ޖަރުމަނުގެ ބާލިން އަކީ ފުޓްބޯޅައިގެ މުއްސަދި ތާރީހެއް އޮތް ޝަހަރެވެ. މިރޭގެ ފައިނަލް މެޗު ކުޅޭ އޮލިމްޕިއާ ސްޓޭޑިއަމަކީ ޖަރުމަނުގެ ފުޓްބޯޅައިގެ ތާރީހާއި މާޒީގެ ހިތްގައިމުކަން ރީތިކޮށް ފެންނަންއޮތް ލާމަސީލު ނަމޫނާއެކެވެ.
ޔޫރޯ ވުޖޫދަށް ގެނައުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރި ބަޔަކީ ފަރަންސޭސީންނެވެ. އެ ގައުމުގައި މިހާރު ހުރި އެންމެ ވިދުންގަދަ ރެފްރީގެ ފަހަތުން ސްޕޭނާއި އިނގިރޭސިން ޖަރުމަނުގެ އޮލިމްޕިއާ ސްޓޭޑިއަމަށް ނުކުންނާނީ ހަސަދަވެރި ހިތަކާއިގެންނެވެ. ދެ ގައުމުން ވެސް ތިބީ ތައްޓާއެކު މުޅިން އައު ބާބެއް ފަށަން ތައްޔާރަށެވެ. އިނގިރޭސިން މިހާތަނަށް ކާމިޔާބު ކުރި ހަމައެކަނި ބޮޑު މުބާރާތަކީ 1966ގެ ވޯލްޑްކަޕެވެ. ތައްޓެއްނުލިބި ދިގުލައިދާ ސިލްސިލާއަށް މިހާރު 58 އަހަރުވެއްޖެ އެވެ.
އިނގިރޭސިން ބޭނުންވަނީ މިއީ ނުވާކަމަކަށް ހަދައި، އަދި މާބޮޑަށް މި ވާހަކަ ނުދައްކައި ތިބެ މިރޭގެ މެޗު ކާމިޔާބުކޮށް، މި މޮޅިވެރިކަމުން އަރައިގަތުމަށެވެ. އެމީހުން އެބުނާ ފުޓްބޯޅައިގެ އަސްލު ފަސްގަނޑަށް ޔޫރަޕުގެ ތަށި ގެނެސް ޝާހީ ގަނޑުވަރު، ބަކިންހަމް ޕެލަސްގެ ކުރިމަތީގައި ހަވާ އަރުވައި އުފާފާޅު ކުރުމަށެވެ. އިނގިރޭސިން ހިތުގައި ޖެހިފައިއެވަނީ އެމީހުން ތައްޓެއްގެ އިންތިޒާރުގައި ތިއްބައި ހީވެސް ނުކުރާ ގައުމުތަކުން ގޮސް ތަށިތަކެއް ހޯދާފައިވާތީ އެވެ. ސްޕޭނަށް އެކަނި ބަލި ނަމަވެސް ފާއިތުވެދިޔަ 58 އަހަރު ތެރޭގައި އެގައުމުން ޔޫރޯ ތިން ފަހަރު އަދި ވޯލްޑްކަޕެއް ކާމިޔާބުކޮށް އެމީހުންނަކީ ހުރިހާ ގޮތަކުން ވެސް އިނގިރޭސިންނަށްވުރެ މޮޅު ބައެއްކަން ސާބިތުކޮށްދީފަ އެވެ. މިރޭގެ މެޗުން މޮޅުވެއްޖެނަމަ ހަތަރު ތައްޓާއެކު ސްޕޭން ވެގެންދާނީ ޔޫރޯގެ ތާރީހުގައި ވެސް އެންމެ ކާމިޔާބު ގައުމަށެވެ.
