ޚަބަރު

ސްޓޯންސް ހުރީ މުޅި އިންގްލެންޑަށްޓަކައި ޔޫރޯގެ ތަށި އުފުލާލުމުގެ އުއްމީދުގައި


މެންޗެސްޓާ ސިޓީ އަށް ކުޅެމުން އަންނަ އިނގިރޭސި ޑިފެންޑަރު، ޖޯން ސްޓޯންސް ވަނީ، ހުރިހާ ކުޅުންތެރިންނަށް ވެސް ސައުތުގޭޓް ވަރަށް ރަނގަޅަށް އެނގޭ ކަމަށާއި، މުބާރާތުގެ ފައިނަލާ ހަމައަށް އިންގްލެންޑް ގެނެސްދިނުމުގައި ކޯޗު، ސައުތުގޭޓް އާއެކު ކޯޗިންގ ސްޓާފުންގެތެރޭގައި ހިމެނޭ ހުރިހާ އެންމެން ބުރަ މަސައްކަތްތަކެއްކޮށްފައިވާކަމަށް ބުނެފައެވެ.

އެހެންކަމުން، އެކަމަށްޓަކައި މުޅި އިނގިރޭސި ޓީމަށާއި، ހުރިހާ ކުޅުންތެރިންނާއި، ކުޅުންތެރިންގެ އާއިލާތަކުގެ އިތުރުން މުޅި ގައުމުގެ އެންމެހާ ރައްޔިތުންނަށްޓަކައި ޔޫރޯގެ ތަށި ހޯދުމަށް ބޭނުންވާ ކަމަށް ވެސް ސްޓޯންސް ބުންޏެވެ.

އިނގިރޭސި ޑިފެންސްގެ މިހާރު ހުރި އެންމެ މުހިއްމު ކުޅުންތެރިޔާ ކަމަށްވާ، ސްޓޯންސް އެންމެ ފުރަތަމަ 2016 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި އެ ޓީމާއެކު ނިކުތްއިރު ބެންޗުގައި އިންއިރު އޭގެ އަށެއްކަ އަހަރުފަހުން ޖެހިޖެހިގެން ދެވަނަ ފަހަރަށް އެ މުބާރާތުގެ ފައިނަލްގައި ވާދަކުރާނެކަމަށް ހީކޮށްފައިވާނުވާނަމަވެސް އުއްމީދަކީ ތަށި ކާމިޔާބުކުރުން ކަމަށް ވަނީ ބުނެފައެވެ.

އިންގްލެންޑުން އެންމެ ފަހުން ވާދަކުރި ބޮޑު ހަތަރު މުބާރާތުގައި އެ ޓީމު ކުޅުނު ހުރިހާ މެޗެއްގައި ކުޅެފައިވާ ސްޓޯންސްގެ ކެރިއަރުގެ ހުރިހާ ކަމެއް ބަދަލުވީ، 2016 ވަނަ އަހަރު އެވަޓަން ދޫކޮށް ސިޓީ އަށް ބަދަލުވި ހިސާބުންނެވެ. އިންގްލެންޑްގެ ކުރީގެ ކޯޗު، ރޮއީ ހޮޖްސަން މަގާމުން ދުރުކުރުމަށް ފަހު ގަރެތު ސައުތުގޭޓް އެ މަގާމާ ހަވާލުވީވެސް ހަމަ ދާދި އެ ދުވަސްވަރުގައެވެ.

ސައުތުގޭޓް މަގާމާ ހަވާލުވެ އެންމެ ފުރަތަމަ ބޭނުންވީ އެންމެ ފަހަތުން (ޑިފެންސުން) ބިލްޑް-އަޕް ފަށައިގެން ކުޅުވުމަށް، އެކަމަށްޓަކައި އިންގްލެންޑްގެ ޑިފެންސްގައި އޭރު ތިބީ ސްޓޯންސްގެ އިތުރުން ހެރީ މެގުއާ ވެގެންދިޔައީ ފަހަތުން ބޯޅަ ލިބޭ ދަނޑިވަޅުތަކުގައި ހަމަޖެހިލައިގެން ކުޅުމަށް އެންމެ އެކަށޭނަ ކުޅުންތެރިންނަށެވެ.

ޕެޕް ގާޑިއޯލާގެ އިރުޝާދުގެ ދަށުން، ސިޓީގައި ކުޅެމުންދިޔައިރު އިންގްލެންޑްގެ ކޯޗު، ސައުތުގޭޓްގެ ފުރިހަމަ އިތުބާރާއެކު އަމިއްލަ ގައުމުން ކޮންމެ މުބާރާތަކަށް ނިކުމެ، ހަތަރެއް ނުވަތަ ތިން ކުޅުންތެރިން އެކުލެވިގެންވާ ޑިފެންސަކަށް ވިޔަސް، ސްޓޯންސް ދިޔައީ ރަނގަޅު ކުޅުމެއް ދައްކައި، ސާބިތުކަމާއެކު މިހާރު ހުރި ފެންވަރަށް މި ޒަމާނުގެ ފުޓްބޯޅަ އަށް ވެސް އެކަށޭނަ، ދުނިޔޭގެ އެންމެ މޮޅު އެއް ސެންޓްރަލް ޑިފެންޑަރެއްގެ ޓެގު ހޯދައިގެންނެވެ.

