ޚަބަރު

ލިޔުންތެރިން: ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު މަގުދައްކައިދޭ ދަންމަރު


  • ޝިޢާރަކީ "ތަހުޒީބު މުޖުތަމަޢެއް ދެމެހެއްޓުމަށްޓަކައި ލިޔުންތެރީންގެ ދައުރު މުހިންމު"

  • ކުށް މަދުކޮށް، ލިޔުންތެރިކަން ކުރިއަރުވަން އިސްކަންދޭންޖެހޭ

ލިޔުންތެރިންގެ ދުވަސް ކޮންމެ އަހަރަކުވެސް ރާއްޖޭގައި ފާހަގަކުރަނީ ޖުލައި މަހުގެ 8 ވަނަ ދުވަހުއެވެ. އެގޮތުން މިއަހަރުގެ ލިޔުންތެރިންގެ ދުވަހުގެ ޝިޢާރެއްގެ ގޮތުގައި ދިވެހިބަހުގެ އެކެޑަމީން ކަނޑައަޅުއްވާފައިވަނީ "ތަހުޒީބު މުޖުތަމަޢެއް ދެމެހެއްޓުމަށްޓަކައި ލިޔުންތެރީންގެ ދައުރު މުހިންމު" އެވެ.

ޤައުމު ބިނާކޮށް އާރާސްތުކުރުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރާ އެއް ބަޔަކީ ލިޔުންތެރިންނެވެ. މިއަހަރުގެ ޝިޢާރުގައިވާ ފަދައިން މުޖުތަމަޢުގައި އުޅޭ ބައެއް ތަހުޒީބުކުރުމާއި ޢިލްމީ ގޮތުން މުއްސަނދިކުރުމުގެ ޒިންމާ މަތިވެފައި އޮންނަނީ ލިޔުންތެރިންނަށެވެ. މިފަދަ ބޮޑު ޒިންމާއެއް ލިޔުންތެރިންނާ ހަވާލުވެފައި އޮންނަނީ ސަބަބުތަކެއް ނެތިއެއް ނޫނެވެ. ލިޔުންތެރިންނަކީ ވަރަށް ނުފޫޒުގަދަ ބައެކެވެ. އެއީ ލިޔުންތައް ކިޔާ މީހުންނަށް މަޢުލޫމާތު ފޯރުކޮށްދީ ކަންކަން ބަޔާންކޮށްދޭ ބަޔަކީ ލިޔުންތެރިންކަމުގައި ވާތީއެވެ.

ލިޔުންތެރިންގެ ދުވަސް މިއަދު ފާހަގަކުރާއިރު، ރާއްޖޭގައި މަސައްކަތްކުރާ ލިޔުންތެރިންގެ މަތިން ހަނދާކުރަންޖެހެއެވެ. 1933 ވަނަ އަހަރު ރާއްޖޭގައި ފުރަތަމަ ފަހަރަށް މަޖައްލާއެއް ޝާއިޢު ކުރެވި، 2024 ވަނަ އަހަރާ ހަމައަށް އައިރު، ލިޔުންތެރިކަމަށް މިވަނީ ތަހުޒީބުގެ އާރޯކަން އައިސް ލިޔުންތައް ވަރަށް ތަފާތުވެފައެވެ.

މިއަދު ގިނަ އަދަދެއްގެ އޮންލައިން ނޫސްތައް ރާއްޖޭގައި ހިންގައެވެ. ހުރިހާ ކަމެއް އޮންލައިންވެ، ދިވެހި އީ-ބުކް ލައިބްރަރީތަކާއި މަޢުލޫމާތު ހިމެނޭ ވެބްސައިޓުތައް ވަރަށް ގިނައެވެ. ލިޔުންތެރިކަން ފުޅާވެ، ދުވަހުން ދުވަހަށް ލިޔާ ލިޔުންތަކުގެ އަދަދު އިތުރުވަމުން އަންނައިރު، ދިވެހި ލިޔުންތެރިން ވިސްނަންޖެހޭ ވަރަށް ގިނަ ކަންކަން މިއަދު އެބަހުއްޓެވެ.

މި ކަންކަމާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަވަމުން ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ ޢައްބާސް އިބްރާހިމް ވިދާޅުވީ ލިޔުން ލިޔާއިރު، ކުށް މަދުކުރުމަށް ޚާއްސަ ސަމާލުކަމެއްދީ، ވިސްނަންޖެހޭ ކަމަށެވެ. އަދި ކޮންމެ ލިޔުމެއްވެސް ލިޔަންވާނީ ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކުކަމަށް ޢައްބާސް ވިދާޅުވިއެވެ.

ޢައްބާސް ވިދާޅުވީ، ޢާންމުކޮށް ރާއްޖޭގައި ލިޔުންތެރިންގެ ޚިޔާލު ހުންނަނީ މީހުން ކިޔާހިތްވާ ކަހަލަ މަޢުޟޫތަކަށް ލިޔުމަށް ކަމަށެވެ. އެހެންނަމަވެސް ލިޔުންތެރިން ވާންވާނީ މީހުންގެ ޝައުޤު ރަނގަޅު ކަންކަމަށް އަނބުރާލާ ބަޔަކަށްކަމަށް ޢައްބާސް ވިދާޅުވިއެވެ.

