ޔަމާލް ރެކޯޑް ހެދި މޮޅު ގޯލާއެކު ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފައިނަލުން ސްޕެއިން ޖާގަ ހޯދައިފި އެވެ. ސްޕެއިން މުބާރާތުގެ ފައިނަލުން ޖާގަ ހޯދީ 2-1 ން ފްރާންސް ބަލިކޮށްގެންނެވެ.
ސެމީފައިނަލް މެޗުގައި ފުރަތަމަ ލަނޑު ޖަހާ ކުރިހޯދީ ފްރާންސުންނެވެ. މެޗު ފަށައިގެން 8 ވަނަ މިނިޓްގައި ފްރާންސަށް ކުރި ހޯދައިދިނީ ކޯލޯ މުއާނީ އެވެ. އެމްބާޕޭ ގޯލްއޭރިޔާ ތެރެއަށް ނަގައިދިން ބޯޅަ ކޯލޯ މުއާނީ ބޮލުން ގޯލަށް ފޮނުވާލީ ސްޕެއިން ދެ ކުޅުންތެރިން ކައިރިން އަރައެވެ. އެކަމަކު އެލީޑްގައި ފްރާންސަށް އޮވެވުނީ 12 މިނިޓެވެ.
ޔޫރޯގެ ތާރީޚީ ރެކޯޑެއް މުގުރާލި ލަނޑުން ސްޕެއިންއަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ލަމީން ޔަމާލް އެވެ. ޑީއޭރިޔާ ބޭރުން ރެބިއޮޓް ކައިރިން ފުރުޞަތު ހޯދައިގެން ހަމަޖެހިލާފަ ވައަތު ފައިން ޔަމާލް ފޮނުވާލި ބޯޅަ ގޯލްގެ މަތީ ކަނަށް ވަނީ އަރިމަތީ ދަނޑީގައި ޖެހިފައެވެ. ޔަމާލްގެ މޮޅު ގޯލް ވެގެންދިޔައީ ޔޫރޯގެ ތާރީޚުގައި އެންމެ ހަގު ކުޅުންތެރިއަކު ޖެހި ގޯލަށެވެ. 16 އަހަރުގައި ޔަމާލް ޖެހި މިގޯލާއެކު އޭނާ އަކީ ޔޫރޯގައި ލަނޑު ޖެހި އެންމެ ހަގު ކުޅުންތެރިޔާ އެވެ. މިއީ ގައުމީ ޓީމަށް ޔަމާލް ޖަހައިދިން 3 ވަނަ ލަނޑެވެ. މިމެޗާ ހަމައަށް ޔޫރޯގައި ލަނޑު ޖެހި އެންމެ ހަގު ކުޅުންތެރިއަކީ ސްވިޒަރލެންޑްގެ ޖޯހަން ވޮންލަންތެން އެވެ. 18 އަހަރުގައި އޭނާ ވެސް ލަނޑު ޖެހީ ފްރާންސް ކޮޅަށެވެ. އެއީ 2004 ވަނަ އަހަރުގެ ޔޫރޯގައެވެ.
ނަތީޖާ ހަމަހަމަ ކުރިތާ އެންމެ ތިން މިނިޓްގެ ތެރޭގައި ސްޕެއިން އިން ވަނީ ލީޑް ނަގާފައެވެ. ސްޕެއިން އަށް ކުރި ހޯދައިދިނީ 25 ވަނަ މިނިޓްގައި އޮލްމޯ އެވެ. އޭރިޔާ ތެރެއިން ބޯޅަ މަޑުމަޑުން ޖައްސާލުމަށްފަހު ފަޔަށް ހެޔޮވަރުކޮށްލާ، ފޮނުވާލި ބޯޅަ ގޯލަށް ވަނީ ފްރާންސް ޑިފެންޑަރ ކޫންޑޭ ފައިގަ ޖެހިފައެވެ. ކީޕަރާއި ކޫންޑޭއާ ދެމެދުން ވަން ބޯޅަ ޔުއެފާއިން ފުރަތަމަ ނިންމީ ކޫންޑޭ އަތުން ބައިކޮޅަށް ވަން ލަނޑެއް ކަމަށެވެ. އެކަމަކު ހާފް ޓައިމްގައި އެނިންމުން ބަދަލުކޮށް އެއީ އޮލްމޯ ގޯލެއްގެ ގޮތުގައި ބަލައިގަތެވެ.
މެޗުގައި ލަނޑު ޖަހަން ގިނަ ފުރުޞަތުތަކެއް ދެޓީމަށްވެސް ނުލިބެއެވެ. މެޗު ފަށައިގެން 5 ވަނަ މިނިޓްގައި ޔަމާލް ގޯލްއޭރިޔާ ތެރެއަޢް ނަގައިދިން ހުރަސް ފަބިއަލް ރުއިޒްއަށް ބޮލުން ފޮނުވާލެވުނީ މަތިން ބޭރަށެވެ. ދެވަނަ ހާފް ފަށައިގެން އަށްވަނަ މިނިޓްގައި ފްރާންސަށް ލިބުނު ކޯނަރަކުން އޭރިޔާ ތެރެއަށް ހުރަސްކޮށްދިން ބޯޅަ ޗުއަމަނީއަށް ބޮލުން ފޮނުވާލެވުނީ ސީދާ ކީޕަރު ސިމޯން އަތަށެވެ. އޭގެ ފަސް މިނިޓް ފަހުން 59 ވަނަ މިނިޓްގައި އަރިމަތިން އޭރިޔާ ތެރެއަށް ވަދެ ޑެމްބެލޭ ފޮނުވާލި ބާރު ބޯޅަ ކީޕަރު ސިމޯން އެއް އަތުން ޖައްސާ ކުޅުމުގެ ތެރެއަށް ފޮނުވާލި އެވެ. 75 ވަނަ މިނިޓްގައި ފްރާންސް ޑިފެންޑަރ ތިއޯ ހެނާންޑޭޒް އަށް ރަނގަޅު ފުރުޞަތެއް ލިބުނެވެ. އޭރިޔާ ރޮނގުމަތިން ކަހަލަ ގޮތަކަށް އޭނާއަށް ލިބުނު ބޯޅަ ފޮނުވާލެވުނީ މާ މަތިންނެވެ.
މެޗުގެ ފަހު ދިހަ މިނިޓްގައި ވެސް ޔަމާލް ނުރައްކާތެރި ހަމަލާއެއް ފޮނުވާލި އެވެ. އޭނާ ލަނޑު ޖެހި ހިސާބުން ފޮނުވާލި ބާރު ބޯޅަ ދިޔައީ ގޯލްގެ ކަނާ ދިމާލުން މަތިންނެވެ. ފައިނަލްގައި ސްޕެއިން ވާދަކުރާނީ އިންގްލެންޑް ނުވަތަ ނެދަލެންޑްސްއާ އެވެ.