މަސްވެރިންގެ ފުރިހަމަ ޤައުމީ ދަފްތަރެއް އެކުލަވާލުމަށް މިހަފްތާ ބަންދުގައި ވުޒާރާގެ ޓީމުތައް އެކި ރަށްރަށުގައި ހަރަކާތްތެރިވަމުންދާނެ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއިން ހާމަކުރައްވައިފިއެވެ.
މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއިން ވިދާޅުވީ މަސްވެރިންނަކީ ދައުލަތް ބަލައިގަންނަ ބަޔަކަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކަނޑައަޅުއްވާފައިވާ ސިޔާސަތު ތަންފީޒު ކުރުމަށް ފަށާފައިވާ މަސައްކަތުގެ ތެރެއިން މަސްވެރިންގެ ފުރިހަމަ ޤައުމީ ދަފްތަރެއް އެކުލަވާލުމަށް ކުރަމުންދާ މަސައްކަތްތައް އަވަސް ކުރުމުގެ ގޮތުން އެވުޒާރާގެ ޓީމުތައް މިހަފްތާ ބަންދުގައި އެކި އަތޮޅުތަކުގައި ހަރަކާތްތެރިވާނެކަމަށެވެ.
މަސްވެރިންގެ ދަފްތަރުގައި ބައިވެރިވުމަށް ހުޅުވާލާފައިވަނީ ފެބްރުއަރީމަހުގެ 16ވަނަ ދުވަހު ށ. ކޮމަންޑޫގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. މިފަދަ ދަފުތަރެއް އެކުލަވާލުމުގެ މައިގަނޑު އެއްބޭނުމަކީ މަސްވެރިކަމަކީ ޕްރޮފެޝަނަލް މަސައްކަތެއްގެ ގޮތުގައި ކަނޑައެޅި މަސްވެރިންނަކީވެސް އެހެނިހެން މަސައްކަތްތަކެކޭ އެއްފަދައިން ދައުލަތުން ބަލައިގަންނަ އާމްދަނީ ލިބޭ މަސައްކަތެއްކުރާ ބައެއްގެ ގޮތުގައި ކަނޑައެޅުމެވެ.
އަދި މިފަދަ ދަފްތަރެއް އޮތުމަކީ މަސްވެރިން ބޭންކިންގ ނިޒާމުގެ ތެރެއަށް ވެއްދުމަށާއި، ތަފާތު އެކިއެކި ބޭނުންތަކަށް މަސްވެރިންނަށް ލޯނު ދޫކުރުމަށާއި މަސްވެރިންނަށް ދައުލަތުން ފޯރުކޮށްދިނުމަށް ބޭނުންވާ އިޖްތިމާޢީ ރައްކާތެރިކަމާއި ސަބްސިޑީފަދަ ވަސީލަތްތައް ސީދާ މަސްވެރިންނަށް ފޯރުކޮށްދެވޭނެ އިންތިޒާމެއް ހަމަޖެއްސުމަށް މަގުފަހިވާނެ ކަމެއްކަމަށް ސަރުކާރުން ވިދާޅުވެއެވެ.
މަސްވެރިކަމާބެހޭ ޤާނޫނުގެ ދަށުން މަސްވެރިންގެ ދަފުތަރެއް އެކުލަވާލުމަށް ކަނޑައަޅާފައި އޮތްނަމަވެސް މިހާތަނަށް އެފަދަ ދަފުތަރެއް އެކުލަވާލާފައި ނުވެއެވެ. އަދި މިހާތަނަށް ސަރުކާރުގެ ކަމާބެހޭ ވުޒާރާއިން ބޮޑަށް ބަލަހައްޓަމުން ގެންދިޔައީ ކަނޑުމަހުގެ މަސްވެރިކަމުގެ މަޢުލޫމާތުކަމަށާއި ފަރުމަސްވެރިކަމުގެ ހަރަކާތްތަކާއި އުޅަނދުތަކުގެ މަޢުލޫމާތު އެކަށީގެންވާ ގޮތެއްގައި ބަލަހައްޓަމުން ގެންދެވިފައިނުވާކަން މަސްވެރިކަމާއި ބެހޭ ވުޒާރާއިން ފާހަގަކުރެއެވެ.
މި ސަރުކާރުގެ ވަޢުދާ އެއްގޮތަށް މަސްވެރިންގެ ޤައުމީ ދަފުތަރު އެކުލަވާލާއިރު ފާނައިގެ މަސްވެރިކަން ފަދަ ފަރުމަސްވެރިކަމުގެ ބާވަތްތަކާއި ރެކްރިއޭޝަނަލް ފިޝިންގ އަދި ސްޕޯޓްސް ފިޝިންގ ފަދަ ހަރަކާތްތަކުގެ މަޢުލޫމާތުވެސް ފުރިހަމަ ގޮތެއްގައި ނެގޭނެ އިންތިޒާމު ހަމަޖައްސާނެކަމަށް މަސްވެރިކަމާއި ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.