ޚަބަރު

އިންޖީނުގެތައް އަޅަން އާބާދީއާ ނުބައްދަލު މަޝްރޫޢުތައް ފަށާފައި އެބަހުރި: ވަޒީރު ޠާރިޤް


  • 60 ރަށެއްގެ ޕްރޮޖެކްޓް ނުނިންމާ އޮތީ ހުއްޓާލާފައި

  • ޕްރޮޖެކްޓްތަކަށް ބާޒާރު އަގަށްވުރެ އިތުރަށް %114 ރުފިޔާ ޚާރަދުކޮށްފައި އެބަހުރި

  • ނުފަށާ މަޝްރޫޢުތަކަށް އެޑްވާންގެގޮތުގައި ބޮޑެތި އަދަދުތަކުން ވަނީ ފައިސާ ދީގައި

އެންމެ ބޭނުންޖެހިފައިވާ ރަށްރަށުގެ ކަރަންޓުގެ މައްސަލަ ޙައްލު ނުވެ އޮތީ، އެކަމަށް ބޭނުންޖެހިފައި ނެތް ރަށްތަކުގައި މަޝްރޫޢުތައް ހިންގަން އުޅެފައި އޮތުމުންކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާ ޠާރިޤު އިބްރާހީމް ވިދާޅުވެއްޖެއެވެ.

ވަޒީރު ޠާރިޤް ވިދާޅުވީ ނިމުނު ސަރުކާރުގައި މަސައްކަތް ކުރީ ޕްރޮޖެކްޓްތަކެއް ފަށަންކަމަށެވެ. ނަމަވެސް އޭގެ މަންފާއާއި ފައިދާ ރައްޔިތުންނަށް ހޯދައިދޭން މަސައްކަތްކޮށްފައި ނެތްކަމަށެވެ.

ހަކަތައިގެ ދާއިރާއިން ކުރިއަށްގެންދާ މަސައްކަތްތަކުގެ މަޢުލޫމާތު ހިއްސާކުރަވަމުން، މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތިމާވެއްޓާ ހަކަތައާ ބެހޭ ވަޒީރު ޠާރިޤު އިބްރާހީމް ވިދާޅުވީ، އެކި މަރުޚާލާގައި 60 ރަށެއްގައި އިންޖީނުގޭގެ މަސައްކަތް ހުއްޓިފައި އޮތްކަމަށެވެ. މި މަޝްރޫޢުތަކަކީ ވަރަށް އިސްރާފު ބޮޑުކޮށް، ބާޒާރު އަގަށްވުރެ %114 އިތުރަށް ޚަރަދުކޮށްގެން ހަދަން ހަވާލުކޮށްފައިވާ ތަންތަންކަމަށް ވަޒީރު ވިދާޅުވިއެވެ.

ތާރިޤް އިބްރާޙިމް ވިދާޅުވީ، ރަށްރަށުގައި އިންޖީނުގެތަކާއި އިދާރީ އޮފީސް ހެދުމަށް، އާބާދީއާއި ނުބައްދަލު މަޝްރޫޢުތައް ފަށާފައި އެބަހުރިކަމަށެވެ. އެގޮތުން އާބާދީގައި 500-1000 މީހުންވެސް ހަމަނުވާ ރަށްތަކުގައި މިގޮތަށް މަސައްކަތް ހަވާލުކޮށްފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

އެންމެ ބޮޑު މައްސަލައެއްގެ ގޮތުގައި ވަޒީރު ފާހަގަކުރެއްވީ ޚަރަދުތައް ހަމަނުޖައްސާ މަސައްކަތްތައް ޙަވާލުކޮށް، އަދި ވަކި ހިސާބަކުން އެ މަޝްރޫޢުތައް މުޅިން ހުއްޓިފައިވާ މައްސަލައެވެ.

ވަޒީރު ވިދާޅުވީ ބޮޑެތި އިމާރާތްތަކެއް އެޅިނަމަވެސް، ރަށްތަކުގައި އޮތް ކަރަންޓުގެ މައްސަލައަށް ޙައްލު ހޯދަން އުޅެފައި ނެތްކަމަށެވެ. ބައެއް ރަށްތަކުގައި އިމާރާތެއްގެ މަސައްކަތް ކުރިނަމަވެސް ކަރަންޓު މައްސަލަ ޙައްލުކުރަން ބޭނުންވާ އިންޖީނާއި އަދި ބޭނުންވާ ވަސީލަތްތައްވެސް ހޯދާފައި ނެތްކަމަށް ވަޒީރު ވިދަޅުވިއެވެ.

"އެބަހުރި ރަށްރަށް ބޭނުން ނުވާވަރުގެ ބޮޑެތި ތަންތަން އަޅަން ޚަރަދުކޮށްފައި. އަސްލު އެކަމަށް ބޭނުން ޖެހިފައިވާ ރަށްތަށް އޮތީ ދޫކޮށްލާފައި. މައްސަލައަށް ޙައްލު ގެނައުމަށް ކުރަންޖެހޭ މުހިންމު މަސައްކަތްތައް ކޮށްފައެއް ނެތް. ޚާއްސަކޮށް ބޮޑެތި އާބާދީތަކަށް އޮތް ކަރަންޓުގެ މައްސަލައަށް ޙައްލެއް ގެނެވިފައެއް ނެތް." ހަކަތައާ ބެހޭ ވަޒީރު ޠާރިޤް އިބްރާޙިމް ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ، ޔުޓިލިޓީ ޚިދުމަތްދޭ ކުންފުނިތަކުގެ ތެރެއިން ފެކަނައިން ބޭކާރު ބޮޑެތި ޚަރަދުތަކެއް ކޮށްފައިވާކަން ފާހަގަކުރެވިފައިވާކަމަށެވެ.

އެގޮތުން ނެޓްވޯކް އަޕްގްރޭޑްކުރަން ބޭނުންވާ ކޭބަލާ ވަސީލަތްތައް ހޯދަންވެސް ކޮންޓްރެކްޓަރުންނާ ހަވާލުކޮށްފައި ވަނީ އެޑްވާންސްގެ ގޮތުގައި 15-20 އިންސައްތަ ރުފިޔާ ޚަރަދުކޮށްގެން ނަމަވެސް، އޭގެ ގިނަ މަސައްކަތްތައްވެސް ފުރިހަމަކޮށްފައި ނެތްކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.

މިގޮތަށް ހުރި މައްސަލަތައް ދެނެގަނެ، އެކަންކަން ޙައްލުކުރުމުގެ މަސައްކަތްތައް އެ ވުޒާރާއާއި ޔުޓިލިޓީ ކުންފުނިތައް ގުޅިގެން ކުރަމުންދާކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވަޒީރާ ޠާރިޤު އިބްރާހީމް ވިދާޅުވިއެވެ.