ޢާންމު ގޮތެއްގައި މިހާރުގެ ލިޔުންތަކުގައިޖެހޭ ކުށްތަކަށްވެސް ޢައްބާސް ވަނީ އަލިއަޅުއްވާލައްވާފައެވެ. އެގޮތުން އިމްލާ ކުށާއި، މާނަ ރަނގަޅު ނުވާގޮތަށް ބައެއް ބަސް ބޭނުންކުރުމާއި ޖުމްލަ ތަރުތީބުކުރުމުގެ މައްސަލަތައް މިހާރުގެ ލިޔުންތަކުން ފެންނަކަން އައްބާސް ފާހަގަކުރެއްވިއެވެ.

"ސުރުޚީއެއްގައި މިއޮންނަނީ ކަސްޓަމްސް މީހުންނާއި ފުލުހުން ގުޅިގެން ރާއްޖެ އެތެރެކުރަން އުޅުނު މަސްތުވާތަކެތީގެ ޝިޕްމެންޓެއް އަތުލައިގެންފިއޭ. ބަލާއިރު ހީވަނީ އެތެރެކުރަން އުޅުނީ ކަސްޓަމްސް މީހުންނާއި ފުލުހުން ގުޅިގެންނޭ. އެކަމަކު އެމީހުން ކުރި ކަމަކީ މަސްތުވާތަކެތި އަތުލީ. އެހެންވީމަ ރާއްޖެ އެތެރެކުރަން އުޅުނު އެއްޗެއް ކަސްޓަމް މީހުން ހިފައިފިޔޭ، އެގޮތަށް ބުނަން ވާނީ. މިބަވާތުގެ ކުށް ލިޔެވިފައި ހުންނަނީ. އެހެންވީމަ ޖުމްލައެއް ލިޔާއިރު ރަނގަޅަށް ލިޔުން އެއީ ވަރަށް މުހިންމުކަމެއް." އައްބާސް ވިދާޅުވިއެވެ.

ލިޔުންތެރިންގެ ދުވަހުގެ މުނާސަބަތުގައި ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ ބަސްދީގަތުމުގައި ދިވެހިބަހާއި ސަގާފަތާއި ތަރިކައާބެހޭ ވަޒީރު އާދަމް ނަޞީރުވެސް ވަނީ ލިޔުންތެރިކަމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ.

ވަޒީރު ވަނީ އިންސާނާ ކުރިއަރާ ދިއުމަށް މަގު ދައްކައިދިނުމުގައި ޤަލަމާއި ފޮތުގެ ދައުރު ފާހަގަކުރައްވާފައެވެ. އަދި އިންސާނީ މުޖުތަމަޢެއް ސަލާމަތުން އޮތުމަށްޓަކައި ލިޔުންތެރިން ވަރަށް މުހިންމު ދައުރެއް އަދާކުރާކަމަށް ވަޒީރު ވިދާޅުވިއެވެ.

"އިންސާނާއަށް ގެނެސްދޭ ހެޔޮ ބަދަލުތަކުގެ އެންމެ ބޮޑު ވާސްތާއަކީ ލިޔުންތެރިކަން. ޤައުމަށް އިސްލާހީ ބޮޑެތި ބަދަލުތައް ގެނައީ ލިޔުންތެރިކަން. ލިޔުންތައް މެދުވެރިކޮށް ތިމާވެށްޓާއި ދީނާއި ޞިއްޙަތާއި އިޤުތިޞާދު ދިވެހިންނަށް އިނގެނީ. ޤައުމެއް ކުރިއަރާ ދިއުމަށް ލިޔުންތެރިކަން ބޭނުންވޭ." ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވަނީ ލިޔުންތެރިކަން ކުރިއެރުވުމަށް އެންމެ މުހިންމު ކަމަކީ ކިޔާ މީހުން އުފެއްދުން ކަމަށްވެސް ވިދާޅުވެފައެވެ. އަދި ރާއްޖޭގައި ދިވެހި ފޮތް އުފައްދާ މިންވަރު އިތުރު ނުވަނީ ކިޔުންތެރިން މަދުވުމުގެ ސަބަބުން ފޮތަށް މާކެޓު ނެތުމުންކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ކިޔުންތެރިން އިތުރުކުރުމުގެ އިތުރުން ފޮތް ޗާޕުކުރުމުގެ އަގު ބޮޑުވުމަކީވެސް ނުވަތަ ޗާޕު ކުރެވޭނެ ގޮތެއް ނެތުމަކީ މިއަދު ލިޔުންތެރިންނަށް ފޮތް ނެރުމުގައި އޮތް ދައްޗެކެވެ.

މިކަން ހައްލުކުރުމަށް ދައުލަތުގެ އެހީގައި ފޮތް ޗާޕުކޮށްދިނުމުގެ ޚިދުމަތް ޤައުމީ ޗާޕުޚާނާގައި ފެއްޓެވުމަށް ދިވެހިބަހާބެހޭ ވުޒާރާއިން ވަނީ ނިންމަވާފައެވެ. އަދި މި ޗާޕުޚާނާއިން ފޮތެއްގެ ފުރަތަމަ 100 ކޮޕީ ހިލޭ ޗާޕުކޮށްދެވޭނެކަމަށް އެ ވުޒާރާއިން މަޢުލޫމާތު ދެއްވައެވެ.