އަންނަ އަހަރުތެރޭ ރާއްޖެއަށް މަދުވެގެން 2.5 މިލިއަން ފަތުރުވެރިން އަންނާނެ ކަމަށް ލަފާކުރެވޭ ކަމަށް ފަތުރުވެރިކަމާ ބެހޭ ވަޒީރު އިބްރާހިމް ފައިސަލް ވިދާޅުވެއްޖެއެވެ.
ވަޒީރު ފައިސަލް މިހެން ވިދާޅުވީ ރާއްޖެއަށް މިއަހަރު އައި އެއް މިލިޔަން ވަނަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔުމަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ބޭއްވި ހަފްލާގެތެރެއިން ނޫސްވެރިންނާއި ވާހަކަދައްކަވަމުންނެވެ.
ސަރުކާރުން މިއަހަރަށް އަމާޒުކޮށްފައިވަނީ 2 މިލިއަން ފަތުރުވެރިން ގެނައުމަށެވެ. އަދި މިހާރު ރާއްޖެއަށް 1 މިލިއަން ފަތުރުވެރިން އައިސްފައިވާއިރު، ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
އަންނަ އަހަރަށް ލަފާކުރާ ފަތުރުވެރިންގެ ޖުމްލަ އަދަދާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ފަތުރުވެރިކަމާއި ބެހޭ ވަޒީރު އިބްރާހިމް ފައިސަލް ވިދާޅުވީ މަރކެޓިންގ ޕްލޭން މިހާރު އެކުލަވާލުމުގެ މަސައްކަތްކުރަމުންދާ ކަމަށެވެ. އަދި އެމަސައްކަތް ނިމުމުން ސީދާ އަދަދެއް އެނގޭނެ ކަމަށެވެ.
ވަޒީރު ފައިސަލް ވިދާޅުވީ އަމާޒަކީ އަންނަ އަހަރުތެރޭ މަދުވެގެން 2.5 މިލިއަން ފަތުރުވެރިން ގެނައުން ކަމަށެވެ.
"އަމާޒަކީ އެންމެ މަދުވެގެން 2.5 މިލިއަން ފަތުރުވެރިން 2025ވަނަ އަހަރު ގެނައުން، އެމަސައްކަތް ކުރާނަން، މިޔަޤީންކަން އެންމެ ބޮޑަށް މިއޮތީ ޗައިނާގެ އެރައިވަލްސް މިހާބޮޑަށް އިތުރުވަމުންދާއިރު، އިންޑިއާގެ މާކެޓު އަދި އެކްސްޕްލޯކޮށް، ބަންގްލަދޭޝް މަރކެޓަކީވެސް ވަރަށް ބޮޑަށް ޑިވެލޮޕްވަމުން އަންނަ މާކެޓެއް، ކުރިއަށް އޮތްތާގައި އެ ޤައުމުގައިވެސް އެމްއެމްޕީއާރުސީން ޕްރޮމޯޝަނަލް ހަރަކާތްތައް ކުރިއަށްގެންދާނެ،"ފައިސަލް ވިދާޅުވިއެވެ.
ވަޒީރު ފައިސަލް ވިދާޅުވީ އިންޑިއާއިން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދުތައް އިތުރުކުރުމަށްޓަކާ އެމްއެމްޕީއާރުސީއާ އެކު ގިނަ މަސައްކަތްތަކެއް ކުރުމަށް ރާވާފައިވާކަމަށެވެ.
އަދި މިއަހަރު ނިމޭއިރު އިންޑިއާއިންވެސް ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދުތަކަށް ކުރިއެރުން ލިބޭނެ ކަމަށް ވަޒީރު ފައިސަލް ވިދާޅުވިއެވެ.
"ޖުލައި އޮގަސްޓުގައި އިންޑިއާއަށް ދަތުރުކުރާނަން، އެމްއެމްޕީއާރުސީއާއެކު، އަޅުގަނޑުވެސް ދާނަން، އިންޑިއާގެ މުމްބާއީ، ދިއްލީ، ބެންގަލޫރުގައި ހަރަކާތްތަކެއް ހިންގުމަށްވަނީ ރާވާފައި، އިންޑިއާގަ ތިބި ޓުއާ އޮޕަރޭޓަރުންނާއެކު މަސައްކަތްކުރާނަން،" ފައިސަލް ވިދާޅުވިއެވެ.
ވަޒީރު ފައިސަލް ވިދާޅުވީ މިއަހަރު ނޮވެމްބަރުގައި އައު ޓަރމިނަލް ހުޅުވާ އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރ ތެރޭގައި ޓަރމިނަލްގެ ހުރިހާ މަސައްކަތްތަކެއް ނިމުމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށެވެ.