ޚަބަރު

ނެދަލަންޑްސް މެޗު ފެށީ ގޯސްކޮށް، އިދިކޮޅު ޓީމަށް ވަރަށް ބޮޑަށް ފަސޭހަކޮށްދިން: ކޫމަން


"
މެޗު ފެށީ ވަރަށް ގޯސްކޮށް، އަހަރެމެންނަށް ކޮންޓްރޯލެއް ނުކުރެވުނު.
ނެދަލެންޑްސްގެ ކޯޗު، ރޮނާލްޑް ކޫމަން

ޔޫރޯ 2024 ގެ ގްރޫޕް ޑީ ގައި ރޭ އޮސްޓްރިއާ އަތުން 3-2 އިން ބަލިވި މެޗަށްފަހު ދެއްކި ވާހަކައިގައި ނެދަލެންޑްސްގެ ކޯޗު، ރޮނާލްޑް ކޫމަން ބުނީ، އޭނާގެ ޓީމުން މެޗު ފެށީ ވަރަށް ގޯސްކޮށް ކަމަށާއި، އެކަމުގެ ސަބަބުން އިދިކޮޅު ޓީމަށް ވަރަށް ބޮޑަށް ފަސޭހަވެގެންދިޔަ ކަމަށެވެ.

އެގޮތުން، މެޗު ފެށިގެން އެގްރެސިވް ގޭމެއް ނުކުޅެވުނު ކަމަށާއި، އިދިކޮޅު ޓީމަށް އެކަށީގެންވާ ވަރަށް ޕްރެޝަރުވެސް ނުކުރެވުނު ކަމަށް ކޫމަން ވަނީ ބުނެފައެވެ.

ކޫމަން ބުނީ، މެޗުގެ ފެށުން ގޯސްކޮށްދިޔަނަމަވެސް ފަހުން ކުރިއަށްވުރެ ރަނގަޅުކުރިކަމަށާއި، އެކަމަކު ލިބުނު މަދު ފުރުޞަތުތަކުގެ ބޭނުން ހިފޭގޮތްނުވިއިރު އޮސްޓްރިއާ އިން އުނދަގޫތައް ކުރިމަތިކޮށް، އޭނާގެ ޓީމުން ހެދި ގޯސްތަކުގެ ބަދަލުގައި ފުރިހަމަ އަށް އަދަބު ލިބުނު ކަމަށެވެ.

ދަނޑުމަތީގައި ދެއްކި ކުޅުމުގެ ސަބަބުން އެކަމުގެ ޒިންމާ ފުރިހަމައަށް ނަގަންޖެހޭ ކަމަށާއި، އެ މެޗުން އެއަށްވުރެ ރަނގަޅު ނަތީޖާއެއް ނެދަލެންޑްސް އަށް ހައްގުނޫން ކަމަށް ވެސް ކޫމަން ބުންޏެވެ.

ނިންމާލަމުން ކޫމަން ބުނީ، މެޗަށް ނިކުތްއިރު ވެސް އޭނާގެ ޓީމަށް ގްރޫޕުގެ ތިންވަނަ ލިބިއްޖެނަމަ ދެން އޮތް ބުރުގައި ވަރުގަދަ ޓީމަކާ ކުޅެން ޖެހިދާނެކަން އެނގޭ ކަމަށާއި، މިހާރު ދެން އެކަމަށް އިންތިޒާރުކުރުން ނޫން ގޮތެއް ނެތް ކަމަށެވެ.