ޚަބަރު

ޕެނަލްޓީ ޖަހައިގެން މޮޅުވެ، އިންގްލެންޑް ސެމީ ފައިނަލަށް


ޕެނަލްޓީ ޖަހައިގެން މޮޅުވެ، ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ސެމީފައިނަލުން އިންގްލެންޑް ޖާގަ ހޯދައިފި އެވެ.

އިންގްލެންޑް ސެމީފައިނަލުން ޖާގަ ހޯދީ ކްއާޓާ ފައިނަލްގައި ސްވިޒަރލެންޑާ ވާދަކުރި މެޗުގެ 90 މިނިޓާއި، ނަތީޖާ ނެރުމަށް ކުޅުނު 15 މިނިޓްގެ ދެހާފް ނިމުނުއިރު ވެސް 1-1 ން ދެޓީމް އެއްވަރުވުމުން ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި ކުރި ހޯދައިގެންނެވެ. ޕެނަލްޓީގައި އިންގްލެންޑް ކުރި ހޯދީ 5-3 ނެވެ.

އިންގްލެންޑުން ޖެހި 5 ޕެނަލްޓީ ވެސް ކާމިޔާބުކުރި އެވެ. ސްވިޒަރލެންޑަށް ނާކާމިޔާބުވީ ޑިފެންޑަރ އަކަންޖީ ޖެހި އެޓީމްގެ ފުރަތަމަ ޕެނަލްޓީ އެވެ. އޭނާ މަޑުމަޑުން ޖެހި ޕެނަލްޓީ ކީޕަރު ޕިކްފޯޑް ފަސޭހައިން މަތަކުރިއެވެ. އިންގްލެންޑުން ޕެނަލްޓީތައް ކާމިޔާބުކުރީ ކޯލް ޕާމާ، ބެލިންގހަމް، ސަކާ، ޓޯނީ އަދި އެލެގްޒެންޑަރ އާނޯލްޑް އެވެ. ސްވިޒަރލެންޑުން ޕެނަލްޓީތައް ކާމިޔާބުކުރީ ފަބިއަން ޝެއާ، ޝަޤީރީ، އަދި ޒެކީ އަމްދޫނީ އެވެ.

މެޗުގެ ތެރެއިން ފުރަތަމަ ލަނޑު ޖަހާ ކުރިހޯދީ ސްވިޒަރލެންޑުންނެވެ. 75 ވަނަ މިނިޓްގައި ސްވިޒަރލެންޑަށް ލީޑް ނަގައިދިނީ އެމްބޯލޯ އެވެ. ގޯލް އޭރިޔާ ތެރެއަށް ޑަން އެންޑޯޔޭ ނަގައިދިން ބޯޅަ ވެއްޓިގެންފަ އެމްބޯލޯ ގޯލަށް ފޮނުވާލީ ކައިލް ވޯކާ ކައިރީގައި ވިއްދާފައި ވަނިކޮށެވެ. އެބޯޅަ އެމްބޯލޯއަށް ލިބުނީ ޖޯން ސްޓޯންސް އަށްވެސް ސާފްކޮށް ނުލެވިގެންނެވެ.

އެކަމަކު ލީޑްގައި ސްވިޒަރލެންޑަށް އޮވެވުނީ އެންމެ ހަތަރު މިނިޓެވެ. އޭރިޔާ ބޭރުން ސަކާ ވައަތު ފައިން ފޮނުވާލި ބާރު ބޯޅަ ތިރިތިރިން ގޮސް ގޯލަށް ވަނީ އަރިމަތީ ދަނޑީގައި ޖެހިފައެވެ. މިއީ މެޗުގައި ގޯލާ އަމާޒުކޮށް އިންގްލެންޑުން ފޮނުވާލި ފުރަތަމަ ބޯޅަ އެވެ.

މެޗުގެ ފުރިހަމަ ވަގުތުގެ ފަހު މިނިޓްގައި ލީޑް ނަގަން ފޮޑެން އަށް ލިބުނު ފުރުޞަތުގައި ހިލޭޖެހުމުން ފޮނުވާލި ބޯޅަ ކީޕަރު ސޮމާ އަތުން ޖައްސާ ކުޅުމުގެ ތެރެއަށް ފޮނުވާލި އެވެ. އިތުރު ވަގުތުގައި ސްވިޒަރލެންޑަށްވެސް ރަނގަޅު ފުރުޞަތެއް ލިބުނެވެ. އެކަމަކު ޑަން އެންޑޯޔޭ އަށް ގޯލްއޭރިޔާ ތެރެއިން ބޮލުން ފޮނުވާލަން ފުރުޞަތު ލިބުނު ނަމަވެސް ބޯޅައިގަ ލައްވާނުލި އެވެ.

