ކުޅިވަރު

ރޮނާލްޑޯ ކުޅުނަސް ޕޯޗުގަލްގެ ބަލިފައި ޖޯޖިއާއަށް އެނގޭ


ޖޯޖިއާ އަކީ މި ފަހަރުގެ ޔޫރޯގައި މުޅިން އަލަށް ވާދަކުރާ ބައެއް. ބައިނަލް އަގްވާމީ މުބާރާތްތަތަކީ ކިހިނެތް ހިނގާ ކޮން ކަހަލަކަމެއްކަން އެމީހުން މީގެ ކުރިން ތަޖުރިބާކޮށްފައި ނެތެވެ. ނަމަވެސް މި ފަހަރުގެ ޔޫރޯ އަށް ކޮލިފައިވުމާއެކު ޖޯޖިއާ އަށް ވަނީ ބޮޑު ފުޓްބޯޅަ އީދެއް އައިސްފަ އެވެ.

ގައުމު ދާހީލީ ކަންކަމުގެ އަރައިރުން ބޮޑު ނަމަވެސް ގައުމީ ޓީމުގެ މެޗުތައް ބަލަން އެއްތަނަކަށް އެއްވުމާއި ޓީމަށް ތަރުހީބު ދިނުމުގައި ޖޯޖިއާގައި ވެސް ދަނީ ނުހަނު ބޮޑަށް ފޯރި ނަގަމުންނެވެ. އެހެން ގައުމުތައް ފަދައިން ޖަރުމަނަށް ވެސް އެތައް ބަޔަކު ދަނީ ޖަމާވަމުންނެވެ. މި އެންމެން އުއްމީދު ކުރަނީ މިރޭ ޕޯޗުގަލް ބަލިކޮށް މުބާރާތުގެ ދެ ވަނަ ބުރަށް ދަތުރު ކުރުމަށެވެ. މިރޭގެ މެޗާ ހަމައިން މުބާރާތް ނިންމާލުމުގެ ބަދަލުގައި ފުރަތަމަ ފަހަރަށް ބޮޑު މުބާރާތެއް ކުޅެ، ދެ ވަނަ ބުރަށް ދަތުރު ކުރުމަށް ކުޅުންތެރިން ތިބީ ވަރަށް ވަރުގަދަ އަށް ކަމަރު ބަނދެގެންނެވެ.

ފޯވަޑް ކްވީޗާ ކަވަރަސްކޭލިޔާ ބުނީ ޕޯޗުގަލް އަށްވުރެ ހުރިހާ ގޮތަކުން ވެސް މެޗު ކާމިޔާބު ކުރަން ފޯރީގައި ތިބީ ޖޯޖިއާގެ ކުޅުންތެރިން ކަމަށެވެ.

ޖޯޖިއާގެ ކޯޗު ވިލީ ސަނިޔޯލް އަކީ މިފަދަ މަރުހަލާތައް އޭނާގެ ކުޅުމުގެ ދުވަސްވަރު ވަރަށް ގިނައިން ތަޖުރިބާކޮށްފައިވާ ތަޖުރިބާކާރެކެވެ. ފްރާންސްގެ ފަހަތުގައި އޭނާ ކުޅުނު ދުވަސްވަރަކީ އެ ޓީމުން ބޮޑެތި މުބާރާތަކުގެ ތަށިތައް ހޯދި ޒަމާނެވެ. މި ތަޖުރިބާއާއެކު ކޯޗު ބުނީ މުބާރާތް ފެށިއިރު ވެސް މި މެޗަކީ ދެ ވަނަ ބުރަށް ދިއުމަށް އެންމެ ގަދަ އަށް ކުޅެންޖެހޭ މެޗުކަން ކުޅުންތެރިންނާއި ވެސް އޭނާ ވެސް ގަބޫލުކުރި ކަމަށެވެ. މިހެންވެ ފަހު މެޗުން މޮޅުވެގެން މުބާރާތުގެ ގަދަ 16 އަށް ކޮލިވާންޖެހުމަކީ އަޖައިބެއްނޫން ކަމަށާއި މާކުރިން ވެސް މިކަމަށް އޭނާގެ ޓީމުން ދިޔައީ ތައްޔާރުވަމުން ކަމަށެވެ.

ޕޯޗުގަލް ކޮލިފައިވެފައި އޮތުމުން ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ މި މެޗުގައި ކުޅުވާނެތޯ އެއީ ކޯޗު ރޮބާޓޯ މާޓިނޭޒްގެ އަތްމަތީގައި އޮތްކަމެކެވެ. ނަމަވެސް އޭނާ ބުނީ ރޮނާލްޑޯ އަކީ އަބަދުވެސް ފިޓް ކުޅުންތެރިއެއް ކަމަށާއި އޭނާ މެޗުގައި ކުޅެން ތައްޔާރަށް ހުރުމުން ކެޕްޓަނާ ނުލައި ޕޯޗުގަލް މެޗަށް ނުކުންނަންވީ ސަބަބެއް ނެތް ކަމަށެވެ. އަދި އެކަމަށް ކުޑަނަމަވެސް ހުރަހެއް އަޅަން އޭނާ މަސައްކަތްކޮށްގެން ނުވާނެ ކަމަށެވެ. މާޓިނޭޒް ބުނީ އުމުރުން 38 އަހަރު ވިޔަސް ރޮނާލްޑޯ ފަދަ ކުޅުންތެރިއަކު އަބަދުވެސް ދަނޑުމަތީގައި ހުރެ ފެންވަރު ހިފެހެއްޓުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި ކޮލިފައިވެފައި އޮތަސް އޭނާގެ ޓީމުން މި މެޗު ފަސޭހަ ނުކުރާނެ ކަމަށެވެ.

އަނެއްކޮޅުން މިއީ ރޮނާލްޑޯ ޔޫރޯގައި ކުޅޭ ބައި ސައްތަ ވަނަ މެޗެވެ. މި ހާއްސަ ރެކޯޑް ލިބޭއިރު މިރޭގެ މެޗުގައި އޭނާ ގޯލު ޖަހައިފިނަމަ މުބާރާތުގައި އެންމެ ދޮށީ އުމުރެއްގައި ގޯލް ޖެހި ކުޅުންތެރިޔާގެ މަގާމު ވެސް ލިބޭނެ އެވެ. މިހާރު މި ރެކޯޑް އޮތީ ކްރޮއޭޝިޔާގެ ކެޕްޓަން ލޫކާ މޮޑްރިޗްގެ އަތުގަ އެވެ.

ޕޯޗުގަލް އަކީ މުބާރާތުގެ އެންމެ ވަރުގަދަ އެއް ފޯވަޑްލައިން އޮތް ޓީމެވެ. ނަމަވެސް އެކަން އަދި މިހާތަނަށް އެ މީހުންނަށް ސާބިތުކޮށްދެވިފައިނެތެވެ. އަނެއްކޮޅުން ޖޯޖިއާ އަކީ މުބާރާތުގައި މިހާތަނަށް އެންމެ ގިނަ ހަމަލާ ބައިކޮޅަށް އަމާޒުވި ޓީމެވެ. ނަމަވެސް ޖޯޖިއާގެ ކެޕްޓަން ބުނީ މިއީ ގިނަ ގޯލުތަކެއް ފެނިގެންދާނެ މެޗަކަށްނުވާނެ ކަމަށާއި ޕޯޗުގަލްގެ ބައިފައިތައް އެނގޭ ކަމަށެވެ.