ޚަބަރު

އެސްޓީއޯގެ އަހަރީ އާންމު ޖަލްސާ އަންނަމަހުގެ 12 ވަނަ ދުވަހު


  • ޖަލްސާގައި ބައިވެރިވުމަށް ޖުލައި 11ގެ ކުރިން ރަޖިސްޓްރީ ކުރަންޖެހޭ

  • މިޖަލްސާ އޮންނާނީ ހުޅުލެ، ނީރި ލައުންޖުގައި

  • މި ޖަލްސާގައި ހިއްސާގެ ފައިދާ ބަހަން ފާސްކުރާނެ

ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން، އެސްޓީއޯގެ އަހަރީ އާންމު ޖަލްސާ އަންނަމަހުގެ 12 ވަނަ ދުވަހު ބޭއްވުމަށް ނިންމައިފިއެވެ.

އެސްޓީއޯގެ އަހަރީ އާންމު ޖަލްސާގައި ބައިވެރިވާ ހިއްސާދާރުން އަންނަމަހުގެ 11 ވަނަ ދުވަހުގެ ކުރިން ރަޖިސްޓްރީ ކުރަންޖެހޭނެ ކަމަށް އެސްޓީއޯއިން ބުނެއެވެ. މިޖަލްސާ އޮންނާނީ ހުޅުލެ، ނީރި ލައުންޖު ޖުކައި 12ވަނަ ދުވަހުގެ ރޭ 21:00 ގައެވެ. މިޖަލްސާގައި އޮންލައިންކޮށާއި، ޖަލްސާއަށް ވަޑައިގެންވެސް ބައިވެރިވެވޭނެއެވެ.

އަހަރީ އާންމު ޖަލްސާގައި ބައިވެރިވެވޭނީ މިމަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް ކުންފުނީގެ ހިއްސާދާރުންގެ ދަފްތަރުގައި ހިމެނޭ ފަރާތްތަކަށްކަމަށް އެސްޓީއޯއިން ބުނެއެވެ.

އަހަރީ އާންމު ޖަލްސާގައި އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑު އައްޔަންކުރުންވެސް އޮންނާނެއެވެ. ޑިރެކްޓަރުންގެ ބޯޑަށް ސަރުކާރުގެ ފަރާތުން 6 މެންބަރުން އަދި އާންމު ހިއްސާދާރުންގެ ފަރާތުން 1 މެންބަރަކު ހޮވާނެއެވެ.

މީގެއިތުރުން އަންނަ އަހަރަށް ޢައްޔަންކުރާ ކުންފުނީގެ އޮޑިޓަރުން ހޮވާ، އެފަރާތުގެ އުޖޫރަ ކަނޑައެޅުމާއި، އަލަށް އެކުލަވާލެވުނު ރާއްޖޭގެ ކުންފުނީގެ ޤާނޫނާއި ގުޅިގެން ކުންފުނީގެ ހިންގާ ގަވާއިދަށް މިވަގުތަށް ގެންނަ ހުށަހަޅާ އިސްލާޙްތައް ގެނައުމަށް ފާސްކުރުންވެސް އަހަރީ އާއްމު ޖަލްސާގައި އޮންނާނެ ކަމަށް އެސްޓީއޯއިން ބުނެއެވެ.

އެސްޓީއޯގެ މިދިޔަ އަހަރުގެ ހިއްސާގެ ފައިދާގެ ގޮތުގައި ހިއްސާއަކަށް 80 ރުފިޔާ ބެހުމަށް އެކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ފާސްކޮށް ޖަލްސާއަށް ހުށަހަޅަންވަނީ ނިންމާފައެވެ. އެހެންކަމުން މި ޖަލްސާގައި ހިއްސާއަކަށް 80 ރުފިޔާ ބަހަން ހިއްސާދާރުންގެ މެދުގައި ވޯޓަށް އަހާނެއެވެ.

މިދިޔަ އަހަރުގެ ހިއްސާގެ ފައިދާގެ ގޮތުގައި 80 ރުފިޔާ ބަހަން އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑުން ނިންމާފައިވާއިރު މިއީ އެކުންފުނިން ފާއިތުވި 17 އަހަރުގެ ތެރޭގައި ހިއްސާގެ ފައިދާގެ ގޮތުގައި ބަހަން ނިންމި އެންމެ ބޮޑު އަދަދެވެ.