ޚަބަރު

ސަބްސްޓޭޝަނެއްގެ ކޭބަލެއް ވަގަށް ނަގައިގެން ބައެއް ސަރަޙައްދުތަކުން ކަރަންޓު ކެނޑިފައި


  • ކޭބަލް ބުރިކޮށްފައިވަނީ މަޖީދިއްޔާ ސްކޫލް ކައިރީ ހުރި ސްޓޭޝަނަކުން

  • ފުލުހުން ދަނީ މި މައްސަލަ ތަހުގީގުކުރަމުން

  • އައު ކޭބަލެއްއަޅައި ކަރަންޓުދިނުމަށް ދަނީ މަސައްކަތްކުރަމުން

ސްޓޭޓް އިލެކްޓްރިކް ކޮންޕެނީ ލިމިޓެޑް، ސްޓެލްކޯގެ ސަބްސްޓޭޝަނެއްގެ ކޭބަލްތަކެއް ބުރިކޮށް ވަގަށް ނެގި މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން ބަލަން ފަށައިފިއެވެ.

ފުލުހުން ވިދާޅުވީ މިއަދު ހެނދުނު 6:12 ކަންހާއިރު މަޖީދިއްޔާ ސްކޫލް ހިމެނޭ ސަރަހައްދުގައި ހުންނަ ސްޓެލްކޯގެ ސަބްސްޓޭޝަނެއްގެ ކޭބަލްތަކެއް ބުރިކޮށް އެތަކެތި ވަގަށް ނެގި މައްސަލައެއް ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. އަދި މި މައްސަލަ ތަޙުޤީޤުކުރަމުންދާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

މި މައްސަލައާ ގުޅިގެން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ ޙުސައިން ފަހުމީ ވިދާޅުވީ މަޖީދިއްޔާ ސްކޫލް ސަރަޙައްދުގައި ހުންނަ އެކުންފުނީގެ ސަބްސްޓޭޝަނެއްގެ ޓްރާންސްފޯމަރާ ގުޅާފައިވާ ކޭބަލއް ބުރިކޮށް ނެގުމަށްފަހު އަނެއް ކޭބަލް ބުރިކުރުމަށް މަސައްކަތްކޮށްފައިވާ ކަމަށެވެ. އަދި މިކަން ކުރާ ފަރާތްތަކަށް އިންތިހާއަށް ނުރައްކާ ބޮޑު ކަމެއްކަންވެސް ފަހުމީ ފާހަގަކުރެއްވިއެވެ.

ފަހުމީ ވިދާޅުވީ މިކަމުގެ ސަބަބުން ސްޓެލްކޯއަށް ލިބޭ ގެއްލުމުގެ އިތުރުން އާންމު ރައްޔިތުން ކަރަންޓުގެ ޚިދުމަތުން މަޙުރޫމްވާ ކަމަށެވެ. މިހެންވެ މިފަދަ އަމަލުތައްކުރާ ފަރާތްތަކަށް ޤާނޫނީ ފިޔަވަޅު އަޅަންޖެހޭކަމަށް ފަހުމީ ވިދާޅުވިއެވެ.

މިކަމާ ގުޅޭގޮތުން ސްޓެލްކޯއިން ބުނީ ކޭބަލް ބުރިކޮށް ވަގަށް ގެންދިއުމާ ގުޅިގެން ހެންވޭރުގެ ބައެއް ސަރަޙައްދުތަކުން ކަރަންޓު ކެނޑިފައިވާ ކަމަށެވެ. އަދި އައު ކޭބަލެއް އަޅައި ކަރަންޓުގެ ޚިދުމަތް މެދުކެނޑިފައިވާ ތަންތަނަށް ކަރަންޓު ދިނުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށްވެސް ސްޓެލްކޯއިން ބުންޏެވެ.

ކަރަންޓު ސަބްސްޓޭޝަންތަކުން ކޭބަލް ވަގަށް ނަގާ މައްސަލަތައް ފަހަކަށް އައިސްވަނީ އިތުރުވެފައެވެ. ޓްރާންސްފޯމަރުތަކުގެ ކޭބަލް ބުރިކުރުމަކީ ފުރަނައަށްވެސް ނުރައްކާމަކަށްވާއިރު، މިއަހަރުގެ މާރިޗު މަހުގެ ތެރޭގައި ހުޅުމާލޭ ހިޔާ ފްލެޓު ސަރަޙައްދުގައި ހުރި ޓްރާންސްފޯމަރެއްގެ ކޭބަލް ބުރިކޮށްގެން ވަގަށް ނަގަން އުޅެނިކޮށް މީހަކު ވަނީ ކަރަންޓުގައި ޖެހިގެން މަރުވެފައެވެ.

ފަހަކަށް އައިސް މާލޭގެ ބައެއް ސަރަޙައްދުތަކުގައި ސްޓެލްކޯއިން ކަރަންޓް ފޯރުކޮށްދޭން ބަހައްޓާފައި ހުންނަ ޓްރާންސްފޯމަރުތަކާއި އެނޫންވެސް ވަސީލާތްތަކުން ވައްކަންކުރާ މައްސަލަ ބޮޑުވެ، އެކުންފުނިން ވަނީ އެކަމުގެ ނުރައްކާތެރިކަން ހާމަކޮށް އެތަންތަނަށް ނުވަނުމަށް އިލްތިމާސްކޮށްފައެވެ.

އެފަދަ ތަންތަނަށް ވަނުމުގެ ނުރައްކަލާ ގުޅޭގޮތުން ސްޓެލްކޯއިން ބުނީ އެކުންފުނީގެ ކަމާ ގުޅޭ މުވައްޒަފުންވެސް އެފަދަ ތަންތަނަށް ވަންނަނީ ޓްރާންސްފޯމަރު ނިންވާލައިގެން ކަމަށެވެ. އެހެންކަމުން އެފަދަ ސަބްސްޓޭޝަންތަކާއި ވީހާވެސް ދުރުން އާންމު އުޅުމަށާއި، އެފަދަ ތަންތަނަށް ވަދެ ނުހެދުމަށް އެކުންފުނިން އިލްތިމާސްކުރެއެވެ.