ބަދަލަކަށް ނިކުމެ، ކޯލޯ މުއާނީ ޖެހި ހަމައެކަނި ލަނޑުން ބެލްޖިއަމް ބަލިކޮށް، ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ކްއާޓާ ފައިނަލުން ފްރާންސް ޖާގަ ހޯދައިފި އެވެ.
ފުރަތަމަ ހާފާއި ދެވަނަ ހާފްގައިވެސް މެޗު ކޮންޓްރޯލްކޮށް، ގިނަ ހަމަލާތަކެއް ފޮނުވާލި ފްރާންސްއަށް މެޗުގައި ކުރި ހޯދުނީ ދެވަނަ ހާފްގައި ބަދަލަކަށް ނިކުމެ މުއާނީ ޖެހި ލަނޑުންނެވެ. ގިނަ ފުރުޞަތުތަކެއް ނަގާލި މާކަސް ތުރާމްގެ ބަދަލުގައި 62 ވަނަ މިނިޓްގައި ކުޅެން ނިކުމެ، އޭނާ ލަނޑު ޖެހީ 85 ވަނަ މިނިޓްގައެވެ.
ޕެނަލްޓީ އޭރިޔާ ތެރެއިން ގޯލްގެ ދުރުކަނަށް މުއާނީ ބޯޅަ ފޮނުވާލި ނަމަވެސް އެެބޯޅަ ގޯލަށް ވަނީ ބެލްޖިއަމްގެ ޑިފެންޑަރ ވެޓޮންގަން ފައިގަ ޖެހިފައި ކަމަށްވާތީ، ގޯލް ބަލަނީ ބައިކޮޅަށް ވަން ގޯލެއްގެ ގޮތުގައެވެ.
މުބާރާތުގައި މިހާތަނަށް އެންމެ ގިނަ ޝޮޓް ގޯލަށް ފޮނުވާލި ނަމަވެސް، ގޯލާ އަމާޒުނުވި މެޗުގައި ބެލްޖިއަމް އަށް ލިބުނީ މަދު ފުރުޞަތެކެވެ. އެއާ ހިލާފަށް ފްރާންސުން ގޯލަށް ގިނަ ބޯޅަތަކެއް ފޮނުވާލި އެވެ. އެކަމަކު ގޯލާ އަމާޒުވީ މަދު ބޯޅައެކެވެ. ވަރަށް އާދައިގެ ކޮށް ދިޔަ ފުރަތަމަ ހާފްގެ 23 ވަނަ މިނިޓްގައި ފުރަތަމަ ބޯޅަ ގޯލާ އަމާޒުކޮށް ފޮނުވާލީ ބެލްޖިއަމް އިންނެނެވެ.
އެކަމަކު އޭރިޔާ ބޭރުން ޑި ބުރައިނާ ފޮނުވާލި ހިލޭޖެހުން ކީޕަރު އުނދަގުލުން ދިފާއުކުރި އެވެ. މިއީ ޑޮކޫ އަށް ގްރިޒްމަން ކުރި ފައުލަށް ދިން ހިލޭ ޖެހުމެކެވެ. ފައުލާ ގުޅިގެން ރެފްރީ ގްރިޒްމަން އަށް ރީނދޫ ކާޑެއްވެސް ދެއްކިއެވެ.
33 ވަނަ މިނިޓްގައި ކޫންޑޭ ނަގައިދިން ހުރަސް ގޯލްއޭރިޔާ ބޭރުން މާކަސް ތުރާމް ބޮލުން ފޮނުވާލި ނަމަވެސް ދިޔައީ އަރިމަތިން ބޭރަށެވެ. އޭގެ ތިން މިނިޓް ފަހުން ޑިފެންޑަރ ތިއޯ ހެނާންޑޭޒް ފޮނުވާލި ބޯޅަ ލިބުނީ ކީޕަރަށެވެ. އެބޯޅައަށް ތުރާމް ގޯލްއޭރިޔާ ތެރެއަށް ވަން ނަމަވެސް އޭގެކުރިން ކީޕަރު ބޯޅަ އަތަށް ނެގިއެވެ. 39 ވަނަ މިނިޓްގައި ޑީ އޭރިޔާ ބޭރުން ޗުއަމަނީ ފޮނުވާލި ބާރު ބޯޅަ ގޯލާ އަމާޒެއް ނުވިއެވެ.
