ކުޅިވަރު

ޗެކް ރިޕަބްލިކްގެ ހުރިހާ ކުޅުންތެރިންނަށްޓަކައި ނޮކްއައުޓް ބުރަށް ދާން ބޭނުން: ހަސެކް


"
ތުރުކީ ޓީމުގައި އިންޑިވިޖުއަލީ މޮޅު ކުޅުންތެރިންތަކެއް އެބަތިބި،
ޗެކް ރިޕަބްލިކްގެ ކޯޗު، އިވާން ހަސެކް

ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އެފް ގައި މިރޭ ތުރުކީއާ ދެކޮޅަށް ނިކުތުމުގެ ކުރީން، ޗެކް ރިޕަބްލިކްގެ ކޯޗު، އިވާން ހަސެކް ވަނީ، ޗެކް ރިޕަބްލިކްގެ ހުރިހާ ކުޅުންތެރިންގެ ކިބައިން އިހުސާސް ކުރެވެނީ މުޅިން ވެސް ޕޮޒިޓިވް ކަންތައްތައްކަމަށާއި، ކުޅުމުގެ ފުރުޞަތު ނުލިބޭ ކުޅުންތެރިން ވެސް އެކަމުގައި ހަމަހަމަ ކަމަށާއި، އެހެންވެ އެ ކުޅުންތެރިންނަށްޓަކައި ކޮންމެހެން އަނެއް ބުރަށް ދަތުރުކުރަން ބޭނުންވާ ކަމަށް ބުނެފައެވެ.

ހަސެކް މިހެން ބުނީ މެޗުގެ ކުރީން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

ހަސެކް ބުނީ، ތުރުކީއާ ދެކޮޅަށް ނިކުންނައިރު ޗެކް ރިޕަބްލިކްގެ އެންމެ މޮޅު ފޯވާޑް، ޕެޓްރިކް ޝިކް ފިޔަވައި ދެން ތިބި ހުރިހާ ކުޅުންތެރިއެއް ކަހަލަ ގޮތަކަށް ފިޓްކޮށް ތިބުމަކީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ. ޗެކް ރިޕަބްލިކް ޓީމުގައި ހުރި އެންމެ މޮޅު ފޯވާޑަކީ، ޕެޓްރިކް ޝިކް ކަމަށާއި، އޭނާ އަށް ނުކުޅެވޭނަމަ ބަދަލުގައި އެހެން ކުޅުންތެރިއަކު ފެނިގެންދާނެ ކަމަށް ވެސް ހަސެކް ބުންޏެވެ.

ތުރުކީގެ ކުޅުމާ ބެހޭގޮތުން ދެއްކި ވާހަކައިގައި، އެ ޓީމަށް ތައުރީފުކުރަމުން ހަސެކް ބުނީ، ތުރުކީ ޓީމުން އިޓަލީ ކޯޗާއެކު ޓެކްޓިކަލީ ރަނގަޅު ކުޅުމެއްދައްކަމުން އަންނަ ކަމަށާއި، އެ ޓީމުގައި ހިމެނޭ ގިނަ ކުޅުންތެރިންނަކީ ދުނިޔޭގެ އެންމެ މޮޅު ކުލަބުތަކަށް ކުޅޭ ކުޅުންތެރިން ކަމަށެވެ.

ތުރުކީ ޓީމުގެ އިންޖީނަކީ، ހަކަން ޗައަނޮގްލޫ ކަމަށާއި، ގޭމްގެ ޓެމްޕޯ އާއި ކުޅުން ބިނާވެގެންވަނީ އޭނާގެ މައްޗަށް ކަމަށާއި، އެމީހުންގެ އެންމެ މުހިއްމު ކުޅުންތެރިއަކީ އެއީ ކަމަށް ވެސް ހަސެކްގެ ވާހަކައިގައި ފާހަގަކުރިއެވެ.

މުބާރާތުގައި މިހާތަނަށް ކުޅުނު ދެ މެޗުގައި ނަސީބު އެހީވެފައިނުވާކަމަށް ޗެކް ރިޕަބްލިކްގެ ކެޕްޓަން، ތޯމަސް ސޫޗެކް ވަނީ ބުނެފައެވެ. އެގޮތުން، އޭނާ ބުނީ އެ ދެ މެޗުން ލިބެންޖެހޭ ވަރަށް ޕޮއިންޓް ނުލިބުނީ ނަސީބު އެހީނުވުމުން ކަމަށާއި، އެހެންވެ ކުރިއަށް އޮތް މެޗުގައި ބުރަކޮށް މަސައްކަތްކޮށްފިނަމަ ތުރުކީގެ މައްޗަށް ކުރިހޯދޭނެ ކަމަށް ގަބޫލުކުރާ ކަމަށެވެ.

ސޫޗެކް ބުނީ، ޓީމުގެ ހުރިހާ ކުޅުންތެރިން ތިބީ މެޗު ކާމިޔާބުކުރުމަށް ކެތްމަދުވެ، އެކަމަށް ފެންބޮވައިގެންފައި ކަމަށާއި، ގްރޫޕުގެ ފަހު މެޗު ކާމިޔާބުކުރެވޭނެ ކަމުގެ ވަރަށް ބޮޑު އުއްމީދެއް އެބައޮތް ކަމަށާއި، އެކަން އެގޮތަށް ކުރެވިދާނެ ކަމަށް ގަބޫލުކުރާ ކަމަށެވެ.

މުބާރާތުގައި ތުރުކީއާ ޗެކް ރިޕަބްލިކް ބައްދަލުކުރާ މެޗު ފެށުމަށް ހަމަޖެހިފައިވަނީ މިރޭ ރާއްޖޭގަޑިން 12 ޖަހާއިރު އެވެ.