ޚަބަރު

މިހާރު ތިލަފުއްޓަށް ކުނި ގެންދަނީ ބާވަތްތައް ވަކިކޮށްގެން ކޮންޓެއިނަރުތަކުގައި


  • ކުނި ވަކިކުރަން ހޭދަވާ ވަގުތު ސަލާމަތްވާނެ

  • މޫދަށް ކުނިއެޅޭ މައްސަލައަށް ޙައްލެއް ލިބުނީ

  • ޓްރާންސްފަރ ސްޓޭޝަނުން ކުނި ހުސްކޮށްދޭންވެސް ވެމްކޯއިން ވަނީ ފަށާފައި

ތިލަފުއްޓަށް މިހާރު ކުނި ގެންދަނީ ކޮންޓަައިނަރުތަކުގައި ކުނީގެ ބާވަތްތައް ވަކިކޮށްގެންކަމަށް ވެސްޓް މެނޭޖުމަންޓް ކޯޕަރޭޝަން، ވެމްކޯއިން ބުނެފިއެވެ.

ކުނި ވަކިކޮށް ކޮންޓެއިނަރަށް ކުނި އަޅައިގެން ތިލަފުއްޓަށް ގެންދަން ފަށައިފިއެވެ. މީގެ ކުރިން ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑް، ވެމްކޯއިން ތިލަފުށްޓަށް ކުނި ގެންދަނީ ބާޖަކަށް ކުނިތައް އަޅާލައިގެންނެވެ. މިގޮތަށް ގެންދާއިރު އެކި ބާވަތްތަކުގެ ކުނި ވަކި ނުކުރެއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ވެމްކޯގެ ސީނިއަރ ޕީއާރު އޮފިސަރ މީކާއިލް އަޙްމަދު ޝަރީފް ވިދާޅުވީ ވެމްކޯގެ ޓްރާންސްފަރ ސްޓޭޝަން އޮޕަރޭޝަނަލައިޒް ކުރުމުގެ ގޮތުން ޓްރާންސްފަރ ސްޓޭޝަނަށް ގެންދާ ކުނި ތިލަފުށްޓަށް ގެންދާނީ ބާވަތްތައް ވަކިކޮށް، ކޮންޓެއިނަރަކަށް އަޅައިގެން ކަމަށެވެ. މީގެ ސަބަބުން ކުނި ވަކިކުރުމަށް ހޭދަވާ ވަގުތު ސަލާމަތްވާނެއެވެ. އަދި ކުނިން މަންފާ ހޯދުމަށް ކުރާ މަސައްކަތްތަކަށްވެސް ކުރިއެރުން ލިބޭނެކަމަށް ވެމްކޯއިން ބުންޏެވެ.

މީގެ ކުރިން ތިލަފުށްޓަށް ކުނި ގެންދަނީ ބާޖުގައެވެ. ނަމަވެސް ކޮންޓެއިނަރުތަކުގައި ކުނި އުފުލަން ފެށުމުން މި މައްސަލައަށްވެސް ހައްލެއް ލިބުނީކަމަށް ވެމްކޯއިން ބުންޏެވެ.


"މައިގަނޑު 3 ބާވަތެއްގެ ކުނި މާލެ ސަރަހައްދުގައި ވަކިކުރަން. އެއީ ޕުލާސްޓިކު ފުޅިއާއި، ކުނިވާ ޒާތުގެ ކުންޏާއި، އެހެނިހެން ކުނި. އެހެންވީމަ ކުނީގެ ބާވަތްތައް ވަކިކޮށް ކުނިން ނަފާ ހޯދުމަކީ ކުނި މެނޭޖްކުރުމުގެ ގޮތުން ވެމްކޯއިންކުރާ ކަމެއް. އެކަމަށް ބޮޑު ފަސޭހައެއް މި ލިބުނީ." މީކާއިލް ވިދާޅުވިއެވެ.

ކުނީގެ ބާވަތްތައް ވަކިން ކޮންޓެއިނަރުތަކަށް އަޅައިގެން ތިލަފުށްޓަށް ގެންދިއުމުގެ މަސައްކަތް ވެމްކޯއިން ފަށާފައިވާއިރު، އެ ކުންފުނިން ވަނީ އައު ޚިދުމަތެއްވެސް ތަޢާރަފްކޮށްފައެވެ. އެގޮތުން މިމަހުން ފެށިގެން ޓްރާންސްފަރ ސްޓޭޝަނަށް ގެންދާ ކުނި ހުސްކޮށްދިނުމުގެ ޚިދުމަތް މިމަހުން ފެށިގެން އެ ކުންފުނިން ވަނީ ފަށާފައެވެ.