ޚަބަރު

ޔުކްރެއިން ރޮއްވާލުމަށްފަހު ރޮމޭނިޔާއާއި، ބެލްޖިއަމް އަދި ސްލޮވާކިޔާ ގަދަ 16 އަށް


  • []

ޔޫރޯގެ ތާރީޚުގައި ގްރޫޕް ސްޓޭޖްގެ ފަހު މެޗަށް ދިޔައިރު ގްރޫޕްގެ ހަތަރު ޓީމްވެސް ޕޮއިންޓްގެ ގޮތުން އެއްވަރުވި ގްރޫޕްގެ މެޗުތައް ނިމުނުއިރުވެސް އެއްވަރު ވެއްޖެއެވެ.

ގްރޫޕް އީގައި ޔުކްރެއިންއާއި ބެލްޖިއަމް ވަދަކުރި ފަހު މެޗު އެއްވަރުވީ ލަނޑެއް ނުޖެހި އެވެ. ރޮމޭނިޔާއާއި ސްލޮވާކިޔާ ވާދަކުރި މެޗު އެއްވަރުވީ 1-1 ނެވެ. މިއާއެކު ހަތަރު ޓީމްވެސް ގްރޫޕް ސްޓޭޖް ނިންމާލީ 4 ޕޮއިންޓާއެކުއެވެ. ފައިދާ ގޯލަށް ބަލައިގެން އެއްވަނަ އަދި ދެވަނަ ޓީމްގެ ގޮތުގައި ގަދަ 16 އަށް ދަތުރުކުރީ ރޮމޭނިޔާއާއި ބެލްޖިއަމް އެވެ. ގްރޫޕްގެ އެއްވަނަ ހޯދީ ރޮމޭނިޔާ އެވެ. މިއީ 2000 ވަނަ އަހަރުގެ ފަހުން ރޮމޭނިޔާ ނޮކްއައުޓް ބުރަށް ދިޔަ ފުރަތަމަ ފަހަރުވެސް މެއެވެ. ތިންވަނަ އަށް ދިޔަ ޓީމްތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ހޯދި ޓީމްތަކުގެ ތެރޭގައި ހިމެނިގެން ސްލޮވާކިޔާ އަށްވެސް ގަދަ 16 އިން ޖާގަ ލިބޭނެއެވެ.

މިނަތީޖާއާއެކު ކެޓީ ޔުކްރެއިން އެވެ. އެކަމަކު ބެލްޖިއަމްއާ ދެކޮޅަށް ލަނޑު ޖަހަން އެންމެ ރަނގަޅު ފުރުޞަތު ހޯދާ، ނުރައްކާތެރު ބޯޅަތައް ފޮނުވާލީ ޔުކްރެއިން އިންނެވެ. ޔުކްރެއިން އަށް ފުރުޞަތު ގެއްލުނީ ގެއްލުން ދެ ގޯލް އޮތުމުންނެވެ. ތިންވަނަ ހޯދި ސްލޮވާކިޔާއަށް ގެއްލުނު ގޯލެއް އަދި ފައިދާ ގޯލެއްވެސް ނެތެވެ. ޔުކްރެއިން އަކީ 4 ޕޮއިންޓާއެކު މުބާރާތުން ވަކިވާން ޖެހުނު ހަމައެކަނި ޓީމަށެވެ.

ރޮމޭނިޔާއިން ގްރޫޕްގެ އެއްވަނަ ހޯދީ ފަހު މެޗުގައި ސްލޮވާކިޔާ އަތުންވެސް ޕޮއިންޓެއް ހޯދައިގެންނެވެ. އެމެޗުގައި ފުރަތަމަ ލަނޑު ޖަހާ ކުރި ހޯދީ ސްލޮވާކިޔާއިން ނެވެ. 24 ވަނަ މިނިޓްގައި ލީޑް ނަގައިދިނީ ޑޫޑާ އެވެ. ރޮމެނިޔާއިން ނަތީޖަ ހަމަހަމަ ކުރީ ޕެނަލްޓީ އަކުން މަރީން އެވެ. އޭރިޔާ ތެރެއިން ކުރި ފައުލަށް ޕެނަލްޓީ ދިނީ ވީއޭއާރުން ބެލުމަށްފަހު އެވެ.
ބެލްޖިއަމް އަތުން މޮޅުނުވިޔަސް ޔުކްރެއިން އިން ވަނީ ލަނޑު ޖަހަން ވަރަށް ރަނގަޅު އެޓޭކްތަކެއް ކޮށްފައެވެ. އޭގެތެރެއިން އެއްް ބޯޅަ ބެލްޖިއަމް ކީޕަރު ދިފާއުކުރީ ގޯލް ރޮނގު މަތިންނެވެ. 82 ވަނަ މިނިޓްގައި ރުސްލާން މަލިނޮވްސްކީ ނެގި ކޯނަރު ގޯލެއް ނޫން ކަމަށް ނިންމުމުގައި ގޯލްލައިން ޓެކްނޮލޮޖީގެ އެހީވެސް ހޯދިއެވެ.

