ކުޅިވަރު

ޓޮމްއާއި ވާދަކުރައްވާނެ ކެންޑިޑޭޓެއް ނެތް


އަހުމަދު ތާރިޤް ފިޔަވައި އެހެން ބޭފުޅަކު އެފްއޭއެމްގެ ޗެއަރމަންކަމަށް ކުރިމަތިނުލައްވާކަމަށް ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއަރމަން ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެއެވެ. އިއްޔެ މުއްދަތު ހަމަވިއިރު މަޤާމަށް ކުރިމަތިލެއްވީ ޤައުމީ ޓީމްގެ ކުރީގެ ފޯވާޑް އަދި މިހާރު ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތާރިޤް، ޓޮމްއެވެ. 

މައުލޫމާތުލިބިފައިވާ ގޮތުގައި ވައިސް ޗެއަރމަންކަމަށް ކުރިމަތިލެއްވީ ނިއުރޭޑިއަންޓާއި ޤައުމީ ޓީމްގެ ކުރީގެ ކެޕްޓަން މުޙައްމަދު ކަލީމާއި، ވެލެންސިޔާއާއި ނިއުގެ އިތުރުން ޤައުމީ ޓީމްގައި ކުރިން މޮޅަށް ކުޅުނު މިހާރުވެސް އެއިދާރާގެ ބޯޑު މެމްބަރު އަލީ އުމަރެވެ. ނިއުގެ ބޯޑް މެމްބަރު އަދި ގިނަ ކުޅިވަރުތަކަކުން ފާހަގަކުރެވިފައިވާ އައިޝަތު ނާޒިމާއާއި، ނިއުގެ ކުރީގެ ބޯޑް މެމްބަރު އަހުމަދު ޒަރީރު އެފްއޭއެމްގެ އެކްސްކޯއަށް ކުރިމަތިލައްވާފައިވާކަމަށް މައުލޫމާތުލިބެއެވެ. ނަމަވެސް ކުރިމަތިލެއްވި ފަރާތްތައް އެފްއޭއެމްއިން އަދި ހާމައެއްނުކުރައްވައެވެ. މިއަދުގެ ވަގުތެއްގައި އިއުލާންކުރައްވާނެކަމަށް އެއިދާރާއިން މައުލޫމާތުދެއްވައެވެ.