"އަހަރެމެންނަށް ދެއްކެން އޮތް އެންމެ މޮޅު ކުޅުން ކުޅެފައިވާނެ،ތުރުކީގެ ކޯޗު، ވިންޗެންޒޯ މޮންޓެލާ
ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލްގައި ރޭ ނެދަލެންޑްސް އަތުން 2-1 އިން ބަލިވި މެޗަށްފަހު، ތުރުކީގެ ކޯޗު، ވިންޗެންޒޯ މޮންޓެލާ ބުނީ، މުބާރާތުގައި އޭނާގެ ކުޅުންތެރިންނަށް ލިބެމުން އަންނަ ލޯތްބާއި ތަރުހީބު ހައްގު ކަމަށާއި، މި މުބާރާތަށްފަހު ކުރިއަށް އޮތް ތާނގާއި އިދިކޮޅު ޓީމުތަކުން މިއަށްވުރެ ބޮޑަށް ތުރުކީ ޓީމަށް ވެސް އިހުތިރާމްކުރާނެ ކަމަށެވެ.
މެޗަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މޮންޓެލާ ބުނީ، ތުރުކީ ޓީމުގައި ގިނަ އަދަދަކަށް ޒުވާން ކުޅުންތެރިން އެބަތިބި ކަމަށާއި، އެމީހުންގެ ފަރާތުން މެޗުގައި ފެނިގެންދިޔައީ އަޖައިބުކުރަނިވި ރޫޚެއްގައި ކުޅުނުތަން ކަމަށާއި، އެކަމަށްޓަކައި ކުޅުންތެރިންނާ މެދު ފަޚުރުވެރިވާ ކަމަށް ވެސް މޮންޓެލާ ބުންޏެވެ.
ތުރުކީ ޓީމަށް މިއީ ވަރަށް ރަނގަޅު މުބާރާތެއް ކަމަށާއި، މެޗުތަކުގެ 90 މިނެޓަށްބަލާއިރު ނެދަލެންޑްސްއާ އެއްވަރަށް އޭނާގެ ޓީމުން މޮޅުވެފައިވާ ކަމަށާއި، މުބާރާތުގައި ދެއްކި ކުޅުމާ ގުޅިގެން ގިނަ ބައެއްގެ ފަރާތުން ތަހުނިޔާ އާއި މަރުހަބާ ކިޔާފައިވާ ކަމަށް ވެސް މޮންޓެލާ ބުންޏެވެ.
މި މުބާރާތުގައި އާރްދާ ގުލާގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންގޮސްފައިވާ ކަމަށާއި، މީގެކުރީން އެއް ފެންވަރެއްގައި މިހާ މޮޅު ކުޅުމެއް އޭނާގެ ފަރާތުން ފެނިގެންގޮސްފައިނުވާ ކަމަށް ވެސް މޮންޓެލާ ބުންޏެވެ. އަދި މި މުބާރާތުން އޭނާ އަށް ބޮޑު ތަޖުރިބާއެއް ލިބިގެންދާނެ ކަމަށާއި، ކުރިއަށް އޮތް ތާނގާއި މިއަށްވުރެ މޮޅަށް އޭނާ ކުޅޭނެ ކަމާ މެދު ޝައްކެއްވެސް ނެތް ކަމަށް މޮންޓެލާ ވަނީ ބުނެފައެވެ.
ތުރުކީގެ މިހާރު އޮތް އަމާޒަކީ އަންނަ ސެޕްޓެންބަރު މަހު ފަށާ ޔުއެފާ ނޭޝަންސް ލީގު ކަމަށާއި، ދެން އޮތީ 2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ކޮލިފިކޭޝަން މެޗުތައް ކަމަށް މޮންޓެލާ ބުންޏެވެ.
މެޗަށްފަހު ދެއްކި ވާހަކައިގައި ތުރުކީގެ ކެޕްޓަން، ހަކާން ޗައަނޮކްލޫ ބުނީ، ދެވަނަ ހާފުގައި ތުރުކީން ކުޅުނީ މާބޮޑަށް ޑިފެންސިވްކޮށް ކަމަށާއި، ހަތް މިނެޓުގެ ތެރޭގައި ޓީމު ކޮޅަށް ދެ ލަނޑު ވަތްނަމަވެސް ދޫނުދީ ލަނޑުޖަހާނެ ފުރުޞަތުތައް ތަނަސްކުރި ކަމަށެވެ.
މުބާރާތުގައި ތުރުކީގެ މި ޒުވާން ޓީމުގެ ފަރާތުން ފެނުނު ކުޅުމާއެކު ކުއާޓާ ފައިނަލަށް ދަތުރުކުރާނެ ކަމަށް އެއްވެސް މީހަކު އެގޮތަށް އުއްމީދުނުކުރާނެ ކަމަށާއި، ހުރިހާ ކުޅުންތެރިންނާމެދު އޭނާ ފަޚުރުވެރިވާ ކަމަށް ވެސް ޗައަނޮގްލޫ ބުންޏެވެ. ނިންމާލަމުން ޗައަނޮގްލޫ ބުނީ، ގައުމަށްޓަކައި އަދިވެސް ކުޅުން ކުރިއަށްގެންދާނެ ކަމަށާއި، ރިޓަޔާކުރުމުގެ ވިސްނުމެއް ނެތް ކަމަށެވެ.