މިރޭގެ ފައިނަލް މެޗުން މޮޅުވެ މުބާރާތުގެ ޗެމްޕިއަންކަން ހޯދާ ޓީމަކަށް ދޭނީ ވާދައިގެ ތައްޓެކެވެ. މި ތަށީގެ އެންމެ ފުރަތަމަ ނަމަކީ ހެންރީ ޑެލައުނޭ ޓްރޮފީ އެވެ. ހެންރީ ޑެލައުނޭ އަކީ ޔޫރަޕުގެ ގައުމުތަކުގެ ފުޓްބޯޅަ މުބާރާތް ބޭއްވުމުގެ ހިޔާލު އެންމެ ފުރަތަމަ ހުށަހެޅި ފަރާތެވެ. އެކަމުގެ އޭނާއަކީ ޔޫއޭފާގެ ފުރަތަމަ ޖެނެރަލް ސެކްރެޓަރީ އެވެ.
ފްރާންސަށް އުފަން ޑެލައުނޭ އަށް ޔޫއޭފާގެ ޖެނެރަލް ސެކްރެޓަރީކަން ދިނުމުގެ ފަހަތުގައި ފޮރުވިފައިވާ ސިއްރަކީ އޭނާ އުފަންކުރުވި ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ހިޔާލު ހަގީގަތަކަށް ހެދުން ނަމަވެސް ހަނގުރާމަ އާއި ޒާތީ ސަބަބުތަކަކާހުރެ ބައިބައިވެ، ރޫޅިފައިއޮތް ޔޫރަޕުގެ އެންމެން އެއްގަލަކަށް އަރުވައި މި ހިޔާލު ހަގީގަތަކަށްވުމުގެ ކުރިން 1955 ވަނަ އަހަރު ޑެލައުނޭ ނިޔާވި އެވެ. އެއިރު ޑެލައުނޭ ހުރީ ޔޫރޯ ފުރަތަމަ މުބާރާތް 1960 ވަނަ އަހަރު ބޭއްވުމަށް ކުރަންޖެހޭ ގިނަ ކަންކައްތަކެއް ނިންމާފަ އެވެ.
މިހެންވެ އޭނާގެ މަސައްކަތް ނިންމުމުގެ ފުރުސަތު ލިބިގެން ޔޫއޭފާއާއެކު ބައްޕަ ފެށި މަސައްކަތް ނިންމަން އިސްވެ ހަވާލުވީ ޑެލައުނޭގެ ދަރިފުޅު ޕިއޭރޭ ޑެލައުނޭ އެވެ. މުބާރާތުގެ ތަށި ފަރުމާ ކުރުމުގައި ޑެލައުނޭ ގެންގުޅުނު ގްރީކުގެ ހަޟާރަތުގެ ސިފަތަކާއިގެން އިސްކޮށް މަސައްކަތް ކުރެއްވީ ވެސް ޑެލައުނާގެ ދަރިފުޅު ޕިއޭރޭ އެވެ.
ފުރަތަމަ މުބާރާތުން ފެށިގެން ޔޫރޯގެ ޗެމްޕިއަން ޓީމަށް ތަށި ދެމުން އައީ ޖެހިގެން އޮންނަ މުބާރާތް ފެށުމާ ހަމައަށް ޗެމްޕިއަން ޓީމުގެ ބެލުމުގެ ދަށުގައި ތަށި ބަހައްޓާ ގޮތަށެވެ. ނަމަވެސް މި ސަގާފަތް ބަދަލުކުރީ ޑެލައުނޭގެ ހިޔާލާ އެއްގޮތަށް ފަރުމާކުރި ތައްޓަށް 2008 ވަނަ އަހަރުގެ ބަދަލު ގެނައުމަށްފަހު އެވެ. ތައްޓަށް ބަދަލު ގެނައުމުގެ މައިގަނޑު ބޭނުމަކީ ޔޫރޯ ތަށި ޔޫއޭފާއިން އިންތިޒާމްކުރާ އެހެން މުބާރާތްތަކަށްވުރެ ކުޑަވުމުގެ ސަބަބުން މުބާރާތުގެ ހައިބަތު ކުޑަވާހެން ހީވާންފެށުމެވެ. ޔޫރަޕިއަން ޗެމްޕިއަންސް ލީގު ފަދަ މުބާރާތްތަކުގައި ދޭ ތައްޓާ އަޅާ ބަލާއިރު ޔޫރޯ ތަށި މާބޮޑަށް ކުޑަވުމުން ވެރިވާ ނިކަމެތިކަން ފަޅު ފިލުވާލުމަށެވެ.
