ޚަބަރު

1.2 ބިލިޔަން ރުފިޔާގެ ޓީ-ބިލް ވިއްކަނީ


  • 1.2 ބިލިއަން ރުފިޔާގެ 4 ޓީބިލެއް ވިއްކުމަށްވަނީ ނިންމާފައި

  • ޓީ-ބިލްތަކުގެ އިންޓްރެސްޓް ރޭޓް އުޅެނީ %3.50 - %4.60 އާއި ދެމެދު

ސަރުކާރުގެ ޚަރަދުތައް ހަމަޖައްސުމަށް އަންނަ އާދިއްތަ ދުވަހުން ފެށިގެން ޓްރެޜަރީ ބިލް (ޓީ-ބިލް) ވިއްކަން ހުޅުވާލުމަށް މާލީ ވުޒާރާއިން ނިންމަވައިފިއެވެ.

މާލީ ވުޒާރާއިން ހުޅުވާލަނީ ޖުމްލަ 1.2 ބިލިޔަން ރުފިޔާގެ 4 ޓީބިލެއް ވިއްކުމަށެވެ.

ޓީ-ބިލްތަކުގެ ތަފްސީލް:

• 28 ދުވަހުން އަނބުރާ ދެއްކުމަށް ވިއްކާ 200 މިލިޔަން ރުފިޔާގެ ޓީ-ބިލް
• 98 ދުވަހުން އަނބުރާ ދެއްކުމަށް ވިއްކާ 120 މިލިޔަން ރުފިޔާގެ ޓީ-ބިލް
• 182 ދުވަހުން އަނބުރާ ދެއްކުމަށް ވިއްކާ 687 މިލިޔަން ރުފިޔާގެ ޓީ-ބިލް
• 364 ދުވަހުން އަނބުރާ ދެއްކުމަށް ވިއްކާ 202 މިލިޔަން ރުފިޔާގެ ޓީ-ބިލް

ޓީ-ބިލްތަކުގެ އިންޓްރެސްޓް ރޭޓް އުޅެނީ 3.50 އިންސައްތައާއި 4.60 އިންސައްތައާއި ދެމެދުގައެވެ.

ޓީ-ބިލަކީ ބަޖެޓްގެ ދަރަނި ފޫބެއްދުމަށް ވިއްކާ ދައުލަތުގެ ދަރަންޏެކެވެ. ޓީ-ބިލް ވިއްކަނީ އޭގެ އަސްލު އަގަށްވުރެ ހެޔޮކޮށް، އަދި ކަނޑައެޅިފައިވާ މުއްދަތެއް ހަމަވުމުން، އޭގެ ފައިސާ އަނބުރާ ދައުލަތުން އެފަރާތަކަށް އޭގެ އަސްލު އަގު އަދާކުރާގޮތަށެވެ. މީގެ ސަބަބުން ޓީ-ބިލަށް އިންވެސްޓްކުރާ ފަރާތްތަކަށް ފައިދާ ލިބެއެވެ.

ރާއްޖޭގައި މިހާރު ޓީ-ބިލްގައި އިންވެސްޓްކުރަނީ ބޭންކްތަކާއި، ޕަބްލިކް ކުންފުނިތަކާއި، ޕެންޝަން އޮފީހުގެ އިތުރުން އަމިއްލަ ކުންފުނިތަކުންނެވެ.