ސްޕޭން ޓީމަކީ ފަހަތާއި މެދާއި ކުރި ވެސް އެއްވަރަކަށް ވަރުގަދަ ޓީމެކެވެ. މުޅި ޓީމަށް އާރޯކަން ގެނުވައިދޭ ކުޅުންތެރިއަކީ އެފަދައެއް ނެތް މިޑްފީލްޑަރު ރޮޑްރީ އެވެ. އޭނާއާ ނުލައި ސްޕޭން ޓީމުގައި ވިންދު ނުޖަހާނެ ކަމަށް ބުނާ މީހުން މަދެއްނޫނެވެ. ރޮޑްރީގެ މޮޅު ކުޅުމާއެކު ފަބިއަން ރުއިޒްގެ އަޒުމް ކަނޑައަޅައިގެން އެހުރީ މޮޅު ފުޓްބޯޅަ ކުޅުންތެރިއަކަށް އޭނާ ހަދައިދިނުމަށް ނުނިދައި، ނުކައި ނުބޮއިހުރެ މަންމަ އުފުލި ގުރުބާނީގެ އަގު ރަންމެޑައްޔަކުން ހޯދައިދިނުމަށެވެ.
16 އަހަރުގެ ލަމީން ޔަމާލުގެ ވިދުވަރަކީ، ދުނިޔޭގެ މޮޅު ކުޅުންތެރިޔާ ލަޔޮނަލް މެސީ އޭނާ ފެންވަރުވައިގެން ލިބިފައިވާ އެއްޗެއްނަމަ އެހުރިހާ ހުނަރަކާއި ކުޅަދާނަކަމެއް ޔަމާލަށް ލިބިފައިހުރިކަމާމެދު ޝައްކެތްނެތެވެ. ޖަރުމަނުގެ ގާނޫނުން 18 އަހަރުގެ ކުއްޖަކު ރޭގަނޑު 11ގެ ފަހުން މަސައްކަތް ކުރުން މަނާކޮށްފައި އޮތަސް ޔަމާލާއި ސްޕޭންގެ ފެޑަރޭޝަނުން ތައްޔާރުވެ އެތިބީ މިއިން ކަމަކަށް ފަރުވާލެއްނެތި ތަށި ހިފައިގެން ގައުމަށް ދިއުމަށް ތައްޔާރަށެވެ. ޔަމާލަކީ މިހާރު ވެސް ދުނިޔޭގެ ތަރިއެކެވެ. އޭނާގެ ޕާޓްނަރު ނިކޯ ވިލިއަމްސް އާއި ޑެނީ އޮލްމޯ ތައްޔާރުވެގެން އެތިބީ ޔޫރޯ ތައްޓާއެކު އެމީހުންގެ އަގު އަރައިދާ ގޮތަކުން ކުރިމަގު ބައްޓަންކުރަން ތައްޔާރުވެގެންނެވެ.
ސްޕޭނު މަތީ ފަންތީގެ ވަފުދެއް މިއަދު ޖަރުމަނަށް ވަޑައިގަތީ މި އުއްމީދުތައް ފުރިހަމަވާނެކަމުގެ ޔަގީންކަން އޮތްލެއް ބޮޑުކަމުންނެވެ. ފުޓްބޯޅަ ފެޑަރޭޝަނުގެ ރައީސް ޖަރުމަނަށް ވަޑައިގަތީ ސަރުކާރުގެ އިސް އެތައް ވަޒީރުންނަކާއެކުގަ އެވެ. ސްޕޭނުގެ ރަސްގެފާނު ޕިލިޕޭ ހުއާން ޕަބްލޯ އަލްފަސޯގެ ޖަރުމަނަށް ވަޑައިގަތްއިރު ރިއާސީ ފްލައިޓްގައި އަރިހުގައި ގެންދިޔަ ހަމައެކަނި ފަރާތަކީ އަނިޔާގެ ސަބަބުން މިފަހަރުގެ ޔޫރޯގައި ނުކުޅެވުނު މިޑްފީލްޑަރު ފަބްލޯ ގަވީ އެވެ. ރަސްގެފާނު ވިދާޅުވީ ބާސެލޯނާގެ މިޑްފީލްޑަރު ގަވީ އަކީ ސްޕޭން ޓީމުގެ މެމްބަރެއް ކަމަށާއި ހުރިހާ ކާމިޔާބީއެއްގައި ގަވީ ބައިވެރިވާންޖެހޭނެ ކަމަށެވެ.