މެޗުގައި ޗުއަމަނީ ގިނަ ބޯޅަތަކެއް ފޮނުވާލި ނަމަވެސް އެބޯޅަތައް ގޯލާ އަމާޒު ނުވެއެވެ. ފުރަތަމަ ހާފްގެ އިތުރު ވަގުތުގައި އޭރިޔާ ތެރެއިން އެމްބާޕޭ ޖައްސާލި ބޯޅަ ވެސް ޗުއަމެނީ އަށް ފޮނުވާލެވެނީ ހުރަސް ދަނޑި މަތިން ބޭރަށެވެ.
ދެވަނަ ހާފް ފަށައިގެން ތިންވަނަ މިނިޓްގައި އޭރިޔާ ތެރެއިން ކާންޓޭ ޗުއަމެނީ އަށް ޖައްސާލުމުން ފޮނުވާލި ބާރުބޯޅަ ބެލްޖިއަމް ޑިފެންޑަރެއް ފައިގަ ޖެހި، ގޯލްގެ ކަނާ ދިމާއަށް ދިޔަނަމަވެސް ކީޕަރު އަތުން ޖައްސާ ކޯނަރަކަށް ބޭރުކޮށްލި އެވެ.
ދެވަނަ ހާފް ފަށައިގެން ފަސްވަނަ މިނިޓްގައި ކޫންޑޭ ނަގައިދިން ބޯޅަ ގޯލްއޭރިޔާ ބޭރުން ތުރާމް ބޮލުން ފޮނުވާލުމުން ދިޔައީ ހުރަސް ދަނޑި މަތިން ބޭރަށެވެ. އޭގެ ތިން މިނިޓް ފަހުން އޭރިޔާ ރޮނގު ކައިރިން އެމްބާޕޭ ފޮނުވާލި ބޯޅަވެސް ގޯލާ އަމާޒެއް ނުވި އެވެ.
މިހާފްގައި ބެލްޖިއަމްއިން ތަނަވަސްކުރި އެންމެ ރަނގަޅު ފުރުޞަތަށް ހުރަސްއެޅީ ޑިފެންޑަރ ތިއޯ ހެނާންޑޭޒް އެވެ. 60 ވަނަ މިނިޓްގައި ޑި ބުރައިނާ ދިން ބޯޅައާއެކު ޔަނިކް ކަރަސްކޯ އޭރިޔާތެރެއަށް ވަދެ ފޮނުވާލުމުގެ ކުރިން ތިއޯ ހެނާންޑޭޒް ވަނީ މޮޅު ޓެކްލެއްކޮށް ބޯޅަ ބޭރުކޮށްލާފައެވެ.
މެޗުގައި ލުކަކޫ ގޯލަށް ފޮނުވާލި ހަމައެކަނި ބޯޅަ 70 ވަނަ މިނިޓްގައި ކީޕަރު އަތުން ޖައްސާ ކުޅުމުގެ ތެރެއަށް ފޮނުވާލިއެވެ. ގޯލްއޭރިޔާ ކަނާ ދިމާލުން ލުކަކޫ ފޮނުވާލި ބޯޅަ އަކީ ބެލްޖިއަމްއިން ގޯލާ އަމާޒުކޮށް ފޮނުވާލި އެންމެ ރަނގަޅު ބޯޅައެވެ.
މިހާފްގައި ފްރާންސަށް ލިބުނު އެންމެ ރަނގަޅު ފުރުޞަތަކީ 73 ވަނަ މިނިޓްގައި ސަލީބާ އަށް ލިބުނު ފުރުޞަތެވެ. އޭރިޔާ ތެރެއިން ޑޮކޫ ކައިރިން ނައްޓާފަ އޭނާ ވާތުފައިން ފޮނުވާލި ބާރު ބޯޅަވެސް ގޯލާ އަމާޒެއް ނުވިއެވެ. 78 ވަނަ މިނިޓްގައި ޕެނަލްޓީ އޭރިޔާ ރޮނގު ކައިރިން އެމްބާޕޭ ފޮނުވާލި ބާރު ބޯޅަވެސް ގޯލްގެ ކަނާ ދިމާލުން ދިޔައީ ބޭރަށެވެ. 82 ވަނަ މިނިޓްގައި ޑި ބުރައިނާ ފޮނުވާލި ބޯޅަ ދިފާއުކުރީ ކީޕަރެވެ.
ކްއާޓާ ފައިނަލްގައި ފްރާންސް ވާދަކުރަން ޖެހޭނީ ޕޯޗްގަލް ނުވަތަ ސްލޮވީނިޔާއާ އެވެ.