މެޗު ފަށައިގެން ހަ ވަނަ މިނިޓްގައި ފުރަތަމަ ފުރުޞަތު ހޯދީ ބެލްޖިއަމް އިންނެވެ. އެކަމަކު އޭރުޔާ ތެރެއަށް ދިން ތްރޫޕާސް ލުކަކޫ އަށް ފޮނުވާލެވުނީ ކީޕަރާ ދިމާއަށެވެ. 20 ވަނަ މިނިޓްގައި ޑީއޭރިޔާ ބޭރުން ޔުކްރެއިންގެ ރޯމަން ޔެރެމްޗުކް ފޮނުވާލި ބޯޅަވެސް ކީޕަރު މަތަކުރި އެވެ. ޖެހިގެން އައި މިނިޓްގައި ހަމަ އެހިސާބުން ޑޯވބީކް ފޮނުވާލި ބޯޅަ ދިޔައީ އަރިމަތިން ބޭރަށެވެ. ފުރަތަމަ ހާފްގެ ފަހު ފަނަރަ މިނިޓްގެ ތެރޭގައި އޭރިޔާ ބޭރުން ކަނާ ދިމާލުން ލިބުނު ހިލޭޖެހުން ޑި ބުރައިނާ ފޮނުވާލުމުން ބޭރަށް ދިޔައީ އަރިމަތީ ދަނޑިކައިރިންނެވެ.

ހާފް ނިމެން ދަނިކޮށް ޔުކްރެއިންގެ ރޯމަން ޔަރެމްޗުކް ގޯލް އޭރިޔާ ތެރެއަށް ހުރަސްކޮށްލި ބޯޅަ ޑޯވބީކް އަށް ފައި ޖައްސާ ނުލެވުނެވެ. ފުރަތަމަ ހާފްގެ އިތުރު ވަގުތުގައި އޭރިޔާ ރޮނގުމަތިން ޑި ބުރައިނާ ފޮނުވާލި ބޯޅަ މަތަކުރީ ކީޕަރެވެ. ދެވަނަ ހާފްގެ ކުރީކޮޅު ޑޮކޫ ގޯލް އޭރިޔާ ތެރެއަށް ހުރަސްކުރި ބޯޅަ ޖަހާނެ ކުޅުންތެރިއަކު ނެތި ހުރަސްވެގެން ދިޔައީ އެވެ. އެބޯޅައަށް ލުކަކޫ އެރި ނަމަވެއސް ފައި ޖައްސާ ނުލެވުނެވެ.

67 ވަނަ މިނިޓްގައި ބެލްޖިއަމްގެ ޔަނިކް ކަރަސްކޯ އޭރިޔާ ތެރެއަށް ވަދެ ފޮނުވާލި ބާރު ބޯޅަ ކީޕަރު ދިފާއުކުރި އެވެ. ބަދަލަކަށް ނިކުއިން ކަރަސްކޯ 72 ވަނަ މިނިޓްގައި ގޯލްއޭރިޔާ ރޮނގުމަތިން ލުކަކޫ ޖައްސާލުމުން ގޯލަށް ފޮނުވާލި ނަމަޗެސް ކީޕަރު މަތަކުރި އެވެ.

މެޗުގެ ފަހު ފަސް މިނިޓްގެ ތެރޭގައި ޑި ބުރައިނާ ހުސްކޮށްލާފަ އޭރިޔާ ތެރެއިން ބަކަޔޯކޯ އަށް ޖައްސާލުމުން ފޮނުވާލީ ބޭރަށެވެ. ފަހު ފުރުޞަތު ލިބުނީ ޔުކްރެއިން އަށެވެ. މެޗުގެ އިތުރު ވަގުތުގައި ޔުކްރެއިން އިން ފޮނުވާލި ބާރުބޯޅަ ދިފާއުކުރީ ކީޕަރެވެ. މުބާރާތުގެ ގްރޫޕް ސްޓޭޖަށް ބަލާއިރު އެންމެ ވާދަވެރި ގްރޫޕަކީ މިއީއެވެ.