މިވަރުގެ އެކުވެރިކަމެއް އިނގިރޭސިވިލާތުން ފެނުނަކީ ދުރުކަމެކެވެ. ރަސްގެފާނު ޗާލްސް އާލާސްކަންފުޅާހެދި މެޗު ބައްލަވަން ވަޑައިނުގަންނަވާނެ އެވެ. އިނގިރޭސި ވަފުދުގައި އިސްކޮށް ހުންނަވާނީ ޗާލްސްގެ ދޮށީ ދަރިކަލުން، ފްރިންސް ވިލިއަމް އެވެ. މިއީ އިނގިރޭސި ފުޓްބޯޅަ ފެޑަރޭޝަނުގެ ރައީސްކަން ވެސް ކުރައްވާ ވިލިއަމް އިނގިރޭސިން ކުޅޭ މެޗު ބައްލަވަން ޖަރުމަނަށް ވަޑައިގެންނެވި ތިން ވަނަ ދަތުރުފުޅެވެ. މިހެންވެ އޭނާ އުއްމީދުކޮށްގެން ހުންނެވީ ތިނެތިން އެކަނި ކާމިޔާބުވާ ބީދައިން ތަށި ހިފައިގެން އެނބުރި ރަށަށް ދިއުމަށެވެ.
އަނެއްކޮޅުން އިނގިރޭސި އައު ބޮޑުވަޒީރު ކިއާ ސްޓާމާ ދެކެވަޑައިގަންނަވަނީ ރިޝީ ސުނާކްގެ ސަރުކާރު ބަދަލުވެ، އޭނާގެ ލޭބަރ ޕާޓީއަށް ވެރިކަން ލިބުމަކީ މިރޭގެ މެޗު ކާމިޔާބު ކުރުމަށް ލިބުނު އިތުރު ހިތްވަރެއް ކަމަށެވެ. އަމުދުން ޕެނަލްޓީ ޖަހަންވެއްޖެނަމަ އޭނާ ހުރީ ވަރަށް ބޮޑު ޔަގީންކަމެއްގަ އެވެ. އެއީ ގޯލްކީޕަރު ޖޯޑަން ފިކްފޯޑް ގެންގުޅޭ ބޯ ފެންފުޅީގައި އިދިކޮޅު ކުޅުންތެރިން ޕެނަލްޓީ ޖަހާ ފަޅި އާއި އަމަލުކުރަންވީ ގޮތް ލިޔެފައިވާތީ އެކަންޏެއްނޫނެވެ. ބޮޑުވަޒީރު ވިދާޅުވީ ލޭބަ ޕާޓީގެ ވެރިކަމެއްގައި އިނިގިރޭސިން އަދި ޕެނަލްޓީއެއް ނަގާލާފައިނުވާ ކަމަށެވެ. ނަމަވެސް 90 މިނިޓްގައި އިނގިރޭސިން ކާމިޔާބު ހޯދާނެ ކަމާމެދު އޭނާގެ އެއްވެސް ޔަގީންކަމެއްނެތެވެ.
އެހެން ހުރިހާ ކުޅުންތެރިންނަށްވުރެ މި ފަހަރުގެ މުބާރާތުގައި އިނގިރޭސި ޓީމުގެ އެންމެ ވިދުންގަދަ މީހަކީ 21 އަހަރުގެ ޖޫޑް ބެލިންހަމް އެވެ. ޕޯލް ސްކޯލްސް އާއި ސްޓީވަން ޖެރާޑާއި ފްރޭންކް ލަމްޕާޑް އަދި މައިކަލް އޮވެން އާއި ވޭން ރޫނީގެ ރަންދުވަސްވަރަށްވުރެ ބޮޑަށް އިނގިރޭސި ސަޕޯޓަރުންގެ ހިތުގެ ވިންދުތަކާ ގުޅިފައިވާ މީހަކީ ބެލިންހަމް އެވެ. ރެއާލް މެޑްރިޑުގައި ސްޕެނިޝް ލީގާއި ޔޫރަޕިއަންސް ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައިވުމުން ޔޫރޯ ތާޖު އޭނާގެ ބޮލަށް މަހާލައިފިނަމަ ޔަގީނުން ވެސް ބެލިންހަމް ވެގެންދާނީ މި އަހަރުގެ ބެލެންޑިއޯ ހޯދުން އެންމެ ގާތް ކުޅުންތެރިޔާ އަށެވެ. އެއިރުން މަންމަގެ ނުހަނު ލޯބިވާ ޕްރިންސް ބެލިންހަމް ވެގެންދާނީ އިނގިރޭސި ފައިސާފޮތި ޕައުންޑްގެ މޫނުމައްޗަށެވެ.