްޓްރިއާ ކުރިއެރުންތަކެއް ހޯދާފައިވުން ކަމަށާއި އެންމެ ފަހުގެ ވޯލްޑްކަޕަށް ނުހުވުމުގެ ހިތިކަން ފިލައިދާނީ މިފަދަ ކާމިޔާބީއަކުން ކަމަށްވާތީ އެވެ.

ރަގްނިކަކީ މެންޗެސްޓާ ޔުނައިޓެޑުން ބޭރުކޮށްލި ކޯޗެކެވެ. އޭގެ ފަހުން އޮސްޓްރިއާއިން އޭނާގެ ހިދުމަތް ހޯދަން ފެށިފަހުން ރަގްނިކް ގެންދިއުމަށް ފައިނެގި ޓީމަކީ ޖަރުމަނުގެ ބަޔާން މިއުނިކެވެ. ނަމަވެސް މަޝްވަރާތައް އެންމެ ފަހު ސްޓޭޖަށްދިޔަ ފަހުން އޭނާ މޫނު އަނބުރާލީ ބަޔާންގެ ސަޕޯޓަރުން އޭނާއާ ދެކޮޅަށް ޕެޓިޝަނެއްގައި ސޮއިކުރުމާ ވެސް އެކުގަ އެވެ. މިފަދަ ނުބައި ތަސައްވުރެއް އޭނާއާ މެދު އުފެދުނު މައިގަނޑު އެއް ސަބަބަކީ ވެސް މެންޗެސްޓާ ޔުނައިޓެޑުގައި އޭނާއާ މެދު ބޭއިންސާފުން ކަންތައްތައް ކޮށްފައިވުން ކަމަށް ރަގްނިކް ބުނެ އެވެ.

ޔޫރޯ އަކީ އޭނާ އަށް މިކަންކަން ބަދަލުކުރަން ލިބޭ ފުރުސަތެވެ. ދެ އަހަރެއްގެ ތެރޭގައި އޮސްޓްރިއާ މިހާރު އެދަނީ ރަގްނިގްބޯޅަ ރަނގަޅަށް ކުޅެ ނަތީޖާ ނެރެމުންނެވެ. މީޑިއާގެ ޕްރެޝަރާއި ބޭކާރު އުދާސްތައް ނެތި މަސައްކަތް ކުރަން ފުރުސަތު ލިބުމުން ރަގްނިކް އެދަނީ އޭނާގެ ކޯޗިންގައި ރަނގަޅު ކިތަންމެކަމެއް ހުރިކަން ސާބިތުކޮށްދެމުންނެވެ.

މުބާރާތުގެ ގަދަ 16 އަށް ދިއުމަށް ނެދަލޭންޑްސްއާ ދެކޮޅަށް ނުކުތުމުގެ ކުރިން އޭނާ ވަނީ އެ ގައުމަށް ވަރަށް ބޮޑަށް ތައުރީފްކޮށްފަ އެވެ. ރަގްނިކް ބުނީ ނެދަލޭންޑްސްއަކީ 70ގެ އަހަރުތަކުގައި ޔޯހަން ކްރައިފް ހުރެގެން ކުޅުނުފަދަ ރީތި ފުޓްބޯޅައެއް ކުޅޭ ޓީމަކަށް ބަދަލުވެއްޖެކަމަށެވެ. އަދި ކޯޗު ރޮނަލްޑް ކޫމަންގެ އިރުޝާދުގެ ދަށުން ކުޅޭއިރު މިހާރު އެއީ ބަލިކުރަން އުނދަގޫ ޓީމެއް ކަމަށެވެ.

ނަމަވެސް ނެދަލޭންޑްގެ ކޯޗު ކޫމަންގެ ކަންބޮޑުވުމަކީ އޭނާގެ ފޯވަޑުން ގޯލު ނުޖަހާ މައްސަލަ އެވެ. ކޯޑީ ގަޕޯ ފުރަތަމަ މެޗުގައި ގޯލެއް ޖެހި ނަމަވެސް އޭނާގެ ފޯމު ރަނގަޅެއްނޫނެވެ. އެންމެ އިސް ފޯވަޑް މެންފިސް ޑިޕާއީ ގޯލު ނުޖަހާކަން ކޯޗާއި ކުޅުންތެރިން ވެސް ތިބީ ޔަގީންކޮށްގެންނެވެ. ނަމަވެސް ކޫމަން ބުނީ ހުސްވި ދެ ސީޒަން ސްޕޭނުގެ އެތްލެޓިކޯ މެޑްރިޑުގައި ކުޅުނު ފޯވަޑްގެ ފޯމު ދަށްވިނަމަވެސް އޭނާގެ އިތުބާރަށް ލޮޅުން އަރާފައިނުވާ ކަމަށެވެ. މިހެންވެ މިރޭގެ މެޗުގައި ވެސް ފޯވަޑް ލައިން ލީޑް ކުރާނީ ޑިޕާއީ އެވެ. ނަމަވެސް ކޫމަންގެ ބޮލު ރިހުމަކީ ފަހުހާފުގައި ކުޅެން ނުކުމެ ވެގްހޯސްޓް ގޯލު ޖަހާފައިވަނިކޮށް، ޑިޕާއީ އަށް މުޅި މެޗު ކުޅެން ނުލިބި ގޯލު ނުޖަހައިދިއުން ތަކުރާރުކޮށްފާނެތީ އެވެ. އޭނާ މިހާރު ނިންމައިގެން ހުރީ މިރޭގެ މެޗުގައި އެފަދަ ކަމެއް ދިމާވެއްޖަނަމަ ޑިޕާއީ ބެންޗުކުރުމަށެވެ.