ޚަބަރު

ކައުންސިލްތައް މެދުވެރިކޮށް އައިޑީ ކާޑު ހެއްދުމަށް އެދެވޭނެ ޕޯޓަލެއް ޤާއިމުކުރަނީ


  • މި ޕޯޓަލް އިފްތިތާޙްކުރާނީ މިމަހު 18 ގައި

  • ޕޯޓަލްގެ ސަބަބުން އަތޮޅުތަކުން އައިޑީ ކާޑު ހައްދަން ފަސޭހަވާނެ

ރަށު ކައުންސިލްތައް މެދުވެރިކޮށް އައިޑީ ކާޑު ހައްދަން އެދެވޭ ގޮތް ހެދުމަށް ޕޯޓަލެއް ހެދުމުގެ މަސައްކަތް ޑިޕާޓްމަންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަން، ޑީ.އެން.އާރްއިން ފަށައިފިއެވެ.

މި ޕޯޓަލްގެ މަސައްކަތް ނިންމާ މިމަހުގެ 18 ވަނަ ދުވަހު ބޭނުންކުރަން ފެށުމަށް ދަނީ ތައްޔާރުވަމުންނެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ޑީ.އެން.އާރް ހިންގެވުމާ ހަވާލުވެ ހުންނެވި ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވުޒާރާގެ ނައިބު މިނިސްޓަރު އަޙްމަދު ޢާލީ ވިދާޅުވީ، ކޯވިޑް-19ގެ ކުރިން އެޕްލިކޭޝަން ހުށައެޅުމުން އައިޑީ ކާޑު ހެއްދުމަށް ކައުންސިލްތަކުން އެދެވުނު ނަމަވެސް މިހާރު އެ ޚިދުމަތް ބަންދުވެފައިވާ ކަމަށެވެ.

އެގޮތުން މިދިޔަ ސަރުކާރުން ކޯވިޑް-19އާ ގުޅިގެން އައިޑީ ކާޑު ހެއްދުމާއި އައު ކުރުމުގެ ޚިދުމަތަށް އެދުން އޮންލައިންކޮށް ކުރެވޭ ގޮތަށް ބަދަލުކުރުމުން، އައިޑީ ކާޑު ހައްދަން ކައުންސިލްތަކުގެ ކިބައިން ނޭދެވޭ ކަމަށް ޢާލީ ވިދާޅުވިއެވެ. އެކަމުގެ ސަބަބުން އަތޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް އައިޑީ ކާޑު ހެއްދުން ތަކުލީފަކަށްވެފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

ޢާލީ ވިދާޅުވީ، އޮންލައިން ޕޯޓަލެއް މެދުވެރިކޮށް ކޮންމެ ކައުންސިލެއް މެދުވެރިކޮށްވެސް އައިޑީ ކާޑު ހައްދަން ރައްޔިތުންނަށް އެދެވޭ ގޮތް ހެދުމަށް ނިންމާފައިވާ ކަމަށާއި މި ޕޯޓަލް މިމަހުގެ 18 ވަނަ ދުވަހު އިފްތިތާޙްކުރެވޭނެކަމަށެވެ.

"ޕޯޓަލްގެ ޒަރިއްޔާއިން ކައުންސިލްތަކަށް އައިޑީ ކާޑު ހައްދަން ހުށައެޅޭނެ. އަދި އައިޑީ ކާޑުގެ މަސައްކަތް ގޮސްފައިވާ ހިސާބުވެސް ޕޯޓަލް މެދުވެރިކޮށް ބަލައިލެވޭނެ." ޢާލީ ވިދާޅުވިއެވެ.

ޢާލީ ވިދާޅުވީ މިމަހުގެ 18 ވަނަ ދުވަހު ޕޯޓަލް އިފްތިތާޙްކުރުމަށްފަހު، 19 އަދި 20 ވަނަ ދުވަހު މި ޕޯޓަލްއަށް ކައުންސިލްތައް އަހުލުވެރިކުރުވުމަށް ތަމްރީން ޕްރޮގުރާމްތަކެއް ކުރިއަށްގެންދާނެ ކަމަށެވެ.

މިދިޔަ ސަރުކާރުން އައިޑީ ކާޑު ހެއްދުމަށް ހަމައެކަނި ޑީއެންއާރުގެ ކިބައިން އެދެވޭ ގޮތް ހެދުމުން ނުހެއްދި 3000 އަށްވުރެ ގިނަ އައިޑީ ކާޑު، މިސަރުކާރު ވެރިކަމާ ހަވާލުވިއިރު އޮތްކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވުޒާރާގެ ނައިބު މިނިސްޓަރު އަޙްމަދު ޢާލީ ވިދާޅުވިއެވެ. އަދި މި އައިޑީ ކާޑުތައް މިހާރު ހައްދާދީފައިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މިހާރު އައިޑީ ކާޑު ހެއްދެނީ ޑީއެންއާރުގެ ވެބްސައިޓަށް އައިޑީ ކާޑު ހެއްދުމަށް އެދި ހުށައަޅައިގެންނެވެ.