ޚަބަރު

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޑޭޓާބޭސްއެއް ހަދަނީ


  • އުންމީދަކީ 1 އަހަރު ތެރޭ ޑޭޓާބޭސް ނިންމުން

  • ޑޭޓާބޭސްއާއެކު ރާއްޖޭގައި ނުކުޅެދުންތެރިކަން ހުރި މިންވަރު އެނގޭނެ

އެކަށޭނަ އަވަސް ޚިދުމަތްތަކެއް ދިނުމަށް ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޑޭޓާބޭސްއެއް ހެދުމުގެ މަސައްކަތެއް މިހާރު ކުރައްވަމުން ގެންދަވާކަމަށް އިޖުތިމާޢީ އަދި އާއިލީ ތަރައްޤީއާބެހޭ ވަޒީރު ޑރ. ޢައިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާޢީ ކޮމިޓީގައި ވާހަކަދައްކަވަމުންނެވެ.

މަޖިލީހުގެ އިޖުތިމާޢީ ކޮމިޓީގައި ވާހަކަދައްކަވަމުން ވަޒީރު ޑރ. ޢައިޝަތު ޝިހާމް ވިދާޅުވީ ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ރަނގަޅު ޑޭޓާބޭސްއެއް މިހާތަނަށް ހެދިފައިނުވާތީ އެފަދަ ފަރާތްތައް ދެނެގަތުމަށާއި އެމީހުންނަށް ބޭނުންވަނީ ކޮން އެހީތެރިކަމެއްތޯ ދެނެގަތުމަށްވެސް ދަތިވާކަމަށެވެ.

އެހެންކަމުން މިކަންކަމަށް ހައްލެއް ހޯދުމުގެ ގޮތުން ރާއްޖޭގައި ތިބި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޑޭޓާބޭސްއެއް ހެދުމުގެ މަސައްކަތް މިހާރު އާއިލީ ތަރައްޤީއާބެހޭ ވުޒާރާއިން ފައްޓަވާފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި އުންމީދަކީ 1 އަހަރު ދުވަހުގެ ތެރޭގައި ޑޭޓާބޭސްގެ މަސައްކަތް ނިންމުންކަމަށް ވިދާޅުވިއެވެ.

"ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ޚިދުމަތްދޭއިރު ރާއްޖޭގައި ކޮން ހިސާބެއްގައި ކޮން ވައްތަރެއްގެ ނުކުޅެދުންތެރިކަމެއްތޯ ގިނައީ ނުވަތަ މަދީ މިކަންކަން އަޅުގަނޑުމެންނަށް އެނގެންޖެހޭނެ." ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ މިހާރު އެވުޒާރާއިން ފައްޓަވާފައިވާ "ހާލު ކިހިނެތް؟" އަދި "އިބަމަ" ފަދަ ޕްރޮގުރާމާއި ގުރޫޕުތަކުން ލިބޭ މަޢުލޫމާތު ޑޭޓާބޭސް ހެދުމަށް ބޭނުންކުރެވޭނެ ކަމަށެވެ. ހާލު ކިހިނެއް ޕްރޮގުރާމަކީ ރައްޔިތުންގެ ހާލަތު ދެނެގަނެ، ގާތުން ޚިދުމަތް ފޯރުކޮށްދިނުމުގެ ގޮތުން އާއިލީ ތަރައްޤީއާބެހޭ ވުޒާރާއިން ކުރިއަށްގެންދާ ޕްރޮގުރާމެކެވެ. އަދި އިބަމައަކީ ރަށްރަށުގައި އިޖުތިމާޢީ ރައްކާތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކަމާގުޅުންހުރި މުއައްސަސާތަކާއެކު ވިލަރެސް ކުރެވިފައިވާ ނިޒާމެއްގެ ތެރެއިން ކުރުމަށްޓަކައި އުފައްދާ ގްރޫޕްތަކެކެވެ.

އާއިލީ ތަރައްޤީއާބެހޭ ވަޒީރު ޑރ. ޢައިޝަތު ޝިހާމް ވިދާޅުވީ ޑޭޓާބޭސްގެ މަސައްކަތް ނިމުމާއެކު، ރާއްޖޭގެ އެކި ހިސާބުތަކުގައި ތިބި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދޭންވީ ކޮން އެހީތެރިކަމެއްކަން ވަރަށް ފަސޭހައިން ދެނެގަނެވި ވަގުތު އޮތްވާ އެމީހުންނަށް އަޅާލެވޭނެ ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި އެދާއިރާއިން ވުޒާރާގެ މަސައްކަތްތައްވެސް ބައްޓަންވާނީ ޑޭޓާބޭސްގެ މައްޗަށްކަން ވަޒީރު ޑރ. ޢައިޝަތު ޝިހާމް ފާހަގަކުރެއްވިއެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުން މުޖުތަމަޢުން ބާކީވެފައި އޮތްއޮތުން ނިމުމަކަށް ގެނެސް، އެ މީހުންނަށް ފަހި އުފާވެރި މާހައުލެއް ހޯދާދިނުމަށް ސަރުކާރުން ގެންދަވަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ދައުލަތުގެ ޚާއްސަ ރައްކާތެރިކަން ބޭނުންވާ ފަރާތްތަކަށް ބޯހިޔާވަހިކަން ކަށަވަރުކުރުމާގުޅޭ ސިޔާސަތު އެކުލަވާލުމަށް ކެބިނެޓަށް ކަރުދާހެއް ހުށައެޅުމުގެ މަސައްކަތް އާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ދަނީ ކުރައްވަމުންނެވެ.