ޚަބަރު

ގަވާއިދާ ޚިލާފަށް ވިޔަފާރި ކުރި 4 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް


  • ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް އޮޕަރޭޝަނެއް ދަނީ ހިންގަމުން

  • އޮޕަރޭޝަންގައި މިވަގުތު އިސްކަންދެނީ ގަވާއިދާ ޚިލާފަށް ވިޔަފާރިކުރާ ބިދޭސީން ހޯދުމަށް

ގަވާއިދާ ޚިލާފަށް ވިޔަފާރި ކުރަމުންދިޔަ 4 ބިދޭސީއަކު މޯލްޑިވްސް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

އިމިގްރޭޝަނުން އެކްސްގައި ހިއްސާކުރި ޕޯސްޓެއްގައި ވަނީ ގަވާއިދާ ޚިލާފަށް ވިޔަފާރި ކުރަމުންދާ ބިދޭސީން ހޯދުމަށް ކުރިއަށްދާ އޮޕަރޭޝަންގެ ތެރެއިން ރޭ ހުޅުމާލޭގެ ދެ ތަނެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ. އެގޮތުން ރޭގެ ވަގުތެއްގައި ގަވާއިދާ ޚިލާފަށް ވިޔަފާރި ކުރަމުންދިޔަ 4 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށެވެ.

ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދައި، އެމީހުން ގަވާއިދުގެ ތެރެއަށް ގެނައުމަށް ޚާއްސަ އޮޕަރޭޝަނެއް ދަނީ ހިންގަމުންނެވެ. އެގޮތުން ގަވާއިދާ ޚިލާފަށް އުޅުނު 133 ބިދޭސީއަކު މިހާތަނަށް އިމިގްރޭޝަނާ ހަވާލުކޮށްފައިވާކަމަށް ފުލުހުންވަނީ މީގެ ކުރިން ހާމަކޮށްފައެވެ.

އަދި މިއޮޕަރޭޝަންގެ ތެރެއިން އެންމެ ބޮޑު ސަމާލުކަމެއް މިވަގުތު ދޭނީ ގަވާއިދާ ޚިލާފަށް ހަރަކާތްތެރިވާ ބިދޭސީން ހިންގާ ވިޔަފާރިތައް ދެނެގަނެ ޤާނޫނީ ހަމަތަކުގެ މަތިން ފިޔަވަޅު އެޅުމަށްކަމަށް ކޮންޓްރޯލަރ އޮފް އިމިގްރޭޝަން މުޙައްމަދު ޝަމްޢާން ވަޙީދު ވަނީ ވިދާޅުވެފައެވެ.