އައްޑޫ ސިޓީގެ އެންމެ ބޮޑު ރިސޯޓު، ޝަންގްރިއްލާ އަލުން ހުޅުވުމަށް، ޚާއްސަ ޓާސްކް ފޯހެއް ގާއިމްކުރުމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ނިންމައިފިއެވެ.
ރާއްޖޭގެ އެންމެ ދެކުނުގައި ލަގްޒަރީ ފެންވަރަށް ޚިދުމަތް ދިނުމަށް ތަރައްޤީކޮށްފައިވާ ޝަންގްރިއްލާ ރިސޯޓަކީ 284 އެނދުގެ ރިސޯޓެކެވެ. މިރިސޯޓު ހުޅުވާފައިވަނީ ސަރުކާރުގެ %30 ހިއްސާ އާއި ރިސޯޓު ހިންގުމަށް ސަރުކާރާއި ގުޅިގެން ހަދާފައިވާ އައްޑޫ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުގެ %70 ހިއްސާއާ އެކުއެވެ.
މިދިޔަ އަހަރުގެ އޮގަސްޓުމަހުގެ ތެރޭގައި ސަރުކާރުން ވަނީ ހިއްސާ ދޫކޮށްލާފައެވެ. ސަރުކާރުން ހިއްސާ ދޫކޮށްލީ ކޯވިޑާ ގުޅިގެން ޝަންގްރިއްލާ ރިސޯޓް ބަންދުކުރުމަށްފަހު އަލުން ނުހުޅުވާ ގިނަ އަހަރުތަކެއްވުމުގެ ސަބަބުން ސަރުކާރަށް ގެއްލުންވަމުންދާތީއެވެ.
ޝަންގްރިއްލާ ރިސޯޓަކީ އައްޑޫގެ ގިނަ ބަޔަކު ވަޒީފާ އަދާ ކުރަމުން އައި ރިސޯޓެކެވެ. ނަމަވެސް އެތަން ބަންދު ކުރުމަށްފަހު، ގިނަ ބައެއްގެ ވަޒީފާ ގެއްލިގެން ދިޔައިރު، އަލުން ރިސޯޓު ހުޅުވޭނެ ދުވަހަކަށް އައްޑޫގެ ގިނަ ބަޔަކު އަންނަނީ އިންތިޒާރު ކުރަމުންނެވެ.
އައްޑޫ ސިޓީގައި ފަތުރުވެރިކަން ފުޅާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ފަތުރުވެރިކަމާ ބެހޭ ވަޒީރު އިބްރާޙީމް ފައިސަލް މީގެކުރިން ވިދާޅުވެފައިވަނީ ޝަންގްރިއްލާ އަލުން ހުޅުވުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. މިމަސައްކަތުގެ ދަށުން ޝަންގްރިއްލާ ހޮޓެލްސްގެ މެނޭޖްމަންޓާއި، އައްޑޫ ސިޓީގެ މަޖިލިސް މެމްބަރުންނާއި ފަތުރުވެރިކަމާ ބެހޭ ވަޒީރު އިބްރާޙީމް ފައިސަލް ވަނީ ބައްދަލުކުރައްވާފައެވެ. މިބައްދަލުކުރެއްވުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ ޝަންގްރިއްޔާ އަލުން ހުޅުވުމުގެ މަސައްކަތަށް ޚާއްސަ ޓާސްކް ފޯހެއް އެކުލަވާލުމާއި ގުޅޭގޮތުން މަޝްވަރާކުރުމެވެ.
އަދި މިމަސައްކަތަށް ޚާއްސަ ޓާސްކް ފޯހެއް އެކުލަވާލުމުން ސަރުކާރުން އެރިސޯޓު އަވަހަށް ހުޅުވާ އައްޑޫ ސިޓީއަށް ފަތުރުވެރިކަން ފުޅާކުރުމަށް ކުރާ މަސައްކަތް ހަރުދަނާ ވެގެންދާނެ ކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
Today, we convened with @ShangriLaHotels management and Addu City MPs to establish a special task force dedicated to reopening the Shangri-La Hotel in Addu. This crucial step underscores our commitment to boosting tourism in the area and achieving significant progress. pic.twitter.com/UWqpdQJSIV
— Ministry of Tourism (@MoTmv) July 4, 2024
ޝަންގްރިއްލާ ރިސޯޓަކީ އައްޑޫގައި އަޕްމާކެޓަށް ޚާއްސަކޮށްގެން ހުޅުވާފައިވާ ރިސޯޓެކެވެ. މި ރިސޯޓުގައި 60 ވޯޓަރ ވިލާ، 26 ބީޗް ވިލާ، 28 ޕޫލް ވިލާ، 16 ޓްރީ ހައުސް ވިލާ އަދި 2 ޕްރެޒިޑެންޝަން ވިލާ ހިމެނެއެވެ. މީގެ އިތުރުން ރަށުގެ ބޮޑު މިނުގައި ފަސް ލައްކަ ފަސް ހާސް އަކަ މީޓަރު ހުރެއެވެ.
ވަޒީރު ފައިޞަލް މީގެކުރިން ވިދާޅުވީ އައްޑޫގައި ފަތުރުވެރިކަން ތަރައްޤީ ކުރާނީ މިސަރުކާރުން ކަމަށާއި، މެދުކެނޑުމެއް ނެތި އެމަސައްކަތް ކުރައްވަމުންދާ ކަމަށެވެ. އެގޮތުން ޗައިނާ އީސްޓަން އެއަރލައިނުން އައްޑޫއަށް ސީދާ ދަތުރުތައް ފެށުމާއި ގުޅޭ މަޝްވަރާތައް ކުރެވެމުންދާ ކަމަށެވެ.
ވަޒީރު ފައިސަލް ވިދާޅުވީ އައްޑޫއަށް ބޭރު ޤައުމުތަކުން ސީދާ ދަތުރުތައް ފަށާއިރު، ފަތުރުވެރިކަމުގެ އެނދު އިތުރުކުރުމަކީ މުހިއްމުކަމެއް ކަމަށެވެ. އެގޮތުން އެ ސަރަހައްދުގައި ފަތުރުވެރިކަމުގެ އެނދު އިތުރުކުރުމަށް ސަރުކާރުން އިސްކަން ދެއްވާނެ ކަމަށެވެ.