ޚަބަރު

ދީނީ 6 ދާއިރާއަކަށް ޢަމާޒުކޮށް މަހާސިންތާތަކެއް ބާއްވަނީ


  • މަހާސިންތާތައް އޮންނާނީ، އޮގަސްޓް، ސެޕްޓޭމްބަރު، އޮކްޓޯބަރު އަދި ނޮވެމްބަރުގައި

  • އެކި ދާއިރާތަކުގައި މަސައްކަތްކުރާ މީހުން ބައިވެރިވާނެ

  • މަހާސިންތާގެ ބޭނުމަކީ ހޭލުންތެރިކަން އިތުރުކޮށް، މައްސަލަތަކަށް ޙައްލު ހޯދުން

ދީނީ މަސައްކަތްތަކާ ގުޅޭ ވަކިވަކި ދާއިރާތަކަށް ޢަމާޒުކޮށްގެން މިއަހަރު 6 މަހާސިންތާ ބޭއްވުމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ނިންމަވައިފިއެވެ.

މި މަހާސިންތާތައް އޮންނާނީ، އޮގަސްޓް، ސެޕްޓެމްބަރު، އޮކްޓޯބަރު އަދި ނޮވެމްބަރު މަހުއެވެ.

މަހާސިންތާ ބާއްވާ ދާއިރާތަކުގެ ތެރޭގައި ޢިލްމުވެރިންގެ މަހާސިންތާ، ޖަމްޢިއްޔާ މަހާސިންތާ، ޢިމާމުންގެ މަހާސިންތާ، ޒަކާތު މަހާސިންތާ، ޙައްޖާއި ޢުމްރާ މަހާސިންތާ އަދި ފަތުވާ މަޖިލިސް މަހާސިންތާއެވެ..

މަހާސިންތާ އޮންނަ ތާރީޚްތައް:

ޢިލްމުވެރިންގެ މަހާސިންތާ – 24 އޮގަސްޓް
ޖަމްޢިއްޔާ މަހާސިންތާ – 4 ސެޕްޓެމްބަރު
ޢިމާމުންގެ މަހާސިންތާ – 21 ސެޕްޓެމްބަރު
ޒަކާތު މަހާސިންތާ – 26 އޮކްޓޫބަރު
ޙާއްޖާއި ޢުމްރާ މަހާސިންތާ - އޮކްޓޯބަރު
ފަތުވާ މަޖްލީސް މަހާސިންތާ – ނޮވެމްބަރު

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒަރާއިން ވިދާޅުވީ މި މަހާސިންތާތަކުގެ ބޭނުމަކީ މި ދާއިރާތަކުން ޚިދުމަތް ދިނުމުގައި މަސައްކަތްކުރާ ފަރާތްތަކުގެ މަޢުލޫމާތު މުއްސަނދިކަން އިތުރުކޮށް އެ މީހުންގެ ހޭލުންތެރިކަން އިތުރުކުރުންކަމަށެވެ. އަދި މި މަސައްކަތުގައި އުޅޭ ފަރާތްކަށް ދިމާވާ ދަތިތަކާއި، ގޮންޖެހުންތައް ދެނެގަނެ، ކަމާ ގުޅިގެންހުރި އިދާރާތައް ގުޅިގެން ޙައްލުހޯދުންވެސް މަހާސިންތާތައް ބޭވުމުގެ މަޤްޞަދުގައި ހިމެނެއެވެ. މީގެއިތުރުން މުޖުތަމަޢުއަށް ސައްޙަ އަޤީދާ ކިޔައިދިނުމުގައި ދީނީ ޢިލްމުވެރިންގެ ދަޢުރު ފުޅާކުރުންވެސް ހިމެނެއެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ދެމުންދާ ޚިދުމަތްތަކާ، ދީނީ ހޭލުންތެރި މުޖުތަމަޢުއެއް ބިނާކުރުމަށް އެ ވުޒާރާއިން ދަނީ ގިނަގުނަ މަސައްކަތްތައް ކުރަމުންނެވެ. އެގޮތުން ދީނީ ކަންކަމަށް އަހުލުވެރިކޮށް، މި ދާއިރާއަށް ޒުވާނުން ޝަޢުގުވެރިކޮށް މި ދާއިރާއަށް ނެރުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ.

ޙައްޖާ ޢުމްރާގެ ކަންކަން ހަރުދަނާކުރުމަކީވެސް ސަރުކާރުން ޚާއްސަ އިސްކަމެއްދެއްވާ މަސައްކަތެކެވެ. މި މަހާސިންތާ ތަކުގެތެރެއިން މި ދާއިރާއިންވެސް ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށް، މިހާރު ހުރި އެކިއެކި ދަތިތަކަށް ޙައްލުހޯދުން ހިމެނެއެވެ.