އާ ޓްރޮފީ ތައްޔާރުކޮށްފައިވަނީ ސްޓާލިން ސިލްވާއިން، ބަރުދަނަކީ އަށް ކިލޯގްރާމެވެ. ދިގުމިނަކީ ދެ ފަތިގަނޑުގެ ދިގުމިން ކަމަށްވާ 60 ސެންޓި މީޓަރެވެ. ކުރީގެ ޓްރޮފީގައި ހިމެނުނު މާބްލް ބުޑު ނަގައި އެއްލާލާއި އައު ތަށީގައި ހަރުކޮށްފައިވަނީ ރިހިކުލައިގެ ފަސޭހައިން ނައްޓާލެވޭ ފަދަ ބުޑެކެވެ. ތަށީގެ ފުލުގައިވާ މިބުޑުގައި މުބާރާތުގެ ޗެމްޕިއަންކަން ހޯދާ ޓީމުތަކުގެ ނަން ކަނޑާ ނަގާނެ ޖާގަ ވަނީ ހޯދައިދީފަ އެވެ. ފްރާންސް ބަހުން ކުރިން ލިޔެފައިވާ ހެންރީ ޑެލައުނޭ ޓްރޮފީގެ ބަދަލުގައި މިހާރުގެ ތަށީގައި މުބާރާތުގެ ނަން ޖަހާފައިވަނީ އިނގިރޭސިބަހުންނެވެ.
މި ތަށި ހޯދުމަށް މުބާރާތަށް ކޮލިފައިވާ ކޮންމެ ގައުމަކަށް ޔޫއޭފާއިން ތައްޔާރުވުމުގެ ގޮތުން 9.25 މިލިއަން ޔޫރޯ ދޭނެ އެވެ. ގްރޫޕް ސްޓޭޖުން މޮޅުވާ ކޮންމެ މެޗަކަށް ދޭނީ އެއް މިލިއަން ޔޫރޯ އެވެ. އެއްވަރުވެއްޖެނަމަ ފަސް ލައްކަ ޔޫރޯ އެވެ. މުބާރާތުގެ ގަދަ 16 އަށްދާ ކޮންމެ ގައުމަކަށް އިނާމެއްގެ ގޮތުގައި 1.5 މިލިއަން ޔޫރޯ ލިބޭނެ އެވެ. ކުއާޓާ ފައިނަލް ކުޅޭ ކޮންމެ ޓީމަކަށް ލިބޭނީ 2.5 މިލިއަން ޔޫރޯ އެވެ. ސެމީ ފައިނަލް ކުޅޭ ކޮންމެ ގައުމަކަށް ހަތަރު މިލިއަން ޔޫރޯ ލިބޭއިރު މިރޭގެ ފައިނަލުން ބަލިވާ ޓީމެއް ރަށަށް ދާނީ ވެސް ފައިނަލް ކުޅުނު ކަމަށްޓަކައިދޭ ފަސް މިލިއަން ޔޫރޯގެ އިނާމް ފައިސާ ހިފައިގެން. މުބާރާތުގެ ޗެމްޕިއަން ޓީމަށް ކަނޑައަޅާފައިވަނީ އަށް މިލިއަން ޔޫރޯ އެވެ. މިހެންވެ މެޗަކުން ބަލިނުވެ ތަށި ހޯދާބަޔަކަށް އެކަނި ވެސް 28 މިލިއަން ޔޫރޯ ލިބޭނެ އެވެ.