މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ މާއްދާތައް ފަސޭހަކުރަން ގައިޑްލައިންތަކެއް ހަދައިފިއެވެ.
އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ވިދާޅުވީ ގައިޑްލައިންތައް ހެދުމުގެ މަސައްކަތްކޮށްފައިވަނީ މަޢުލޫމާތު ހޯދާ ލިބިގަތުމުގެ ދާއިރާގެ ބައިނަލްއަޤުވާމީ ތަޖުރިބާކާރެއްކަމަށްވާ ޑރ. ޖޮއާން ބަރާތާގެ ފަންނީ އެހީތެރިކަމާއެކުކަމަށެވެ.
ގައިޑްލައިންތައް ހެދުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ އިނގިރޭސި ސަރުކާރުގެ ޚަރަދުގައި އެލީނިއާ އިންޓަނޭޝަނަލްއިން ކުރިއަށް ގެންދިޔަ ސްޓްރެންތެނިންގ މޯލްޑިވްސް ކޮމިއުނިކޭޝަންސް ގަވަރނަންސް ޕްރޮޖެކްޓުގެ ދަށުން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހާއެކުއެވެ.
ގައިޑްލައިންތައް ހެދުމުގެ މަސައްކަތް ފަށާފައިވަނީ 2022 ވަނަ އަހަރު ތެރޭގައެވެ. އެގޮތުން މި މަސައްކަތުގެ ދަށުން މަޢުލޫމާތު ހޯދާ ލިބިގަތުމުގެ ޙައްޤުގެ ތަރަހަތައް ސާފުވާނެ ގޮތަށް 4 ގައިޑްލައިނެއް ވަނީ އެކުލަވާލާފައެވެ. މި 4 ދާއިރާއަކީ ޤައުމީ ސަލާމަތާއި ގުޅޭ މަޢުލޫމާތާއި މަޢުލޫމާތު މާނަކުރުމާއި ވިޔަފާރީގެ ދާއިރާ އަދި ވިޔަފާރީގެ ސިއްރުތަކުގެ ގޮތުގައި ހިފެހެއްޓޭނެ މަޢުލޫމާތާއި ޒާތީ މަޢުލޫމާތުގެ ގޮތުގައި އިސްތިސްނާކުރެވޭނެ މަޢުލޫމާތާބެހޭ ގައިޑްލައިންތަކެވެ.
މި ގައިޑްލައިންތަކު ހެދުމަށް ބޭއްވި މަސައްކަތު ބައްދަލުވުން ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ބްރިޓިޝް ހައި ކޮމިޝަންގެ ޑެޕިއުޓީ ހައި ކޮމިޝަނަރ ކަޒީ ޑިންސްމޯއެވެ.
ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިންފޮމޭޝަން ކޮމިޝަނަރު އާހިދު ރަޝީދު ވިދާޅުވީ އަލަށް އެކުލަވާލެވުނު ގައިޑްލައިންތައް ދިވެހިބަހަށް ތަރުޖަމާކޮށް ޢާންމުކުރެވުމުން މަޢުލޫމާތު ހޯދާ ލިބިގަތުމުގެ ޙައްޤާ ގުޅޭ ޤާނޫނީ އޮނިގަނޑުގައި ފާހަގަކޮށްފައިވާ ޙައްޤުތައް އިތުރަށް ސާފުވެ އޮޅުންފިލާނެ ކަމަށެވެ. އަދި މީގެ ސަބަބުން ޙައްޤުގެ ބޭނުންކުރާ ފަރާތްތަކާއި ސަރުކާރުގެ އެކިއެކި އިދާރާތަކަށް ލުއިފަސޭހަ ވާނެކަން އޭނާ ފާހަގަކުރެއްވިއެވެ.
މިގައިޑްލައިންތައް ތައްޔާރުކުރުމުގެ އިތުރުން ތަޖުރިބާކާރު ގޮއޭން ބަރާތާގެ އެހީގައި މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤަށް ހޭލުންތެރިކުރުމުގެ ގޮތުން އައިކޮމްގެ މުވައްޒަފުންނާއި ދައުލަތުގެ އިދާރާތަކުގެ އިންފޮމޭޝަން އޮފިސަރުންނާއި މަދަނީ ޖަމިއްޔާތަކާއި ރައިޓް ޓު އިންފޮމޭޝަން އެކްޓިވިސްޓުންނަށް އަމާޒުކޮށް ޚާއްސަ ތަމްރީން ޕްރޮގުރާމުތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. މި ތަމްރީންތަކުގައި 104 މީހުންވަނީ ބައިވެރިވެފައިވެއެވެ.