ޑަބްލިއުބީސީ (ވޯލްޑް ބޮކްސިން ކައުންސިލް) މުއޭ ތާއި ސްރީލަންކާ އެމެޗަރ 2026 ގައި ރާއްޖެ ތަމްސީލުކުރާ ޓީމު ސްރީލަންކާއަށް ގޮސްފިއެވެ.
އަންނަމަހުގެ 1 އިން 5 ގެ ނިޔަލަށް ކޮލޮމްބޯގައި ކުރިއަށްދާ މުބާރާތުގައި ރާއްޖެ ތަމްސީލުކުރާ ސްކޮޑުގައި ހިމެނެނީ އަހްމަދު އީލާފް ނަދީމް، ސައިފްޝާން، ނައުމާ، ޒަޔާން، އަލްސަން، ފިކްރީ، ޝިފްނީ، އާޝިޤް އަދި ސްރިމާލްއެވެ. އިސްމާއިލް ފިކްރީއަކީ މިހާތަނަށް މިފަދަ މުބާރާތެއްގައި ރާއްޖެއިން ބައިވެރިވާ ފުރަތަމަ ވެޓެރަން އެތުލީޓެވެ.
މި މުބާރާތުގައި ސްރީލަންކާ، ޕާކިސްތާން ފަދަ ޤައުމުތަކުން 400 އެއްހާ އެތުލީޓުން ވާދަކުރުމަށް ހަމަޖެހިފައިވާއިރު، މިއީ މުއޭ ތައިގެ މުހިންމު ބޮޑު މުބާރާތެއްކަމަށް ޓީމުގެ ތަޖުރިބާކާރު ކޯޗް މުހައްމަދު ޝަނާޒް ވަނީ ބުނެފައެވެ.
މުބާރާތުގެ ކުރިން ރާއްޖޭގެ ޓީމު ލަންކާގައި ހަތަރު ދުވަހުގެ ޓްރޭނިންތަކެއް ކުރިއަށްގެންދާނެއެވެ. ލަންކާގެ ވަރުގަދަ ޓްރޭނަރުންނާއެކު ކުރިއަށްގެންދާ ތަމްރީނުތަކަށްފަހު އަމާޒަކީ ކޮންމެ އެތުލީޓަކު ވާދަކުރާ މެޗަކުންވެސް ކާމިޔާބު ހޯދުންކަމަށް ކޯޗް ބުނެފަވެއެވެ.
މި ސްކޮޑުގައި ހިމެނޭ ހަމައެކަނި އަންހެން އެތުލީޓުކަމަށްވާ ނައުމާ މިފަހަރު ވާދަކުރާނީ ރަޝިޔާގެ ފައިޓަރަކާކަމަށާއި މިއީ ރާއްޖޭގެ އަންހެން އެތިލީޓަކު ރަޝިޔާގެ ފައިޓަރަކާ ވާދަކުރާ ފުރަތަމަ ފަހަރުކަންވެސް ކޯޗް ފާހަގަކުރިއެވެ.
ޑަބްލިއުބީސީ މުއޭ ތާއި ސްރީލަންކާ އެމެޗަރ 2026 ގައި ރާއްޖޭގެ ޓީމެއް ވާދަކުރުމަށް ތައްޔާރުވަމުން އަންނައިރު ސަޕޯޓަރުން ޓީމާއެކު ތިބެދިނުމަށް އެދޭކަމަށާއި މި ޓީމަކީ މިހާތަނަށްވެސް ރަނގަޅު ކާމިޔާބީތަކެއް ހޯދާފައިވާ އުންމީދީ ޓީމެއްކަން ކޯޗު ވަނީ ފާހަގަކޮށްފައެވެ.