ނަތީޖާ ނެރުމަށް ކުޅުނު އިތުރު ވަގުތުގެ ދެ ހާފްގެ ތެރެއިން ފުރަތަމަ ހާފް ފަށައިގެން ފުރަތަމަ މިނިޓްގައި ސްވިޒަރލެންޑްގެ ޑިފެންޑަރ ފަބިއަން ޝެއާ ފޮނުވާލި ބޯޅަ ދިޔައީ ގޯލްގެ ކަނާ ދިމާލުން މަތިން ބޭރަށެވެ. އޭރިޔާ ބޭރުން ޑެކްލަން ރައިސް ފޮނުވާލި ބާރު ބޯޅަ ދިފާއުކުރީ ސްވިޒަރލެންޑް ކީޕަރު ސޮމާ އެވެ. އޭނާ ވަނީ އެބޯޅަ އަތުން ޖައްސާ ކޯނަރަކަށް ބޭރުކޮށްލާފައެވެ. 101 ވަނަ މިނިޓްގައި އޭރިޔާ ތެރެއިން ސްވިޒަރލެންޑުން ގޯލްގެ މަތީ ކަނަށް ފޮނުވާލި ބޯޅަ ކީޕަރު ހިފި އެވެ. 112 ވަނަ މިނިޓްގައި އޭރިޔާ ތެރެއިން ސްވިޒަރލެންޑްގެ ޒަކަރިއާ އަށް ލިބުނު ރަނގަޅު ފުރުޞަތުގައި ބޯޅަ ފޮނުވާނުލެވުނެވެ. ބަދަލަކަށް ނިކުއިން ސްވިޒަރލެންޑްގެ ސިލްވަން ވިޑްމާ އަށް ލިބުނު ފުރުޞަތުގައި ފޮނުވާލުމުން ކޯނަރަކަށް ބޭރުކޮށްލީ ސަކާ އެވެ. 118 ވަނަ މިނިޓްގައި ޒެކީ އަމްދޫނީ ފޮނުވާލި ބާރު ބޯޅަ ކީޕަރު ޕިކްފޯޑް ދިފާއުކުރިއެވެ.

މެޗުގެ ފުރަތަމަ ހާފްގައި ދެޓީމްކުރެ ޓީމަކަށް ގޯލާ އަމާޒުކޮށް ބޯޅައެއް ފޮނުވާ ނުލެވެއެވެ. އެކަމަކު 20 ވަނަ މިނިޓްގައި އޭރިޔާ ތެރެއަށް ވަދެ އިންގްލެންޑްގެ ސަކާ އަރިމަތިން ތިރިން ނަގައިދިން ބޯޅަ ގޯލް އޭރިޔާ ތެރެއިން ސްވިޒަރލެންޑް ޑިފެންޑަރުން ދިފާއުކުރި އެވެ. ފުރަތަމަ ހާފްގެ ފަހު މިނިޓްގައި ސަކާ ގޯލްއޭރިޔާ ރޮނގުމަތީގައި ހުރި މައިނޫ އަށް ޖައްސާލި ބޯޅަ ފޮނުވާލުމުން ކޯނަރަކަށް ބޭރުކޮށްލި އެވެ.

ދެވަނަ ހާފް ފަށައިގެން ފަސްވަނަ މިނިޓްގައި ގޯލްއޭރިޔާ ކަނުން އެމްބޯލޯ ފޮނުވާލި ބާރެއް ނެތް ބޯޅަ ކީޕަރު ޕިކްފޯޑް ފަސޭހައިން އަތަށް ނެގިއެވެ. އޭގެ ހަ މިނިޓް ފަހުން ރިކާޑޯ ރޮޑްރިގޭޒް ނަގައިދިން ބޯޅަ ގޯލްއޭރިޔާ ތެރެއިން އެމްބޯލޯ ބޮލުން ފޮނުވާލުމުން ވެސް ދިފާއުކުރީ ކީޕަރެވެ.

ސެމީފައިނަލްގައި އިންގްލެންޑް ވާދަކުރަން ޖެހޭނީ ނެދަލެންޑްސް ނުވަތަ ތުރުކީއާއެވެ.