ފީފާ ވޯލްޑް ކަޕް 2018 ގައި މެގުއާ އާއެކު އިނގިރޭސި ޑިފެންސްގައި މުހިއްމު ދައުރެއް އަދާކޮށް، އެ ފަހަރުގެ މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކުރިއިރު ސްޓޯންސް ވަނީ އެންމެ ފަހުގެ ޔޫރޯގައި އެ ޓީމުން ކުޅުނު ހުރިހާ މެޗެއްގައި ކުޅެ، ފައިނަލަށް ދަތުރުކޮށްފައެވެ. ނަމަވެސް، އެ ފަހަރު ޕެނަލްޓީ ޖަހައިގެން އިޓަލީ އަތުން ވަނީ ބަލިވެފައެވެ.

ދެން ކުޅެވުނު 2022 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި އިންގްލެންޑުން ކުޅުނު ފަސް މެޗުގައި އޭނާ ވަނީ ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅެފައެވެ. އެފަހަރުގެ މުބާރާތުގެ ކުއާޓާ ފައިނަލްގައި ފްރާންސް އަތުން ބަލިވިއިރު، މި އަހަރުގެ ޔޫރޯގައި އަންނަ އާދީއްތަ ދުވަހު ކުޅުމަށް ހަމަޖެހިފައިވާ ފައިނަލް މެޗު ވާނީ އިނގިރޭސި ޓީމަށް ސްޓޯންސް ކުޅޭނެ 79 މެޗަށެވެ. އަދި މިއަހަރުގެ މުބާރާތުގައި މިހާތަނަށް ކުޅެނޭ ހަތްވަނަ މެޗެވެ. އެންމެ ފަހުން ސެމީ ފައިނަލްގައި ނެދަލެންޑްސްއާ ދެކޮޅަށް ކުޅުނު މެޗުގައި ސްޓޯންސް ވަނީ މޮޅު ކުޅުމެއް ދައްކައި، އިނގިރޭސި ޑިފެންސްގައި ތަފާތު ދައްކާފައެވެ.

ކްލަބު ލެވެލްގައި މިދިޔަ އަހަރުތަކުގައި ސިޓީ އާއެކު ޖުމްލަ 16 ޓްރޮފީ އުފުލާލައިފައިވާއިރު، ސްޓޯންސް ގަބޫލުކުރާ ގޮތުގައި ފުޓްބޯޅައިގައި އޭނާ އަށް ހުރިހާ ކަމެއް ދަސްވެގެންދިޔައީ އެ ކްލަބުގެ މިހާރުގެ ކޯޗު، ގާޑިއޯލާގެ އިރުޝާދުގެ ދަށުން ކުޅެން ފެށި ހިސާބުން ކަމަށް ވަނީ ބުނެފައެވެ. އަދި ގާޑިއޯލާ އަކީ ތާރީޚުގައި މިހާތަނަށް ފެނިގެންދިޔަ އެންމެ މޮޅު ކޯޗުކަމަށް ސްޓޯންސް ބުނެއެވެ.

އިންގްލެންޑްގެ ކޯޗު، ސައުތުގޭޓްއާ ދެމެދު ސްޓޯންސްގެ އޮތް ގުޅުމާ ބެހޭގޮތުން ބުނީ، ކޯޗު ސައުތުގޭޓްގެ ކިބައިން ގިނަ ކަންތައްތަކެއް ދަސްވެފައިވާ ކަމަށެވެ. ޓީމުގެ ތެރޭގައި ޒަމާނުއްސުރެ އޮތް ސަގާފަތް ސައުތުގޭޓް އައިސް ބަދަލުކޮށްފައިވާ ކަމަށާއި، އެއީ ކުރަން އުނދަގޫކަމަކަށް ވިޔަސް އެކަން ކޮށްފައިވާ ކަމަށް ސްޓޯންސް ބުންޏެވެ.

ޓީމެއްގެ ގޮތުގައި ހިތްތިރިކަމާއެކު ކުޅެ، ގޮތްދޫނުކޮށް މޮޅުވުމަށްޓަކައި ގަދައަޅައި މަސައްކަތްކުރުމުން ފެށިގެން އިންގްލެންޑް ލައްވައި ކުޅުވަން ބޭނުންވާ ގޮތާއި، ހާސިލްކުރަން ބޭނުންވާ ކަންތައްތަކަށް ސާފުކޮށް ކިޔައިދީ ސައުތުގޭޓް އެގޮތަށް މަސައްކަތްކުރުމަށް ބާރު އަޅާ ކަމަށް ވެސް ސްޓޯންސް ވަނީ ބުނެފައެވެ.