ހުރިހާ ރިސޯޓަކުންވެސް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް، ވެމްކޯގެ ކުނި ނެގުމުގެ ޚިދުމަތުގައި ބައިވެރިވުމަށް ފަތުރުވެރިކަމާބެހޭ ވަޒީރު އިބްރާހިމް ފައިޞަލް އެދިވަޑައިގެންފިއެވެ.
ވަޒީރު މިކަމަށް އެދިވަޑައިގެންނެވީ ރިސޯޓުތަކުގެ ކުނި އުކާލުމުގެ ޚިދުމަތް ފެށުން ފާހަގަކުރުމަށް ވެމްކޯއިން ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވަޒީރު އިބްރާހިމް ފައިޞަލް ވިދާޅުވީ މިހާތަނަށް އައިރު، ރިސޯޓުތަކުން ކުނި އުކަނީ އަމިއްލަ ފަރާތްތަކާ ހަވާލުކޮށްގެން ކަމަށެވެ. އަދި މިއީ ދެމެހެއްޓެނިވި ގޮތެއްގައި ރިސޯޓުތަކުން އުފައްދާ ކުނި މެނޭޖްކުރަން އެންމެ ރަނގަޅު ގޮތް ނޫންކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ވެމްކޯއިން ކުނި އުކައިދެނީ މިޚިދުމަތުގައި ރަޖިސްޓްރީވާ ރިސޯޓުތަކަށް އެކަންޏެވެ. ވަޒީރު ވަނީ ހުރިހާ ރިސޯޓުތަކުންވެސް ވެމްކޯގެ ކުނި އުކައިދިނުމުގެ ޚިދުމަތުގައި ބައިވެރިވުމަށް އެދިވަޑައިގެންފައެވެ.
"އަމިއްލައަށް އިސްނަގައިގެން ހުރިހާ ރިސޯޓުތަކުން ވެސް ވެމްކޯގެ ޚިދުމަތުގައި ބައިވެރިވާށޭ އަޅުގަނޑު ދަންނަވާނީ. ރާއްޖެ ރީތިކޮށް ބާއްވާ، ޓޫރިޒަމް ސެކްޓަރގައި މަސައްކަތްކުރާ ރިސޯޓުތަކަކީ ސާފު ރީތި ތަނަކަށް ހަދަންޖެހޭ." ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ވެމްކޯއިން މި ޚިދުމަތް ފެށުންވާނީ ސަރުކާރު ހިއްސާވާ ކުންފުނިތަކަކީ މާލީ ގޮތުން ފައިދާހުރި ތަންތަނަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ ސިޔާސަތަށް ލިބިގެންދާ ބާރަކަށް ކަމަށެވެ. އެގޮތުން ރިސޯޓުތަކުގެ ކުނި ވެމްކޯއިން އުކައިދޭން ފެށުމުން ރަނގަޅު އާމްދަނީއެއް އެ ކުންފުންޏަށް ލިބޭނެކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ވެމްކޯއިން ބުނީ ރިސޯޓުތަކުން އުފައްދާ ކުނި ނަގައިދޭން ފަށާފައިވަނީ ކުންފުނީގެ ސަރަޙައްދީ ޓްރާންސްފާރ ސްޓޭޝަންތަކަށް ކުނި ގެންދިއުމުގައި ރިސޯޓުތަކަށް ގޮންޖެހުންތަކާ ކުރިމަތިލާންޖެހޭތީ މި މައްސަލަ ހައްލުކުރުމަށް ކަމަށެވެ. އެހެންކަމުން މި ޚިދުމަތަށް ރަޖިސްޓްރީކުރާ ހުރިހާ ރިސޯޓްތަކަށްވެސް ވެމްކޯގެ އުޅަނދުތަކުގައި ކުނި ނަގައިދޭނެކަމަށް ވެމްކޯއިން ބުނެއެވެ.
ވެމްކޯއިން ބުނީ ދިވެހި ރާއްޖޭގެ ކުނި މެނޭޖްކުރުމާއި ބެހޭ ޤަވާއިދުގެ 5 ވަނަ އިސްލާހުގައިވާ ގޮތުގެ މަތީން ރިސޯޓްތަކުންވެސް ކުނި ނަގާނީ ޕްލާސްޓިކް، ބަދިގެ ކުނި، ބިއްލޫރި/މައުދަން އަދި އެހެނިހެން ކުނި ހިމެނޭހެން 4 ބަޔަށް ވަކިކުރުމަށް ފަހުގައި ކަމަށެވެ.. އަދި މިހަމަތަކުގެ މަތީން ކުނި ވަކިކުރުމުން، ދެމެހެއްޓިނިވި ގޮތެއްގައި ފަތުރުވެރިކަމަށްވެސް ރަނގަޅު އަސަރުތަކެއް ކުރާނެ ކަމަށް ވެމްކޯއިން ބުނެއެވެ.
މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވަޒީރު ޠާރިޤް އިބްރާހިމް މީގެ ކުރިން ވިދާޅުވެފައިވަނީ ބައެއް ރިސޯޓްތަކުން ކުނި މެނޭޖުކުރުމުގެ ކަންކަން އެންމެ ރަނގަޅަށް ތަންފީޒުކުރަމުން ނުދާކަމަށާއި މި މައްސަލަ ބޮޑަށް ކުރިމަތިވަނީ ރިސޯޓްތަކުން ކުނި އުކާލަން ހަވާލުކުރާ ކޮންޓްރެކްޓަރު، މޫދަށް ކުނި އެޅުން ނުވަތަ ޓްރާންސްފަރ ސްޓޭޝަނާ ހަމައަށް އެކަށީގެންވާ ގޮތުގައި އެ ކުނިތައް ނުގެންދާތީ ކަމަށެވެ.
ޚާއްސަކޮށް ބައެއް ރިސޯޓްތައް ކައިރީ އޮންނަ ރަށްރަށުގެ ގޮނޑުދޮށަށް ކުނި ލައްގާ މައްސަލައަކީ ކައުންސިލްތަކުން ހުށައަޅާ ވަރަށް ބޮޑު ޝަކުވާއެއްކަން ވަޒީރު ޠާރިޤް އިބްރާހިމް ފާހަގަކުރައްވާފައިވެއެވެ. ނަމަވެސް ރިސޯޓުތަކުގެ ކުނި ވެމްކޯއިން އުކާލަން ފެށުމުން މިކަންކަމަށް ހައްލު އަންނާނެކަމަށް ތިމާވެށްޓާ ބެހޭ ވަޒީރު ވިދާޅުވިއެވެ.