ޚަބަރު

ޖަރުމަނުން ތަށި ނޫން އެއްޗެއް ބޭނުމެއް ނޫން: ކްރޫސް


  • []

"
އަހަރެމެންގެ އަމާޒަކަށް މިއޮތީ މުބާރާތް ކާމިޔާބުކުރުން،
ޖަރުމަނުގެ މިޑްފީލްޑަރު، ޓޯނީ ކްރޫސް

ޔޫރޯ 2024 ގެ ކުއާޓާ ފައިނަލްގައި ސްޕެއިނާ ދެކޮޅަށް ނިކުތުމަށް ހަމަޖެހިފައިވާ މެޗުގެ ކުރީން، ދިން އިންޓަވިއުއެއްގައި ޖަރުމަނުގެ މިޑްފީލްޑަރު، ޓޯނީ ކްރޫސް ބުނީ، ކުރިއަށް އޮތް މެޗަކީ އޭނާގެ ކެރިއަރުގެ އެންމެ ފަހު މެޗުގެ ގޮތުގައި ނިންމާލަން ބޭނުންނުވާ ކަމަށާއި، ޖަރުމަނު ޓީމުގެ އަމާޒަކީ މުބާރާތުގެ ޗެމްޕިއަންކަން ހޯދުން ކަމަށެވެ.

ކްރޫސް ބުނީ، ޔޫރޯއާ ކުރިމަތިލިއިރު ޖަރުމަނަށް ވާނެ ގޮތަކާ މެދު ގިނަ ބަޔަކު ސުވާލު އުފެއްދިކަމަށާއި، އެގޮތުން މުބާރާތުން އަވަހަށް ކަޓައިގެންދާނެ ކަމަށް ބުނި ބަޔަކުވެސް ތިބި ކަމަށާއި، އެހެންނަމަވެސް މިހާތަނަށްއައިއިރު މުބާރާތުގައި ޖަރުމަނުގެ ފަރާތުން ފެނުނު ކުޅުމަށް ބަލާއިރު ގޯސްކޮށްދިޔަކަމަށް ބުނާނެ ޖާގައެއް ނެތް ކަމަށެވެ.

އެހެން އެކަން އޮތްއިރު ޖަރުމަނު ޓީމުން މިހާރު ތިބީ މިހާ ހިސާބުން މުބާރާތް ނިންމާލުމުގެ ވިސްނުމުގައި ނޫން ކަމަށާއި، އަމާޒެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ މުބާރާތް ކާމިޔާބުކުރުން ކަމަށް ކްރޫސް ބުންޏެވެ.

އެހެންކަމުން، މުބާރާތުގެ މިހިސާބުން އެއްވެސް ކަމެއް ހާސިލްކުރެވުނަސް އެއީ ބޯނަސްއެއްގެ ގޮތުގައި ގަބޫލުނުކުރާނެ ކަމަށާއި، އެމީހުންގެ އުއްމީދުތައް ހުރީ އެއަށްވުރެ މަތީގައި ކަމަށް ވެސް ކްރޫސް ވަނީ ބުނެފައެވެ.

ކްރޫސް ބުނީ، އޭނާ ގަބޫލުކުރާ ގޮތުގައި ސްޕެއިނާ ދެކޮޅަށް ކުޅުމަށް ހަމަޖެހިފައިވާ މެޗުގެ ނަތީޖާ ނެރެވޭނީ ދަނޑުގެ މެދެތެރޭގައި ޑޮމިނޭޓްކުރާ ބަޔަކަށް ކަމަށާއި، އެގޮތުން އެ މެޗެއް ކާމިޔާބުކުރުމުގައި އެންމެ ގިނަ ބޯޅަތައް ހޯދައި، ކޮންޓްރޯލްކުރާ މިޑްފީލްޑެއްގެ ދައުރު މުހިއްމުވެގެންދާނެ ކަމަށާއި، އެ ފުރުޞަތު ބޮޑުވާނީ އެ ޓީމަކަށް ކަމަށެވެ.

ކްރޫސް ނިންމާލަމުން ބުނީ، އުނދަގޫ ދަނޑިވަޅުތަކުން އަރައިގަނެ، މެޗުތައް ކާމިޔާބުކުރެވިދާނެކަން ޖަރުމަނުގެ ކުޅުންތެރިން ގަބޫލުކުރާ ކަމަށާއި، މިދިޔަ މަސްތަކުގައި ކުރިމަތިލާންޖެހުނު އުނދަގޫތަކާއި، ކޮށްފައިވާ ތަޖުރިބާގެ ސަބަބުން ހުރިހާ ކުޅުންތެރިންގެ މެދުގައި އޮތް ގަބޫލުކުރުންތައް އިންތިހާއަށް އިތުރުވެފައިވާ ކަމަށެވެ.

އަދި މިފަހަރުގެ ޔޫރޯއާ ދިމާކޮށް ގައުމީ ޓީމަށް އެނބުރިއައީވެސް އެ މުބާރާތް ކާމިޔާބުކުރުމުގެ އަމާޒުގައި ކަމަށާއި، އެކަން ހާސިލްކުރެވޭނެ ކަމުގެ ފުރުޞަތު އޮތް ކަމަށް ނުދެކޭނަމަ އޭނާ އެނބުރިނާންނާނެ ކަމަށް ވެސް ކްރޫސް ބުންޏެވެ.