ޚަބަރު

އުނދަގޫވިޔަސް ބޭނުމީ ސްޕެއިން ބަލިކޮށް ޗެމްޕިއަންކަން ހޯދުމަށް: ސައުތުގޭޓް


"
މެޗު ދިޔައީ ވަރަށް ކޮމްޕްލިކޭޓެޑްކޮށް، ކުޅެމުންދިޔައިރު ދިފާއީ ކުޅުމަށް ބަދަލުތައް ގެންނަންޖެހުނު.
އިންގްލެންޑްގެ ކޯޗު، ގަރެތު ސައުތުގޭޓް

ޔޫރޯ 2024 ގެ ސެމީ ފައިނަލްގައި ނެދަލެންޑްސް އަތުން މޮޅުވި މެޗަށްފަހު އިންގްލެންޑްގެ ކޯޗު، ގަރެތު ސައުތުގޭޓް ބުނީ، އިންގްލެންޑްގެ ތާރީޚުގައި ފުރަތަމަ ފަހަރަށް އެ ގައުމުން ބޭރުގައި ކުޅުނު ބޮޑު މުބާރާތެއްގެ ފައިނަލަށް ގެންދެވުމުން ވަރަށް ބޮޑަށް ފަޚުރުވެރިވާކަމަށް ސައުތުގޭޓް ބުންޏެވެ. އަދި އުނދަގޫނަމަވެސް، ބޭނުންވަނީ މުބާރާތުގައި މިހާތަނަށް ފެނިގެންދިޔަ އެންމެ މޮޅު ޓީމު ކަމަށްވާ، ސްޕެއިނު ބަލިކޮށް ޗެމްޕިއަންކަން ހޯދުމަށް ކަމަށް ވެސް ސައުތުގޭޓް ވަނީ ބުނެފައެވެ.

މެޗަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސައުތުގޭޓް ބުނީ، ނެދަލެންޑްސްއާ ދެކޮޅަށް އިންގްލެންޑުން ވަރަށް ރަނގަޅަށް ކުޅުނު ކަމަށެވެ.

މެޗު ފެށިގެން އިންގްލެންޑުން ރަނގަޅަށް ކުޅެމުންދަނިކޮށް 0-1 އިން ފަހަތުގައި އޮންނަޖެހޭނެ ކަމަށް ގަބޫލުނުކުރާ ކަމަށާއި، އެކަމަކު ނެދަލެންޑްސްގެ މިޑްފީލްޑަރު، ޗާވީ ސިމޮންސް ކާމިޔާބުކުރީ ރީތި މޮޅު ގޯލެއް ކަމަށް ސައުތުގޭޓް ވަނީ ބުނެފައެވެ. އެއަށްފަހު، އޭނާގެ ކުޅުންތެރިން ދެއްކި ކުޅުމާމެދު ހިތްހަމަޖެހޭ ކަމަށާއި، މީގެކުރީން ނެދަލެންޑްސްއާ ދެކޮޅަށް ކުޅުނު މެޗެއްގައި އެހާ ގިނަވަގުތު އިންގްލެންޑުން ބޯޅަ ގެންގުޅެފައިވާ ހަނދާނެއް ނުވާ ކަމަށް ވެސް ސައުތުގޭޓް ބުންޏެވެ.

މެޗު ކުޅެމުންދިޔައިރު ހުރިހާ ވަގުތެއްގައިވެސް އެޑަޕްޓްވާންޖެހުނު ކަމަށާއި، ކުޅުންތެރިންގެ ފަރާތުން ނިންމުންތައް ނިންމީ އެންމެ ރަނގަޅަށް ކަމަށް ވެސް ސައުތުގޭޓް ވަނީ ބުނެފައެވެ. އާހިރުގައި މެޗު ނިމިގެންދިޔައިރު ޓީމުގެ ހުރިހާ ކުޅުންތެރިން ކުރި ބުރަ މަސައްކަތަށް ފައިނަލަށް ދެވުމަކީ ލިބުނު އިނާމުކަމަށް ވެސް ސައުތުގޭޓް ބުންޏެވެ.

ސައުތުގޭޓް ވަނީ، މެޗުގައި އޭނާ ބަދަލުތައް ގެނައީ އެންމެ އެކަށޭނަ ދަނޑިވަޅުގައި ކުރަންޖެހިގެން ކަމަށާއި، ބަދަލުގައި ކުޅެން ނިކުތް ކުޅުންތެރިންގެ ފަރާތުން ތަފާތު ދެއްކި ކަމަށް ބުނެފައެވެ.

ޔޫރޯގެ ތާރީޚުގައި އެންމެ ފަހުން ސްޕެއިނާ ދެކޮޅަށް އިންގްލެންޑް ކުޅުނީ އަމިއްލަ ގައުމުގައި 1996 ވަނަ އަހަރު ބޭއްވި މުބާރާތުގެ ކުއާޓާ ފައިނަލްގައެވެ. އެފަހަރުގެ މުބާރާތުގައި އިންގްލެންޑް ވަނީ ޕެނަލްޓީޝޫޓްއައުޓްގައި ސްޕެއިން ބަލިކޮށްފައެވެ.

ސްޕެއިނާ ދެކޮޅަށް ކުޅޭ މެޗުގައި އުނދަގޫނަމަވެސް ކުރަންޖެހޭނެ ކަމަކީ އެމީހުން އަތުން ބޯޅަ އަތުލުން ކަމަށް ސައުތުގޭޓް ބުންޏެވެ. އަދި އެކަން އެގޮތަށް ކުރެވޭނީ އިންގްލެންޑުން ތަފާތު މޮޅު ކުޅުމެއް ދައްކައިގެން ކަމަށާއި، ފައިނަލަކަށްވުމުން އެފަދަ އުއްމީދުތަކެއް ކުރެވޭނެ ކަމަށް ވެސް ސައުތުގޭޓް ވަނީ ބުނެފައެވެ.

މުބާރާތުގެ ފައިނަލްގައި އިންގްލެންޑުން ސްޕެއިނާ ދެކޮޅަށް ނިކުންނާނީ މި މަހުގެ 14 ވާ އާދީއްތަ ދުވަހުގެ ރޭ ރާއްޖޭގަޑިން 12 ޖަހާއިރު އެވެ.