ޔޫރޯ 2024 ގެ ގަދަ 16 ގެ ބުރުގައި ރޭ ސްލޮވީނިއާ އަތުން ޕެނަލްޓީ ޖަހައިގެން މޮޅުވި މެޗަށްފަހު ދެއްކި ވާހަކައިގައި ޕޯޗުގަލްގެ ކޯޗު، ރޮބާޓޯ މާޓިނޭޒް ބުނީ، މުބާރާތުގެ ކުއާޓާ ފައިނަލުން ޕޯޗުގަލް ޖާގަ ހޯދުމުގެ ސިއްރަކީ ޑިއޯގޯ ކޮސްޓާ ކަމަށާއި، އޭނާ އަކީ ޔޫރަޕްގެ ފުޓްބޯޅައިގައި ވެސް އެންމެ ބޮޑު ސިއްރު ކަމަށެވެ.
ރޭގެ މެޗަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން މާޓިނޭޒް ބުނީ، ސްލޮވީނިއާ އާ ދެކޮޅަށް ކޮސްޓާ ފެނުނީ ތަފާތު އެހެން ލެވެލްއެއްގައި ކުޅުނުތަން ކަމަށާއި، ވަން-އޮން-ވަން ހާލަތްތަކުގައިވެސް ތަފާތު މޮޅު ކުޅުމެއްދެއްކިއިރު ޕެނަލްޓީ ޝޫޓްއައުޓްގައި ވެސް މުހިއްމު ތިން ސޭވްކޮށްފައިވާ ކަމަށާއި، އޭނާއާ މެދު ވަރަށް ބޮޑަށް ފަޚުރުވެރިވާ ކަމަށެވެ.
މި މޮޅަކީ އެއްބައިވަންތަކަމަށް ލިބުނު މޮޅެއް ކަމަށާއި، ރޮނާލްޑޯ ވަނީ ކެޕްޓަނެއްގެ ގޮތުގައި ފުރިހަމަ ނަމޫނާއެއް ދައްކާފައި ކަމަށް ވެސް މާޓިނޭޒް ބުންޏެވެ. އެގޮތުން، އެންމެ އުނދަގޫ ދަނޑިވަޅުގައި ގޮތްދޫނުކޮށް، ކުރިއަށްދާންޖެހޭނެކަން ރޮނާލްޑޯގެ ފަރާތުން ފެނިގެންދިޔަ ކަމަށާއި، ކަންކަން ރަނގަޅަށް ނުދާ ވަގުތުތަކުގައި ކުރަންވީ ކަންތައްތައް ވެސް އޭނާ ދައްކައިދީފައިވާ ކަމަށް ވެސް މާޓިނޭޒް ބުނެފައިވެއެވެ.
މެޗުގައި ލިބުނު ޕެނަލްޓީއެއް ރޮނާލްޑޯ އަތުން ގެއްލުނުނަމަވެސް ޝޫޓްއައުޓްގައި ޕެނަލްޓީ ފޮނުވާލައި ކާމިޔާބުކޮށް، އެ މެޗު ކާމިޔާބުކުރުމަށް ފަހިކޮށްދިނީ ވެސް އޭނާ ކަމަށް މާޓިނޭޒް ވަނީ ބުނެފައެވެ.
ކުރިން ބުނެފައިވާ ގޮތަށް މިހާރު ކުރިއަށްދާ ނޮކްއައުޓް ބުރަކީ އައު މުބާރާތެއް ކަމަށާއި، މެޗެއްގައި ޕެނަލްޓީން މޮޅުވެވިދާނެ ކަމަށާއި، އިންޑިވިޖުއަލް ހުނަރުން ވެސް އެކަން ކުރެވިދާނެ ކަމަށެވެ. ޓީމެއްގެ ގޮތުގައި ސްލޮވީނިއާ އާ ދެކޮޅަށް ރަނގަޅު ކުޅުމެއް ދެއްކި ކަމަށް ވެސް މާޓިނޭޒް ބުންޏެވެ.
މެޗަށްފަހު ވާހަކަދައްކަމުން ސްލޮވީނިއާގެ ކޯޗު، މަޓްޔެޒް ކެކް ބުނީ، މެޗަކުން ބަލިވުމުން އުފާ ނުކުރާނެ ކަމަށެވެ. ހިތިކޮށް ފެނުނުއިރު އޭގައި ކޮންމެވެސް މިންވަރަކަށް ހިތްހަމަޖެހުމެއް އެބައޮތް ކަމަށާއި އޭނާ އުއްމީދުކުރާ ގޮތުގައި މި މުބާރާތަކީ ސްލޮވީނިއާގެ ފުޓްބޯޅައިގެ މުސްތަގުބަލުގެ ފެށުން ކަމަށް ގަބޫލުކުރާ ކަމަށް ވެސް ކެކް ބުންޏެވެ.
ޕޯޗުގަލް ޓީމަށް މަރުހަބާ ކިޔާ ކަމަށާއި، ޕެނަލްޓީ ޝޫޓްއައުޓްގައި މޮޅުވުމަކީ ވެސް ތަފާތު ހުނަރެއް ކަމަށް ކެކް ވަނީ ބުނެފައެވެ. މުބާރާތުން ވަކިވާން ޖެހުމުން ވަރަށް ދެރަވާ ކަމަށާއި، އިތުރަށް ކުރިއަށްދެވުނު ނަމަ ވަރަށް ބޮޑަށް ހިތްހަމަޖެހޭނެ ކަމަށް ވެސް ކެކް ބުންޏެވެ.